Support Us

ވާހަކަ: ވަދާއީ ކެޔުން

ހުކުރު ވިލޭރެއެކެވެ. ގަޑިން އަށްގަޑި ބައިވަނީއެވެ. ހުޅުމާލޭގައި ހުންނަ އަގު ބޮޑު ރެސްޓޯރަންޓެއްގެ ދޮރުމަތީގައި ގިނަ ބަޔަކު ކިޔު ޖެހިފައި ތިއްބެވެ. ރެސްޓޯރަންޓް ބޭރުގައި ނުކުމެ ހުރި އެ ރެސްޓޯރަންޓުގެ މުވައްޒަފަކު އެތާނގައި ކިޔުގައި ތިބި މީހުން ކައިރީގައި އެ ރޭ އެ ރެސްޓޯރަންޓް ވަނީ ގްރޫޕަކަށް ރިޒާރވްކޮށްފައި ކަމުގައި ބުނެ މާފަށް އެދެމުން ގެންދިޔައެވެ. އެއްވަމުން ދިޔަ މީހުން މާޔޫސްކަމާއެކު އެ ތަނުން ދެއެވެ.

އެ ރެސްޓޯރަންޓުގެ ގާޑަން އޭރިޔާ ވަނީ ވަރަށް ނަލަކޮށް ޒީނަތްތެރިކޮށްފައެވެ. ބަގީޗާގެ މެދުގައި ބަހައްޓައިފައިވާ ވަށް މޭޒެއްގެ ދޮށުގައި އަށް ގޮނޑި އަތުރައިފައި ހުއްޓެވެ. އެތަނުން ކައިރިކައިރީގައި ހުރި ދެ ގޮނޑީގައި އަންހެނަކާއި ފިރިހެނަކު އިށީނދެގެން ތިއްބެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނަށް ގެއްލިފައެވެ.

ކުޑަ އިރުކޮޅަކުން އިތުރު އަންހެނަކާއި ފިރިހެނެއް އެމީހުންނާ ބައިވެރިވިއެވެ. އަލަށް އައި އަންހެން މީހާ ފެނުމުން އިށީނދެގެން އިން އަންހެން މީހާ ތެދުވެ ބައްދައިލުމަށް އަތް ހުޅުވައިލިއެވެ.

"ނާޝް،" އަންހެން މީހާ ފާޑަކަށް ދަމައިލައިފައި އަނެއް އަންހެން މީހާގެ ނަމުން ގޮވައިލިއެވެ.

"ރޫބީ!!!! އޯމައި ގޯޑް. ހާދަ ދުވަހެއް ވެއްޖެޔޭ ދޯ،" ހަމަ އެހާ ތޫލި އަޑެއް ނެރެފައި ނާޝްވެސް ވާހަކަ ދެއްކިއެވެ.

"ޔޫ ލުކް ގޯޖަސް!" ރުބީ ނާޝްގެ ބޮލުން ފެށިގެން ފައިތިލައަށް ނަޒަރު ހިންގައިލަމުން ބުންޏެވެ.

ނާޝްއާއެކުގައި އައި ފިރިހެން މީހާ ގޮސް އަނެއް ފިރިހެން މީހާގެ ކައިރީގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ.

"ހަސަން ކިހިނެތްތޯ؟" ރޫބީ އެނބުރި ގޮނޑީގައި އިށީނުމަށް ފަހު ނާޝްގެ ފިރިމީހާ ހަސަންއާ މާތް ރާގަކަށް މުހާތަބު ކުރިއެވެ.

"ރަނގަޅު، ރަނގަޅު. ރޫބީ ކުޑަކޮށް ބަލިވެ އުޅޭ ވާހަކަ އަޒުހަރު އިއްޔެ ބުނި. މިހާރު ރަނގަޅުތަ؟" ހަސަން ސުވާލުކުރިއެވެ.

