ކޮންމެ މީހަކަށްމެ ހަމަހަމަކަމާއެކު ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ނަމަ، ގާނޫނުގެ މަގުސަދާމެދު ސުވާލު އުފެދެއެވެ. އަސާސީ އުސޫލެއްގެ ގޮތުން، ގާނޫނީ އޮނިގަނޑުގެ ތެރެއިން ނިކަމެތި މީހާއަށް ގަދަފަދަ މީހާގެ އަނިޔާވެރިކަމުން ހިމާޔަތް ލިބެންޖެހެއެވެ. މިއީ އެ މީހެއްގެ ނަސަބަށް، ޖިންސަށް ނުވަތަ ވަންހައަށް ބެލުމެއް ނެތް، އިންސާނީ ކަރާމާތާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ތާރީޚުގައި ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، މިއީ ހަގީގަތާ ނުބައްދަލު ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. ގާނޫނަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެފައިވާ އަކުރުތަކަކަށް ވެފައި، އޭގެ އަމަލީ ތަންފީޒެއް ނެތް ނަމަ، އިންސާފުގެ ކުރިމަތީގައި އެއަށް އެއްވެސް ބާރެއް ނުލިބެއެވެ. ގާނޫނީ ހިމާޔަތުން މަހްރޫމްވެފައިވާ މީހުންނަށް ކުރިމަތިވާ ހިތްދަތި ހާދިސާތަކާއި އޭގެ އާހިރު ނަތީޖާ ތާރީހުގެ ސަފުހާތަކުން ފެންނަން އެބައޮތެވެ. އެފަދަ އެއް ހާދިސާއަކީ 2004 ވަނަ އަހަރު އިންޑިއާގައި ހިނގި ހިތްދަތި ހާދިސާއެކެވެ.
އިންޑިއާއަކީ ދަރަޖަތަކަކަށް ބެހިފައިވާ (ކާސްޓު ސިސްޓަމް) އިޖުތިމާއީ ނިޒާމެއް އޮންނަ ގައުމެކެވެ. މި ނިޒާމުގެ އެންމެ ދަށް ފަންތީގެ އަންހެނުންނަކީ، އެމީހުންގެ އަމިއްލަ ހައްގުތަކެއް ވާކަމަށް ގަބޫލުކުރެވޭ ބައެއް ނޫނެވެ. އެމީހުންގެ އާދޭސްތަކަށް ގައުމުގެ އިދާރާތަކުން ދެނީ ބީރު ކަންފަތެކެވެ. އެމީހުންގެ ކެކުޅުންތަކާއި އަޑުތައް އަހާނޭ ފަރާތެއް ނެތްއިރު، އެމީހުންގެ އިއްފަތަކީ ރައްކާތެރިކުރަން ޖެހޭ އެއްޗެއް ކަމަކަށް ނުބަލައެވެ. އެހެންކަމުން، އެމީހުންގެ ދިރިއުޅުން ބިނާވެފައިވަނީ އެހެން މީހުންގެ އޯގާތެރިކަމަށް ސަލާންޖެހުމުގެ މައްޗަށެވެ. އެމީހުންގެ ހައްގުގައި ވަކާލާތުކޮށްދޭނޭ އެއްވެސް މަދަދުގާރަކު ނުވާކަން އެންމެންނަށް އެނގެއެވެ.
މި ސަބަބާ ހެދި މި ފަންތީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ނުބައި މީހުންގެ ޝިކާރައަކަށް ވެފައިވާ ތަންތަނެވެ. އެގޮތުން ކަސްތުރުބާ ނަގަރު އަކީ އައްކު ޔަދާވް ކިޔާ މީހެއްގެ އަނިޔާވެރިކަން އިންތިހާއަށް ފެތުރިފައިވާ ތަނެކެވެ. ދިހަ އަހަރުގެ ދިގު މުއްދަތަކަށް އޭނާ އެ ސަރަހައްދުގެ މީހުން ރޭޕްކޮށް، ބިރުދައްކައި އަދި މަރަމުން ގެންދިޔައެވެ. އޭނާގެ މައިގަނޑު އަމާޒަކަށްވީ ނިކަމެތި އަންހެނުންނާއި ކުޑަކުދިންނެވެ. ނިކަމެތިން އިތުރަށް ނިކަމެތިކޮށް ބިކަ ކުރުމެވެ.

އޭނާގެ އަނިޔާވެރިކަމުގެ ވާހަކަ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެކަމާ ގުޅިގެން އެތައް ފަހަރަކު އޭނާ ހައްޔަރުކުރި ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލައެވެ. އޭނާގެ މައްޗަށް ރޭޕްގެ ދައުވާއެއް ދުވަހަކުވެސް އުފުލައިފައެއް ނުވެއެވެ. އަނިޔާ ލިބުނު މީހުން ބުނާ ގޮތުގައި، ފުލުހުން އެ މީހުންނަށް މަލާމާތްކޮށް، އެއީ އެމީހުންގެ އަމިއްލަ ކުށުން ވާކަމެއް ކަމަށް ބުނެ މައްސަލަ ނިންމާލައެވެ. އަދި މައްސަލަ ހުށަހަޅާ މީހާގެ މައުލޫމާތު ޔަދާވްއަށް ފޯރުކޮށްދެއެވެ. މިއިން އެމީހުންނަށް ލިބުނު މެސެޖަކީ، އެމީހުންގެ ހަށިގަނޑުގެ އަގެއް އަދި ބަހުގެ ބުރަދަނެއް ނެތް ކަމެވެ. ފުލުހުންނަކީ އެމީހުންގެ ހައްގު ހޯދައިދޭނޭ ބަޔެއް ނޫންކަމެވެ.
އޭނާގެ އަނިޔާވެރިކަން ހުއްޓުމަށް ނަސޭހަތްދޭ ކޮންމެ މީހަކީ ދުށުމަނެއް ގޮތުގައި ޔަދާވް ދެކެއެވެ. އެގޮތުން އެއް ފަހަރަކު އޭނާގެ ގާތް އަވީނާޝްކިޔައި މީހެއް އޭނާގެ އަނިޔާވެރިކަން ހުއްޓުމަށް އެދި ނަސޭހަތްތެރިވުމުން އޭނާގެ ގަޔަށް ވަޅިހަރައި މަގުމަތީގައި މަރައިލިއެވެ. އަދި އެތަން ފެނިގެން ފުލުހުންނަށް ރިޕޯޓުކުރި އާޝާ ކިޔާ އަންހެނަކު އޭގެ ދެ އަހަރު ފަހުން ޔަދާވް ޖަލުން ސަލާމަތްވެގެން އައިސް އަނިޔާވެރި ގޮތަކަށް ކޮށައިލައި މަރައިލިއެވެ.

ފުލުހުންގެ އެއްބާރުލުމާ އެކު ޔަދާވްގެ އަނިޔާތައް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ރޭގަނޑުގެ ވަގުތުތަކުގައި ގެތަކަށް ވަދެގަނެ، އޭނާ ބޭނުންހާ އަނިޔާއެއް މީހުންނަށް ދެމުން ގެންދިޔައެވެ. އޭނާގެ މައްސަލައެއް ބަލާނޭ ބަޔަކު އެ ގައުމުގައި ނެތް ފަދައެވެ. އެންމެ ފަހުން އެ އަވަށުގެ އުޝާކިޔާ އަންހެން ކުއްޖަކަށް ބިރުދެއްކި މައްސަލައިގައި އަވަށު މީހުން އެއްވެ ބިރުކުޑަކަމާއެކު ޔަދާވްއާއި އޭނާގެ ގޭންގާ ކުރިމަތިލުމުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އޭނާ ހައްޔަރަށް ގެންދިޔަ ގަޑީގައި އޭނާ ސަލާމަތްވުމުން އެ ހިސާބުގެ ހުރިހައި އަންހެނުން ރޭޕްކުރާނަމޭ ކިޔައި ގޮވަމުން ދިޔައެވެ. އޭނާ ކޯޓަށް ހާޒިރުކުރި ދުވަހު އިންސާފެއް ލިބިދާނެ ކަމުގެ ކުޑަ އުންމީދެއްގައި، އޭނާގެ ޝިކާރައަކަށްވީ 200 އަށްވުރެ ގިނަ އަންހެނުން ނަގުޕޫރު ކޯޓުދޮށަށް އެއްވިއެވެ.
އޭނާ ކޯޓަށް ހާޒިރުކުރި ދުވަހު ކަންކަން ބޮއްސުންލައިގެން ދިޔައީ، ކޯޓަށް ޔަދާވް ހާޒިރުވި ގަޑީގައި އެއްވެފައިވާ މީހުންގެ ތެރެއިން އޭނާ ރޭޕްކުރި އަންހެނެއް ފެނި، އެމީހާއާ ބޭ އަދަބީ ބަހުން މުހާތަބުކޮށް، ދެންވެސް އޭނާ ރޭޕްކޮށްލާނަމޭ އެންމެގަނޑުގެ ތެރޭގައި ބުނުމުންނެވެ. ޔަދާވް އެ ބުނި އެތި އަހައިފައި އޭނާގެ ކައިރީގައި ތިބި ފުލުހުން ހޭން ފެށިއެވެ. އެ ވަގުތު އެ މަލާމާތް ރައްދުވި އަންހެން މީހާ ފައިވާން ނަގައި، ޔަދާވްގެ ގައިގައި ތަޅައިގަނެ، އޭނާއަކަށް ޔަދާވް އުޅޭ ދުނިޔެއެއްގައި ދެން ނޫޅެވޭނޭ ގޮވަން ފެށިއެވެ. ކޯޓުގެ ކަރާމާތް ގެއްލުވައިލި ޔަދާވްގެ އެ ދަށުދަރަޖައިގެ އަމަލުގެ ސަބަބުން، އޭނާގެ އަނިޔާ ތަހައްމަލުކުރި 200 އަންހެނުންގެ ކެތްތެރިކަން ކޮޅުންލައި، އޭނާއަށް ހަމަލާދޭން ފެށިއެވެ. އޭނާގެ ލޮލަށް ތެޅިމިރުސް އުކައި، ގަލުން ތަޅައި، އެންމެންގެ ކުރިމަތީގައި އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ މަރުވެގެން ކޯޓުގެ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

މި ހާދިސާއަށްފަހު އެއްވެސް މީހަކު ފިލާކަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި، އެމީހުން ކުރި ކަމުގެ ޒިންމާ އުފުލައި، އަމިއްލައަށް ހައްޔަރުވާން އެދުނެވެ. މި މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުންނަށް ކުރިމަތިވީ އެންމެ ސުވާލެކެވެ. ގާނޫނުން ލިބެންޖެހޭ ހިމާޔަތް ނުލިބިގެން، އަމިއްލަ އަތުން އިންސާފު ހޯދުމަކީ ކުށެއް ހެއްޔެވެ؟ ޔަދާވްގެ މަރުގެ ތުހުމަތުގައި 21 މީހުން ހައްޔަރުކުރިއެވެ. ނަމަވެސް މި އެންމެން ދޫކޮށްލައިފައިވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ހެތްކެއް ނެތްކަމަށް ބުނެފައެވެ.
މި ހާދިސާ ވެގެންދިޔައީ އިންޑިއާއަށް ލިބުނު ފިލާވަޅަކަށެވެ. ގާނޫނީ އިމުގެ ތެރެއިން ރައްކާތެރިކަން ނުލިބޭ ނަމަ، އަމިއްލަ ހިމާޔަތް ހޯދުމަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމެކެވެ. އައްކު ޔަދާވް މަރާލުމަކީ އަނިޔާވެރިކަމަށް ހިތްވަރުދިނުމެއް ނޫނެވެ. ނަމަވެސް، އެއީ ނިޒާމުގައި ހުރި ގޯސްތައް ދައްކުވައިދިން ލޯގަނޑެކެވެ. އެކަމުން އުފަންވި މުހިންމު ސުވާލަކީ، ގާނޫނުން އެންމެން ހިމާޔަތް ނުކުރާ ނަމަ، އެ ހިމާޔަތް ދޭނީ ކާކު ހެއްޔެވެ؟



advertisment