ބޮލީވުޑްގެ ފިލްމީ ތަރިއެއް ކަމަށްވާ ސުޝާންތް ސިންގްގެ ކުރީގެ މެނޭޖަރު ޝްރޫތީ މޯޑީ ސުވާލުކުރުމަށް އެން.ސީ.ބީ އަށް ހާޒިރުކޮށްފިއެވެ. ޝްރޫތީގެ އިތުރުން ސުޝާންތުގެ ޓެލެންޓް މެނޭޖަރު ކަމަށްވާ ޖާޔާ ސާހާ ވެސް ބުދަ ދުވަހު އެ ބިއުރޯއަށް ހާޒިރުކުރިއެވެ. ނަމަވެސް އެތަނުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވުމުގެ ސަބަބުން ޝްރޫތީ ވަނީ ގެއަށް ފޮނުވާލާފައެވެ.
ސުޝާންތްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިތުރު ތިން މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސް، ޖަލަށް ލިއެވެ. ޖަލަށް ލީ މީހުންގެ ތެރޭގައި ހިމެނެނީ ކަރަމްޖީތް ސިންގް، ޑްވޭން ފަރނަންޑެޒް އަދި އަންކުޝް އަންރެޖާއެވެ. މި ތިން މީހުންވެސް ސެޕްޓެމްބަރު 23 ވަންދެން ތިބޭނީ ޖަލުގައެވެ.
އޭ.އެން.އައި އިން ބުނާގޮތުގައި މުމްބާއީގެ އަންދެރީ ވެސްޓާ ހިސާބުން ކަރަމްޖީތް ސިންގް މިދިޔަ ހަފްތާގައި ހައްޔަރު ކުރިއެވެ.
އަދި ސުޝާންތްގެ ހަށިގަނޑު ބާއްވާފައި އޮތް ކޫޕަރ ހޮސްޕިޓަލްގެ މޯރޗަރީއަށް ރިއާ ޗަކްރަބަތީ ޒިޔާރަތް ކުރި ކުރުމަކީ ހުއްދަ ލިބިގެން ކުރި ކަމެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މިގޮތުން މަހާރަޝްތްރާ ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުއްދަ އޮތް ލިޔުމެއް އެ ހޮސްޕިޓަލަށާއި ފުލުހުންނަށް ހުށަހެޅި ކަމަށް އޮފިޝަލަކު ބުންޏެވެ.
"އެ ދެ އޭޖެންސީއިންވެސް، އަދި ހާއްސަކޮށް ހޮސްޕިޓަލުން ތަފްސީލް ރިޕޯޓްތަކެއް ފޮޓޯއާއެކު ހުށައަޅާފައިވޭ. ނޭނގޭ މީހަކު ނުވަތަ ކަމާ ނުބެހޭ މީހަކު ޕޯސްޓް މޯޓަމް ހެދި ކޮޓަރިއަށް ވަދެފައެއް ނުވާނެ. އެއީ ވަނުން މަނާ ތަނެއް ހާއްސަ ހުއްދައެއް ލިބިގެން ނޫނީ." ޕީ.ޓީ.އައިގެ އޮފިޝަލް ބުންޏެވެ.
ސުޝާންތްގެ ބަންދްރާ އެޕާރޓްމަންޓްގައި ދަން ޖެހިފައި ހުއްޓާ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޖޫން 14 ގައެވެ.



advertisment