ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ބޭއްވި ހާއްސަ ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ހާއްސަކޮށް ދިވެހިނަށް މަގުބޫލު މަންޒިލްތައް ކަމަށްވާ މެލޭޝިއާގެ ކުއާލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް ކުރި ދަތުރުތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ސްކޫލް ބަންދާއި އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދިޔަ މި ދަތުރުތަކުގައި ގިނަ ފްލައިޓުތައް ދަތުރުކޮށްފައިވަނީ ފުލްކޮށެވެ. މޯލްޑިވިއަނުން ބުނާގޮތުގައި މި ދަތުރުތަކުގައި ޖުމްލަ 2،120 އަށްވުރެ ގިނަ ފަސިންޖަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރި ބޭނުންތަކަށް އަދި އެހެން ގައުމުތަކަށް ދަތުރުކުރުމަށްޓަކައި ޓްރާންސިޓް ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި މީހުން ހިމެނެއެވެ.
މީގެ އިތުރުން، ގައުމީ އެއަރލައިންގެ ބައިނަލްއަގުވާމީ އެހެން މަންޒިލްތަކަށް އޮތް ޑިމާންޑް އިތުރުވުމާ ގުޅިގެން، އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތަކުގެ އަދަދު ވަނީ އިތުރުކޮށްފައެވެ. އަދި ބައެއް ފްލައިޓްތަކަށް ބޮޑެތި ބޯޓުތައް ބޭނުންކޮށްގެން ފަސިންޖަރުންނަށް ޖާގަ އިތުރުކޮށްދީ، އަރާމުގައި ދަތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. ހަމަ އެއާއެކު، ޗުއްޓީ ދުވަސްވަރު އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޖިއްދާއަށް ވެސް އިތުރު ފްލައިޓްތަކެއް ވަނީ ބާއްވައިފައެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަލާއިރު، ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް 500 އަށްވުރެ ގިނަ އިތުރު ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރަށް ވުމުން، ރިސޯޓްތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސީޕްލޭންގެ ހިދުމަތްތައް ވެސް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ފަދަ ހާއްސަ ދަތުރުތަކަށް ލިބޭ ބޮޑު ތަރުހީބަކީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެގެން ހިދުމަތް ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުވެރިންގެ ޑިމާންޑަށް ބަލައި، ސީޒަނަލް ދަތުރުތައް ރޭވުމާއި، ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެކެވެ.



advertisment