"ނޫން. އަދިވެސް ދެ ދުވަހުން އެއްދުވަހު މި މައިގްރޭނެއް ލައްވައިލާ. މައްސަލައަކީ ހަމަ މި މާހައުލު!" ރޫބީ ވަރަށް ހިތްދަތި ރާގަކަށް ވާހަކަ ދެއްކިއެވެ.

"މާހައުލާއި ރޭގަނޑު ނުނިދާ ޓިކްޓޮކް ބަލަން އޮތުމާ… ހުސް މައިގްރޭން ޖެހޭ ސަބަބުތައް،" އަޒުހަރު ކުޑަކޮށް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ރޫބީ އޭނާއާ ދިމާލަށް ލޯއަޅައި ގަތެވެ.

އެ ހިނދު އިތުރު ދެ މީހުން ބަގީޗާތެރެއަށް ވަދެގެން އައެވެ. އެއީ އައުރަފު އަދި އޭނާގެ އަންހެނުން މަޒްލީ އެވެ. އެމީހުން ފެނުމާއި އެކު ވަގުތުން ނާޝްއާ ރޫބީ ތެދުވެގެން ގޮސް، އަލަށް އައި މަޒްލީގެ ގައިގައި ބައްދައިލައި މަރުހަބާ ކިޔެވެ. އައުރަފު ގޮސް ގޮނޑީގައި އިށީނދެ، ހަސަން އާއި އަޒުހަރާ އަނގަތަޅަން ފެށިއެވެ.

އެންމެން އިށީނދެ ހަމަޖެހިލުމުން ރެސްޓޯރަންޓްގެ ހެޑްވޭޓަރަކު އެ މީހުން ކައިރިއަށް އައިސް ކެއުމުގެ ކަންތައް ފަށަން ވީތޯ އަހައިލިއެވެ.

"އިޝާން އަންނަން ދެން މަޑުކޮށްލަނީދޯ؟ މިއީ އޭނާ ދޭން ބުނި ވަދާއި ކެޔުންތާ،" ހަސަން ބުންޏެވެ. "ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުދީ އަހަރުމެންނަށް އަދި."

ވޭޓަރު ހަސަން ބުނި އެތި އަހައިފައި ދުރަށް ޖެހިލިއެވެ.

"ޔަގީން އޭނާ ނާންނާނެކަން،" އަޒުހަރު ކައިރީގައި ތިބި އެންމެންގެ މޫނަށް ސަމާސާ ފާޑަކަށް ބަލައިލައިފައި ބުންޏެވެ.

"މަ ނަމަވެސް ނާންނާނެ. އެ އޮތީ ގްރޫޕުގައި މީނދަ އައުރަފު އޭނާއާ ޖައްސައިލައިފައި އޮތްވަރު،" ހަސަން ހެވިފައި ބުންޏެވެ.

"އޭ ކީއްވެގެން މިތާނގައި އިތުރު އެއްގޮނޑި ޖަހައިފައި މިހިރީ؟" ކުއްލިއަކަށް ނާޝް ވަށައިގެން ބަލައިލައިފައި އެހިއެވެ. އެންމެން ހީގަތެވެ.

"އެއީ އިޝާން ފަހަރެއްގައި ވެސް އަންހެނެއް ގެނެސްފާނޭ ކަމުގެ އުންމީދުގައި،" އައުރަފު ވަރަށް ސީރިއަސް ރާގަކަށް އެހެން ބުނުމާ އެކު އެންމެން ހިނި ފަޅައިގެން ދިޔައެވެ.

"އަޅޭ ތި މީހުން ހާދަ ގޯހޭ. އިޝާނަށް ތިހާ ބޮޑަށް ޖައްސައިލާކަށް ނުވާނެ،" ރޫބީ ދެލޯ ބޮޑުކޮށްލައިފައި ބުންޏެވެ. ނަމަވެސް އޭނާވެސް ދިޔައީ އެންމެންނާ ބައިވެރިވެގެން ހެމުންނެވެ.

