Support Us

"ޗެލެންޖަރު" ގޮވުމުގެ ހާދިސާއަށް 40 އަހަރު ފުރުން ފާހަގަކޮށްފި

ހަތް ފަޅުވެރިންނާއެކު ނައްޓައިލިތާ ދެ މިނެޓު ވެސް ނުވަނީސް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޖައްވީ އުޅަނދު "ޗެލެންޖަރު" ގޮވުމުގެ ހާދިސާއަށް 40 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ޗެލެންޖަރު ގޮވީ 1986 ގެ ޖަނަވަރީ 28 ގައި ފްލޮރިޑާ ސްޓޭޓްގެ ކެނެޑީ ޖައްވީ މަރުކަޒުން ނައްޓައިލިތާ 73 ސިކުންތު ތެރޭގައެވެ.

މި ހިތާމަވެރި ހާދިސާ ފާހަގަކުރަން ހަނދާނީ މޮނިއުމެންޓްގައި މާ ބެހެއްޓި ރަސްމިއްޔާތުގައި ޗެލެންޖަރުގެ ޕައިލެޓް މައިކަލް ސްމިތުގެ އަންހެން ދަރިފުޅު އެލިސަން ބާލްޗް ރޮމުން ބުނީ ޗެލެންޖަރު ގޮވި ހާދިސާއަކީ "ބުނަން ނޭނގޭ އަދަދެއްގެ މީހުންގެ ދިރިއުޅުން ބަދަލުކޮށްލި" ކަމެއް ކަމަށެވެ.

"އެ ގޮތުން ވިސްނާއިރު މި ހާދިސާގެ ބައެއް އަހަރެމެން އެންމެންނަކީ ވެސް،" ރަސްމިއްޔާތުގައި ހިތާމަ ފާޅުކުރަމުންދިޔަ މީހުންނާ މުހާތަބުކޮށް އެލިސަން ބުންޏެވެ.

"ޗެލެންޖަރު"ގެ ޕައިލެޓް މައިކަލް ސްމިތުގެ ހުވަފަތް އަންހެނުން ޖޭން ސްމިތު-ހޯލްކަޓް (މ) އަދި ދަރިފުޅު އެލިސަން ސްމިތު ބާލްޗް ހަނދާނީ މޮނިއުމެންޓްގައި އިއްޔެ މާ ބަހައްޓަނީ

މައިކަލްގެ ހުވަފަތް އަންހެނުން ޖޭން ސްމިތު-ހޯލްކަޓް ބުނީ "މައިކަލް ނެތްތަން ކޮންމެ ދުވަހަކު ވެސް އިހްސާސްކުރެވޭ" ކަމަށެވެ.

ޗެލެންޖަރު ގޮވުމުގެ ހާދިސާއިން ހިތާމަވެރި ފިލާވަޅުތަކެއް ލިބުނު ކަމަށް ނާސާގެ އޮފިޝަލުން ބުންޏެވެ.

"ކަންތައްތަކަށް ސަމާލުކަންދިނުން މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭ،" ކެނެޑީ ޖައްވީ މަރުކަޒުގެ ޑިރެކްޓަރުގެ ނައިބު ކެލްވިން މޭނަންގް ބުންޏެވެ.

އިއްޔެގެ ހަފުލާއަކީ ޖައްވީ ދަތުރުފަތުރުގައި ފުރާނަ ގެއްލުނު އެންމެންގެ ވެސް ހަނދާން އާކުރުމަށް ބޭއްވި ހަފުލާއެއް ކަމަށް ނާސާއިން ބުންޏެވެ.

ޗެލެންޖަރުގެ އެ ދަތުރަކީ ހަ ދުވަހުގެ ދަތުރެކެވެ. ބޭނުމަކީ ސެޓެލައިޓެއް ޖައްވަށް ދޫކޮށްލުމާއި ކޮންމެ 75 އަހަރަކުން އެއް ފަހަރު ދުނިޔެއަށް ފެންނަ ހޭލީސް ކޮމެޓް ދުންތަރި އެހެން ސެޓެލައިޓަކުން ދިރާސާ ކުރުމާއި ޖައްވުގައި ފުރަތަމަ ފަހަރަށް ޓީޗަރެއްގެ މަގާމު އަދާކުރަން އިޖުތިމާއީ އިލްމް ކިޔަވައިދޭ އުމުރުން 37 އަހަރުގެ ކްރިސްޓާ މާކޯއުލަފްއަށް ފުރުސަތު ދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *