Support Us

އަޙްމަދު: ބައްޕަގެ ފިޔަވަޅު މަތީގައި އެމްޕީއެލްގެ ޑޮކްޔާޑަށް

ތިލަފުށީގައި ހިންގަމުންދާ އެމްޕީއެލްގެ ޑޮކްޔާޑަކީ ކަނޑު އުޅަނދުތަކަށް ބޭނުންވާނެ ޒަމާނީ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ފޯރުކޮށްދޭ ތަނެކެވެ. ހުނަރާއި ތަޖުރިބާ ލިބިފައިވާ އަދި އިތުބާރު ކުރެވޭ ފަންނީ މުވައްޒަފުންގެ ޓީމެއްވެސް އޮތް ތަނެކެވެ. އެމްޕީއެލްގެ މި ޓީމުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ޑޮކްޔާޑުގައި އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފަކީ މ. ދިއްގަރަށް އުފަން އަޙްމަދު މުޙައްމަދެވެ. އޭނާ އެމްޕީއެލްގައި މަސައްކަތް ކުރާތާ 21 އަހަރު ވެއްޖެ އެވެ.

އެމްޕީއެލް އިން އަޙްމަދަށް ފުރުސަތު ލިބުނީ އޭނާ އޭރު ކިޔަވައިގެން ހުރި ވެލްޑިންގެ ދާއިރާގެ ވަޒީފާއަށް މީހުން ހޯދުމަށް ހުޅުވާލި ވަގުތު އެކަމަށް ކުރިމަތިލުމުންނެވެ. ވެލްޑަރއެއްގެ މަޤާމުގައި އެމްޕީއެލްއާ ގުޅުނު އަޙްމަދަކީ މިއަދު ތަނުގައި ހުރި އެންމެ ތަޖުރިބާކާރު ވެލްޑަރެވެ.

ސްޕެޝަލިސްޓް ވެލްޑަރ މަގާމުގައި ހުރެ، މުހިއްމު ޒިންމާތަކެއް އަދާކުރަމުންދާ އަޙްމަދަކީ ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމަށްޓަކައި ތަމްރީންވެސް ކުރެވިފައިވާ މުވައްޒަފެކެވެ. އެގޮތުން އަޙްމަދު ވަނީ އެލަމެންޓްރީ ފަސްޓް އެއިޑްގެ އިންޓަނޭޝަނަލް ކޯހެއް ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން ވެލްޑިން އާ ގުޅުން ހުރި ކުދި ކޯސްތަކާއި ތަމްރީންތައްވެސް އަޙްމަދު ވަނީ ހަދައިފައެވެ.

އަޙްމަދު ބުނި ގޮތުގައި އޭނާއަށް ވެލްޑިން ދާއިރާއަށް ވަދެވުނީ ކުޑައިރު ބައްޕައާ އެކު ކަނބުރުގޭގެ މަސައްކަތްތަކުގައި އުޅެވިފައިވާތީ ބައްޕަގެ ފަރާތުންނެވެ.

"އަޅުގަނޑު ވެލްޑިން ދާއިރާއަށް ޝައުޤުވެރިވީ އަޅުގަނޑުގެ ބައްޕައަކީ ކުރީގައި ބުނާނަމަ ފޯޖު ވެލްޑިން، އަނެއްހެން ބުނާނަމަ ދަގަނޑު ތަޅައި ކަނބުރު ވެލްޑިން ކުރި މީހެއް. ދެން އެތަން އަޅުގަނޑު ޅަ އިރު ފެނި ބައްޕައާ އެކު ގިރުނބާ ދަމަން އެހެން އުޅުމުގެ ތެރޭގައި އަޅުގަނޑު އެކަމަށް ޝައުޤުވެރިކަން އުފެދުނީ،" އަޙްމަދު ބުންޏެވެ.

އަޙްމަދުގެ މައިގަނޑު އެއް ކަންބޮޑުވުމަކީ މަސައްކަތުގައި އުޅޭއިރު ބައެއް ކަހަލަ ތަކެއްޗާއި ސާމާނު ލިބުން ދަތިވުމެވެ. އެކަމަކު ލިބެން ހުރި އެއްޗެއްގެ ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަޙްމަދު އިސްކަންދެ އެވެ.

ޒުވާނުންނަށް އަޙްމަދު ދޭ މެސެޖަކީ ވަޒީފާއެއްގައި ކުރިއަށްދާން ބޭނުންވާނަމަ އެމްޕީއެލް އިޚްތިޔާރުކުރުމެވެ. ޤައުމަށް ޚިދުމަތް ކުރުމަށް ޒުވާނުން ކުރީ ސަފަށް ނިކުމެ ހުނަރެއް ދަސްކުރުމަށްވެސް އަޙްމަދު އެދިފައިވެ އެވެ.

"އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ މިދާއިރާއަށް އައިސްގެން، އެމްޕީއެލްގެ މިމަޤާމަށް ޖޮއިން ކުރާށޭ. އެއީ މިއީ ވަރަށް ކުރިމަގު އުޖާލާ ދާއިރާއެކޭ. އެމްޕީއެލްގައި ކުރިއަށްދާނެ ހުރިހާ ވަސީލަތްތަކެއް ހުރީ ފަހިކޮށްދީފިއޭ. އަޅުގަނޑު، އަޅުގަނޑުގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވަން،" ޒުވާނުންނަށް ދިން މެސެޖުގައި އަހްމަދު ބުންޏެވެ.