"އަހަރެންގެ އަންހެނުން ބުނީމައި ކަލޭމެން ބަސް އަހަންވާނެ. އިޝާނަށް ހަމަ މިހާރުން މިހާރަށް ގަނާކުރުން ހުއްޓައިލާ،" އަޒުހަރު ނަސޭހަތުގެ ރާގަކަށް އެހެން ބުނުމުން ރޫބީ ފިޔަވާ ދެންތިބި އެންމެން ބިނދިބިނދިފައި ހޭން ފެށިއެވެ.

"މިހާރު ކަލޭމެންގެ މަލާމާތުގެ އަމާޒުފަތްގަނޑަކަށް އަހަރެން ވެސް ވީދޯ؟" ރޫބީ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.

"ކެތްކޮށްލާ އިޝާން އަންނަންދެން. އެހިސާބުން އަމާޒު ބަދަލުވާނެ،" އައުރަފު ބޯޖަހައިލަމުން ބުންޏެވެ. އޭނާގެ އަންހެނުން މަޒްލީ އޭނާގެ އަތުގައި އެހެން ނަހަދާށޭ ބުނާ ކަހަލަ ގޮތަކަށް ޖަހައިލިއެވެ.

"އަސްލު ބުނެބަލަ؟ ކީއްވެގެންތަ މިތާނގައި އިތުރު ގޮނޑިއެއް އެހެރީ ބަހައްޓައިފައި؟" ނާޝް އަހައިލިއެވެ.

"އިޝާން މީހަކު ގެނެސްފާނެތީއޭ،" ހަސަން އަނެއްކާވެސް ސާފުކޮށްދިނެވެ.

"ހަމަ އަސްލުވެސް ގެނެސްފާނެތަ؟" މަޒްލީ އަހައިލިއެވެ. އޭނާ އެހެން އަހާއިރަށް ތިން ފިރިހެނުން ބާރުބާރަށް ހޭން ފެށިއެވެ.

"ހަމަ އަސްލުވެސް ގެނެސްފާނެހޯ؟!!" އައުރަފުއަށް ހެވޭވަރުން އެހެން ބުންނަން ވެސް އިރުގަނޑެއް ނެގިއެވެ.

"ނުގެންނާނެ. އެކަމަކު އަހަރުމެން ބޭނުންވަނީ އިޝާންއަށް އަންގައިދޭން އޭނާއަށް ޒަވާޖީ ހަޔާތެއް ފެށޭނެކަމާ ދޭތެރޭ އަހަރުމެން އުންމީދެއް ދުލެއް ނުކޮށްލައިނޭކަން،" ހީހީ އަވަދިވެގެން އަޒުހަރު ވާހަކަ ދެއްކިއެވެ.

"އަޅޭ. މިމީހުން ހަމަ އޭނާއާ ދިމާކުރަން ވެގެން ކުރާހާ ކަންތައް،" ނާޝް ބުންޏެވެ.

"މަށަކަށް ހިޔެއްނުވޭ އޭނަ އަންނާނެހެނެއް. އިއްޔެއާ މިއަދާ އެއްކޮށް ގްރޫޕުގެ އެއްވެސް މެސެޖަކަށް ޖަވާބެއް ނުދޭ،" ހަސަން ބުންޏެވެ.

"އައުރަފު މާ ހާޑުކޮށްލީއޭ ކަންތައް ކުރީ ރޭ،" އަޒުހަރު ބުންޏެވެ.

"ހާޑުވާނެ ދޯ. އެ ގޮލާ ކުއްލިއަކަށް އަހަރުމެން ތެރެއިން އެކަކަށްވެސް އެގޮލާއެއް ނޭނގޭނޭ ބުނީމައި މަށަކަށް މަޑަކުން ނުހުރެވުނު،" އައުރަފު ކިޔައިދިނެވެ.

"ދެން އެކަމަކު ކަލޭ ޖެހޭތަ އޭނާ ކޮލެޖުގައި އުޅުނު އިރު ކޮށްފައި ހުރި ކޮސްކަންތައް ކިޔައިގަންނަން؟" ހަސަން އަހައިލިއެވެ.

"ބަލަ އެކަންތައް ކިޔައިގަތީ އަހަރުމެންނަށް އޭނާ އެނގޭކަން ބުނެދޭން ވެގެންދޯ؟" އައުރަފު ބުންޏެވެ. "އޭރުވެސް ނުކުރާށޭ ބުނެބުނެ އޮއްވައި ގޮސް މޮޅެތި ދަންތުރަތަކުގައި ޖެހިގެން އަންނަނީ. އަހަރުމެން އޭނާގެ ހިމާޔަތުގައި ނެތްނަމަ އޭނާ އޮންނާނީ އެތާނގެ ކޮންމެވެސް ހަނިގޯޅިއެއްގައި މަރައިލައިފައިކަން ޔަގީން."

"އެކަމަކު އޭނަ ނައްޓައިގެން އެހެން ބުނީ ކަލޭ އަބަދު އޭނާއަށް ބިޓު ހިއްލާނެ ފިލާވަޅު ނަގައިދެންހޭ ކިޔާތީ އެއްނު. އަބަދު އެކައްޗެއް ކިޔަންޏާ ކޮންމެ މީހަކުވެސް ވައިވާނޭ އައުރަފު،" އަޒުހަރު ބުނެލިއެވެ.

"ގޯސް މިވީ މަދޯ؟" އައުރަފު ކުޑަކޮށް ހިތްހަމަނުޖެހިގެން ބޯހޫރައިލައިފައި ބުންޏެވެ.

"އަހަރުމެން ދެން ގަބޫލުކުރަންވީ ކަންނޭގެ އިޝާން އަންހެނަކާ ދުވަހަކުވެސް ނުގުޅޭނޭ ކަމަށް،" ހަސަން ބުންޏެވެ. "ފަހަރެއްގައި ޑުބާއީއަށް ބަދަލުވެފައި އަރަތްބަކާ އިނދެފާނޭ ކަންނޭނގެ."

"އޭ. ތި ބިޓު ހިއްލާ ފިލާވަޅު އެއީ ކިހިނެތް ރޭވިފައި އޮންނަ ކަމެއްތަ؟" މަޒްލީ އެހެން އެހުމުން އެންމެން އަނެއްކާ ހޭންފެށިއެވެ.

"އަހަރުމެންނަށް ބައިވެރިވެވޭނެތަ؟" ނާޝް އެހެން އެހުމުން އޭނާގެ ފިރިމީހާ ހަސަން ދެލޯ ބޮޑުކޮށްލިއެވެ.

ކުއްލިއަކަށް އެންމެން ހުއްޓުން އެރީ އެތަނަށް ވަދެގެން އައި ދެމީހުން ފެނުމުންނެވެ. އެތަނުން އެކަކަކީ އިޝާންއެވެ. އޭނާގެ އަތުގައި ހިފައިލައިގެން ހުރީ އެތަނުން އެކަކަށް ވެސް ލޮލުން ފެނިފައި ނުވާހާ ރީތި އަންހެން ކުއްޖެކެވެ. ހޫރައްލީނެކޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. އެ އަންހެންކުއްޖާ ފެނިފައި ރެސްޓޯރަންޓުގައި ހިދުމަތްދޭން ތިބި މީހުން ވެސް އޭނާއަށް މާ އިހުތިރާމާ އެކުގައި ބަލައިލިކަން އެންމެންނަށް ފާހަގަވިއެވެ.

އޭނާ ފެނިފައި އެންމެ ބޮޑު ޝޮކެއް ޖެހިފައި އިނީ އައުރަފުއެވެ. އިޝާން އާއި އެ ކުއްޖާ އައިސް މޭޒުކައިރީގައި އިށީނެވެ. އެ ހިނދު ވޭޓަރުން އައިސް އެންމެންގެ ކުރިމަތީގައި ފެންތަށިތަށް ބަހައްޓައިދިނެވެ.

