Support Us

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓަކީ ބީ.އެމް.އެލްގެ "ސްވައިޕް"

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދު ސްޓްރެޓިޖިކް އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އެންމެ ފަހުގެ ޓެކްނޮޖަލީގެ އެހީގައި، މި އެއްބަސްވުމާއެކު އިތުރަށް ފުރިހަމަކުރުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ." ބީއެމްއެލް އިން ބުނެއެވެ.

"ނިމިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗަރތައް ތަޖުރިބާ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތުވަނީ ކަސްޓަމަރުންނަށް ހުޅުވައިލާފައެވެ."

މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރި ސްޓްރެޓިޖިކް ޕާޓްނަޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ޕާޓްނަޝިޕްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުމެވެ.