ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ދެކުނު އޭޝިއާގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުން ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ޞިއްޙަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިޤުތިޞާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްޤީ ކަށަވަރުކުރުންފަދަ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި، މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްޤީއާއި، ފުދުންތެރިކަން އިތުރުވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 1985 ގެ ޑިސެމްބަރު އަށެއްގައި އުފަންކުރުވި ސާކްގައި ހިމެނެނީ ދެކުނު އޭޝިއާގެ އަށް ގައުމު ކަމަށްވާ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހި ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ފަރާތުން އެންމެ ފަހުން ސާކް ސަމިޓެއްގައި ބައިވެރިވެވަޑައިގަތް ދައުލަތުގެ ވެރިޔާއެވެ. އެ މަނިކުފާނު ބައިވެރިވެވަޑައިގަތީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި 2014 ނޮވެމްބަރު 26 އިން 27 އަށް ބޭއްވި 18 ވަނަ ސާކް ސަމިޓުގައެވެ.
ޕާކިސްތާނުގައި 2016 ގައި ސަމިޓެއް ބާއްވަން ތާވަލް ކުރިއެވެ. ނަމަވެސް އޭގެ ފަހުން އަށް އަހަރު ފާއިތުވާ އިރުވެސް އެ ސަމިޓެއް ނުބޭއްވުނެވެ. އެހެންކަމުން ސާކް ސަމިޓެއް ނުބާއްވާތާ މިހާރު 10 އަހަރު ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން 2018 ގައި ރައީސް ކަމަށް ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހަށް ސާކް ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތެއް ލިބިވަޑައެއްނުގަތެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.



advertisment