އިނގިރޭސި ވިލާތުގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ ބަފްޓާގައި "ވަން ބެޓްލް އާފްޓާ އެނަދާ"އަށް ހަ އެވޯޑު ލިބިއްޖެއެވެ. މިއީ މި ފަހަރުގެ އިނގިރޭސި ފިލްމް އަދި ޓީވީ އެކަޑަމީގެ އެވޯޑުގައި އެންމެ ގިނަ އިނާމު ލިބުނު ފިލްމެވެ.
އާދީއްތަ ދުވަހު ބޭއްވި ހަފުލާގައި އެ ފިލްމަށް އެވޯޑު ލިބުނު ބައިތަކަކީ:
- އެންމެ މޮޅު ފިލްމް – ޕްރޮޑިއުސަރުން ޕޯލް ޓޯމަސް އެންޑާސަން އަދި ސާރާ މާފީ
- އެންމެ މޮޅު ޑިރެކްޓަރު – ޕޯލް ޓޯމަސް އެންޑާސަން
- އެންމެ މޮޅަށް ވާހަކައަކަށް ސްކްރީންޕްލޭ ހެދުން – ޕޯލް ޓޯމަސް އެންޑާސަން
- އެންމެ މޮޅު ދެވަނަ ބަތަލު – ޝޯން ޕެން
- އެންމެ މޮޅަށް މަންޒަރު ނެގުން – މައިކަލް ބޯމަން
- އެންމެ މޮޅު އެޑިޓިން – އެންޑީ ޖާގަންސަން
އެވޯޑު ލިބުމުން ޕޯލް ބުނީ ފަހަކަށް އައިސް ރަނގަޅު ފިލްމް ނުހުންނަ ކަމަށް ޝަކުވާކުރާ މީހުންނަށް އިނގިރޭސި ވިލާތުގެ ފިލްމާއި ޓީވީ އެކަޑަމީން އެ ދިނީ ރަނގަޅު ޖަވާބެއް ކަމަށެވެ.
"އަހަރެން ބޭނުން ޝުކުރު އަދާކުރަން. ދެން ދާންވީ ކޮންމެވެސް ތަނަކަށް ކާލަން،" އޭނާ ބުންޏެވެ.

ޕޯލްއަކީ އެކި ފެސްޓިވަލްތަކުން އެތައް ފަހަރަކު އެވޯޑު ހޯދައި އަދި ނޮމިނޭޓް ވެސް ވެފައިވާ ޑިރެކްޓަރެކެވެ. އޭނާގެ ފިލްމް "ދެއާ ވިލް ބީ ބްލަޑް"އަށް ވަނީ އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑުގައި އެންމެ މޮޅު ފިލްމްގެ މަގާމު 2008 ގައި ދީފައެވެ.
ޝޯންއަށް އެވޯޑު ހަފުލާއަކަށް ނާދެވުނެވެ.
"ވަން ބެޓްލް އާފްޓާ އެނަދާ"ގައި ދައްކައިދެނީ އިންގިލާބީ ހިޔާލުތައް ގެންގުޅޭ ޝަހުސިއްޔަތެއް އޭނާ އެ ކަންތައްތަކާ ދުރުވެ، ފަހުން ހަޔާތުގައި ދިމާވާ ކަންތައްތަކެވެ. އެ ރޯލު އަދާކޮށްފައިވަނީ އޮސްކާ އެވޯޑު ހޯދައިފައިވާ އަދި "ޓައިޓޭނިކު"ން މަޝްހޫރުވި ބަތަލު ލިއޮނާޑޯ ޑިކެޕްރިއޯއެވެ. އޭނާ ވަނީ އެ ރޯލަށް އެންމެ މޮޅު ބަތަލުގެ ބައިން ނޮމިނޭޓްވެފައެވެ.
މި ފަހަރުގެ ބަފްޓާ އެވޯޑު އިތުރަށް ލިބުނީ:
- އެންމެ މޮޅު ބަތަލު – ރޮބަޓް އާރާމާޔޯ، ފިލްމް "އައި ސްވެއާ"
- އެންމެ މޮޅު ބަތަލާ – ޖެސީ ބަކްލީ، ފިލްމް "ހެމްނެޓް"
- އެންމެ މޮޅު ދެވަނަ ބަތަލާ – ވޫންމީ މޯސާކޫ، ފިލްމް "ސިނާސް"
- އެންމެ މޮޅު އަލަށް އަރަމުން ދާ ތަރި – ރޮބަޓް އާރާމާޔޯ
- އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ – "ސިނާސް"
- އެންމެ މޮޅު އެކްޓަރުންގެ ގްރޫޕު – "އައި ސްވެއާ"
- އެންމެ މޮޅަށް ތަންތަން ތައްޔާރުކުރުން – "ފްރޭންކެންސްޓެއިން"
- އެންމެ ރަނގަޅު އަޑު – "އެފް-1″
- އެންމެ މޮޅު ސްޕެޝަލް އެފެކްޓްސް – "އެވަޓާ: ފަޔާ އެންޑް އޭޝް"
- އެންމެ މޮޅަށް ހެދުން ފަރުމާކުރުން – "ފްރޭންކެންސްޓެއިން"
- އެންމެ މޮޅު މޭކަޕް އަދި އިސްތަށިގަނޑުގެ ސްޓައިލް – "ފްރޭންކެންސްޓެއިން"
- އެންމެ މޮޅު ބެކް މިއުޒިކް – "ސިނާސް"
- އެންމެ މޮޅު ޑޮކިއުމެންޓްރީ – "މރ. ނޯބޮޑީ އަގެއިންސްޓް ޕުޓިން"
- އެންމެ މޮޅު ކުޑަކުދިންގެ އަދި އާއިލާއަށް އެކަށީގެންވާ ފިލްމް – "ބޫންގް"
- އެންމެ މޮޅު ކާޓޫނު ފިލްމް – "ޒޫޓޯޕިއާ 2″
- ފިލްމް، ގޭމް އަދި ޓީވީއަށް އާދަޔާހިލާފު ހިއްސާއެއް ހަޔާތުގައި ކޮށްފައިވާތީ ދޭ ފެލޯޝިޕް – ޑޯނާ ލެންގްލީ
- އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ހަދައިފައިވާ އެންމެ މޮޅު ފިލްމް – "ސެންޓިމެންޓަލް ވެލިއު"
- އިނގިރޭސި ވިލާތުން އުފެއްދި އެންމެ މޮޅު ފިލްމް – "ހެމްނެޓް"
- ފިލްމަށް އާދަޔާ ހިލާފު ހިދުމަތެއް ކޮށްދިން އިނގިރޭސި ވިލާތުގެ މީހާ – ކްލެއާ ބިންސް
- އިނގިރޭސި ރައްޔިތަކު ފުރަތަމަ ފަހަރަށް ލިޔެ، ޑިރެކްޓްކުރި އަދި ޕްރޮޑިއުސްކުރި އުފެއްދުން – އަކިނޯލާ ޑޭވީސް ޖރ. އަށް ފިލްމް "މައި ފާދާސް ޝެޑޯ"އިން
- އެންމެ މޮޅު އިނގިރޭސި ވިލާތުގެ ކުރު ފިލްމް – "ދިސް އިސް އެންޑޮމެޓްރިއޮސިސް"
- އެންމެ މޮޅު އިނގިރޭސި ވިލާތުގެ ކުރު ކާޓޫނު ފިލްމް – "ޓޫ ބްލެކް ބޯއިސް އިން ޕެރެޑައިސް"



advertisment