"ހަލޯ ގައިސް. މިއީ ތުމާ އެނގޭ. މަގޭ ފިއުޗަރ ވައިފް،" އިޝާން ބުނި އެއްޗަކުން ރޫބީ ފެންބޯން އިނދެފައި ކޮށިއެރިއެވެ. އަޒުހަރު އޭނާގެ ބުރަކަށީގައި ތަޅައިލިއެވެ. ނާޝް އޭނާއަށް އަވަހަށް ޓިޝޫއެއް ދިއްކޮށްލިއެވެ.

"ހައި އެންމެން. ހާދަ އުފާވެއްޖޭ. އެންމެ ފަހުން ދިމާވީދޯ؟" ތުމާ ވަރަށް ނިޔަނެތި ގޮތަކަށް އެންމެންނަށް ބަލައިލައިފައި ބުންޏެވެ.

"މީ ޖޯކެއްތަ؟" އައުރަފު އަކަށް އެއްޗެކޭ ނުބުނެ ނީނދެވުނެވެ. ތުމާ އޭނާއާ ދިމާލަށް ބޯއަރިކޮށްލިއެވެ.

"އަރައިރުން ފެއްޓުމުގެ ކުރިން ހިނގައި އޯޑަރުދޭން،" ހަސަން އަވަސް އަރުވައިލައިފައި ވޭޓަރަށް ގޮވައިގެން ގެނެސްފައި އެމީހުން އޯޑަރުދީފައިވާ ކާއެއްޗެހި ގެނައުމަށް ބުންޏެވެ.

"ސޮރީ ތުމާ. އަހަރުމެން މިތިބީ ކުޑަކޮށް ޝޮކުގައި އެނގޭ. ތީ އިޝާން އިންނަން އުޅޭ ކުއްޖާއޭ؟" މަޒްލީ އައުރަފުގެ އަތުގައި އޭނާ މައިތިރިކުރުމަށް ހިފަހައްޓައިގެން އިނދެގެން އަހައިލިއެވެ.

"އަހަރެން ބުނީމައި ގަބޫލު ނުކުރެވުނީތަ؟" އިޝާން އަހައިލިއެވެ. އައުރަފު އެއްޗެކޭ ބުނަން އަނގަހުޅުވައިފައި ރުޅި އައިސްގެން ބޯހޫރުވައިލިއެވެ.

"ތިއީ މަޒްލީތަ؟" ތުމާ ހިނިތުންވުމަކާ އެކުގައި މަޒްލީ އާ ސުވާލުކޮށްލިއެވެ.

"އާން،" މަޒްލީ ބޯޖަހައިލިއެވެ.

"ދެން މިތިބީ؟" ތުމާ އަހައިލިއެވެ. އޭނާއަކަށް މޭޒު ކައިރީގައި ތިބި މީހުންގެ މޫނުމަތިން ފެންނަމުން ގެންދިޔަ ހައިރާންކަމުގެ ސަބަބުން އަސަރުކުރި ފާޑެއް ނުޖަހައެވެ. އޭނާ މުހާތަބު ކުރިގޮތުން ކޮންމެ މީހަކު އެމީހަކު އަމިއްލައަށް ތައާރަފުވެލިއެވެ.

"މަޒްލީގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ… އާނއެކޭ. އަހަރެންނަކީ އިޝާން އިންނަން އުޅޭ ނަސީބުވެރި ކުއްޖާއޭ،" މަޒްލީ އެހެން ބުނުމަށްފަހު އޭނާގެ އިނގިލީގައި އަޅައިފައިވާ ޖަވާހިރެއް ޖަހައިފައިވާ އަނގޮއްޓި ދައްކައިލިއެވެ.

އެ ހިސާބުން މޭޒުގައި ތިބި ހުރިހައި އަންހެނުން އާޝޯހުވެގެން އަޑުލައްވައިގަތެވެ. ތުމާ ތުއި ގޮތަކަށް ހީލައިފައި އިޝާންއާ ދިމާލަށް ވައްކަޅިން ބަލައިލިއެވެ.

"މިއީ ކޮން އިރަކު ފެށުނު ގުޅުމެކޯ؟" އައުރަފު ރުޅި ފިއްތަން މަސައްކަތް ކުރަމުން އަހައިލިއެވެ.

"މީގެ ދެ އަހަރު ކުރިން،" އިޝާންއާއި ތުމާ ޖަވާބު ދެވުނީ އެއް ފަހަރާއެވެ. އެ ދެމީހުން އެކަކު އަނެކަކާ ދިމާލަށް ބަލައިލައިފައި ޕޮއިންޓެކޭ ކިޔައިފައި ހީގަތެވެ.

"ދެން އަހަރުމެންނަށް މިރޭ މިކަން މި އެނގެނީ ކީއްވެގެން؟" ހަސަން ކަރުކެހިލައިފައި އަހައިލިއެވެ.

"އޯ. އަސްލު އެއީ އިޝާން ބޭނުންވި ގޮތް. ކައިވެންޏެއް ނުކޮށް މީހުންގެ ތެރެއަށް ގިނަވާކަށް އޭނާ ބޭނުމެއް ނޫނޯ. ވަރަށް އޯލްޑް ފެޝަން މީހުން ކަންތައް ކުރާ ގޮތެއް ދޯ؟" ތުމާ ބުންޏެވެ.

"ދެން މިހާރު ތަފާތުވީ ކޮންކަމެއް؟ މިހާރު މީހުންނަށް ބޭޒާރު ނުވާނީތަ؟" ހަސަން އަހައިލިއެވެ.

"އަހަރެން ޑުބާއީއަށް ދިޔުމުގެ ކުރިން ކައިވެނިކުރާނަން،" އިޝާން ކަރުކެހިލައިފައި ބުންޏެވެ.

އެ ހިސާބުން މުޅި މޭޒު ހުއްޓުމަކަށް އައެވެ.

"ޑުބާއީއަށް ބަދަލުވަނީ މި އަންނަ މަހަކު ނޫންތަ؟" ހަސަންގެ ސުވާލަށް އިޝާން ބޯޖަހައިލިއެވެ.

"އިޝާން މީ ކޮން ޖޯކެއް؟ ތިގޮލާ މީނައާ ކޮން ޑީލެއް ހަދައިގެން ތި ގެނައީ މި ނާޓަކު ޖައްސަން؟" އައުރަފު ނައްޓައިގެން ބުންޏެވެ. އިޝާން އެއްޗެކޭ ބުނަން އަނގަހުޅުވައިލިތަނާ، ތުމާ އޭނާގެ އަތްމަތީގައި އަތް ބާއްވާލިއެވެ. މަޑުކުރާށޭ ބުނާކަހަލަ ގޮތަކަށެވެ.

"ކޮން ޑީލެއް އިޝާންނަށް އަހަރެންނަށް ދެވޭނީ؟" ތުމާ އަހައިލިއެވެ. އޭނާގެ އަޑުގެ ތުއިކަން ގޮސް ސީރިޔަސް ރާގަކަށް ބަދަލުވިއެވެ.

"ނޭގެ! ކޯއްޗެއްތަ ދިނީ އިޝާން؟" އައުރަފު ގޮންޖަހައިލައި ކަހަލަ ގޮތަށް ބަލަމުން ގެންދިޔައީ އިޝާންއާ ދިމާލަށެވެ.

"މަބުނީމެއްނު ކަލޭމެންނަކަށް އަހަރެންނެއް ނޭނގޭނޭ. ކަލޭމެން ތި ވިސްނީ އަހަރެން ޑީލެއް ހަދައިގެންނޭ ތުމާ މިތަނަށް މިރޭ މިގެނައީ. ނާޓަކު ޖައްސާށޭ،" އިޝާން ބޯހޫރައިލިއެވެ.

"އޭ ގައިސް ދެން ޗިލް،" އަޒުހަރު ކުޑަކޮށް މަސްލަހަތު ރަނގަޅުވޭތޯ މަސައްކަތްކުރިއެވެ.

"ހާދަ ހަޑި އެއްޗެކޭ ތިބުނެވެނީ އަހަރެންނަށް ރައްދުވާ ގޮތަށް،" ތުމާގެ އަޑުން އޭނާ ވަރަށް ހިތްހަމަނުޖެހިޖެކަން އެނގުނެވެ.

"މިކިޔާ އެއްޗެއް މިކިޔަނީ ތުމާއަކަށް ނޫން. އިޝާނަށް. މިހާ ދުވަސްވީ އިރު އަހަރުމެންނަށް ނޭނގޭ ގުޅުމެއްގައި އުޅޭކަން ދައްކަން މަސައްކަތްކުރާތީ އެ ވާހަކަ މިދައްކަނީ،" އައުރަފުގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

"އެކަމަކު ތި ބުނެވެނީ މިކަހަލަ "ނާޓަކެއްގައި" ބައިވެރިވާ ކަހަލަ މީހެކޭތާ އަހަރެންނަކީ؟" ތުމާގެ އަޑުގައި އައުރަފާ އެއްވަރަށް ރުޅިވެރިކަމުގެ އަސަރު ހުއްޓެވެ. "އަހަރެން ޖަހާތަ އެކަހަލަ މީހެއް ވައްތަރު؟"

"އެހެންނެއް ނޫން…" އައުރަފު އޭނާ ބުނި އެތި ރަނގަޅުކުރަން މަސައްކަތްކުރުމުން ތުމާ އަތުގެ އިޝާރާތުން އޭނާ ހުއްޓުވިއެވެ.

"އެހިންދޯ ކޮން ޑީލެއްހޭ؟ އިޝާނަށް ކޮން ޑީލެއް އަހަރެންނަށް ދެވޭނެހެން ހީވަނީ އަހަރެން މި ނާޓަކު ކުޅެން؟ ފައިސާ؟" ތުމާ ހޭންފެށިއެވެ. އިޝާންވެސް އޭނާއާ ބައިވެރިވެގެން ހޭން ފެށިއެވެ.

"އައުރަފު! އަހަރެން އުމުރު ހުސްވަންދެން މަސައްކަތްކުރިޔަސް ތުމާއަށް އަހަރެއްގެ މައްޗަށް ލިބޭ ވަރެއް ނުލިބޭނެ މޭން،" އިޝާން ހެމުން ބުންޏެވެ. "ތުމާގެ ބައްޕައަކީ މަޝްހޫރު ގާދިރު ސޭޓޭ."

އެންމެންނަށް އެ ހިނދު ހުއްޓުން އެރިއެވެ.

"މި ރެސްޓޯރަންޓް…" ހަސަން ކުއްލިއަކަށް ވާހަކަ ދައްކަން ފެށިއެވެ.

"އާން. މީ ތުމާގެ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ ތަނެއް،" އިޝާން އެހެން ބުނުމުން ތުމާ ލަދުން އިސްޖަހައިލިއެވެ.

"އޯ. އެހެންވެ ދޯ އެއްވެސް ސޯޝަލް މީޑިއާއަކުން ނުފެންނަނީ. އަހަރެން އަޑުއެހީމޭ ގާދިރު ސޭޓުގެ އެއްވެސް ކުއްޖެއް ނުފެންނާނެޔޯ ސޯޝަލް މީޑިއާއަކުން،" ނާޝް ވިސްނަން އިނދެފައި ބުންޏެވެ.

"ސޯޝަލް މީޑިއާގައި އުޅުމުގެ ބޭނުމަކީ ކޮބައި؟" ތުމާ ކުޑަކޮށް ހިނިތުންވެލައިފައި ކޮނޑުއަރުވައިލިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ކެއުން މޭޒުމަތީގައި އެތުރުމުން އެންމެން ކެޔުމަށް އިންސާފުކުރަން ފެށިއެވެ. މޭޒުމައްޗަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.

"އެހެން ވީމައި ވަރަށް އަވަހަށް ކައިވެނި ސަޔެއް އޮންނާނޭތާ؟" ކައިނިންމައިފައި ފޮނިއެއްޗަށް އިންސާފުކުރަމުން ރޫބީ ވާހަކަ ދައްކަން ފެށިއެވެ.

