Support Us

ރަތްކުލައިން ފާހަގަކޮށްފައިވަނީ މާލޭ ނޯތު ހާބަރގެ "ޒޯން އޭ". މި ޒޯންގެ ބޭނުންހިފާ ހުރިހާ އުޅަނދުފަހަރެއް މިހާރު ވަނީ ވަގުތީ ގޮތުން ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި) ސަރަހައްދަށް ބަދަލުކުރެވިފައި

ނޯތު ހާބަރުގެ ފީތައް ބޮޑުކުރުމަށް އެއްވެސް މަޝްވަރާއެއް ނުކުރަން: އެމް.ޕީ.އެލް

މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ބުނެފިއެވެ.

އެމް.ޕީ.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ "އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް" ކަމަށެވެ.

"ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ. އެހެންކަމުން، މި ކުންފުނިން ދަނީ އެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ." އެމް.ޕީ.އެލްގެ ބަޔާނުގައި ބުނެއެވެ.

"މަސްވެރިކަން ކުރާ އޮޑި ދޯނިފަހަރަށް ޚާއްސަކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގައެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު މި ކުންފުނިން އަމަލުކުރަމުންދިޔަ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުމެވެ. މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެކެވެ. އަދި ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ."