Support Us

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތިން އަހަރުގެ ސްޕޮންސަޝިޕް އެއްބަސްވުމެއްގައި ބީއެމްއެލް އާއެކު އެފްއޭއެމް މިއަދު ސޮއިކޮށްފިއެވެ.

މި އެގްރީމެންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އެފްއޭއެމްގެ ފަރާތުން، ރައީސް އަޙްމަދު ތޯރިގެވެ. 

މި ޕާޓްނަޝިޕްގެ ދަށުން ބީއެމްއެލް އަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެފްއޭއެމާއެކު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަށް ގައުމީ ބޭންކު ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން،" ޝަރީފު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ތޯރިގު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނަޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"މި ޕާޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ" ތޯރިގު ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ މީގެ ކުރިން ވެސް ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަކޮށްފައިވާ ބޭންކެކެވެ.