"ކައިވެނި ސަޔެއް އޮންނާނެ. އެކަމަކު މިރޭ މިތާނގައި މި ދެކެވުނު ވާހަކައިން ތިއީ އަހަރެންގެ ކައިވެންޏަށް ދައުވަތު ދޭން ޖެހޭ ބަޔެއް ގޮތުގައި އަހަރެންނެއް ނުދެކެން،" އިޝާން އައުރާފަށް ބަލައިލަމުން ބުންޏެވެ.

"ކޮން ފާޑަކަށް ތިއުޅެނީ؟ ދެން ތި ޅަ ގޮތްގަނޑު ދޫކޮށްލަބަލަ އިޝާން،" ހަސަން ނުރުހުމުގެ ރާގަކަށް ބުންޏެވެ.

"ކަލޭމެންނަށް އަހަރެން އަބަދުވެސް ފެންނަނީ ޅަ، ނުވިސްނޭ، މީހެއްގެ ގޮތުގައި. ކަލޭމެންގެ މަލާމާތުގެ އަމާޒުފަތްގަނޑަކަށް ހަދައިގެން އުޅެން ހުންނަ ކުޅޭކުޅޭ މީހާ ގޮތުގައި. ހިތު ހުރިހާ އެއްޗެއް ކިޔަން ހުންނަ މީހާ އަހަރެންމީ ދޯ؟ ކަލޭމެން ދެކޭ ގޮތުގައި އަހަރެންނަކަށް ބިޓެއް ވެސް ނުވާނެ. ބިޓެއް ގެންގުޅޭކަށް ވެސް ނޭގޭނެ. މިހާރު ކޮލެޖު ނިމުނުތާ ދިހަ އަހަރު ވީ. އަދިވެސް ކަލޭމެން އަހަރެންނާ ދޭތެރޭ ދެކޭ ގޮތަކަށް ބަދަލެއް ނާދޭ،" އިޝާން ފަތިވަރު އަމުނައިލިއެވެ.

"އަހަރުމެންނަކީ ކަލޭގެ އެންމެ ގާތް މީހުންނޯ. އެކަމަކު ދެ އަހަރު ވަންދެން ސިއްރުން މީހަކާ ރައްޓެހިވެގެން އުޅޭކަން މި އިނގެނީ މިރޭ. މީހަކާ އިންނަން އުޅޭކަން މި އެނގެނީ މިރޭ. ކަލޭ ދައްކާ އެއްޗެއްގެ މައްޗަށް ދޯ އަހަރުމެން އިންސާފުކުރާނީ،" އަޒުހަރު ބުންޏެވެ.

"ތާއަބަދު މަލާމާތްކުރާ ބައެއް ކައިރީގައި އައިސް ކޯއްޗެއް ބުނަން އޮތީ؟ އަހަރެންގެ ދިރިއުޅުމުގައި ވާ ކަންކަން ކަލޭމެންނަށް އެނގުމުގެ ކޮން ހައްގެއް އޮތީ؟ އެއް އިރެއްގައި އަހަރެންނާ އެކުގައި ކޮލެޖުގައި އުޅުނީތީ؟" އިޝާން އެހެން ބުނެފައި ގޮނޑިން ތެދުވިއެވެ. ތުމާވެސް އޭނާގެ ފަހަތުން ތެދުވިއެވެ.

"ދަނީ؟" މަޒްލީ ހައިރާންވެފައި އަހައިލިއެވެ.

"އާނ. މިތަނަށް މިއައީ ދެން އިތުރަށް ކަލޭމެންނާ މި ރަހުމަތްތެރިކަން އަހަރެން ބާއްވަން ބޭނުންނުވާ ވާހަކަ ބުނެލަން. މި ކެއުން މިއީ އަހަރެންގެ ކުރަން އޮތް ކައިވެނީގެ ސައި ކަމުގައި ވިސްނައިލާ،" އިޝާން ހިނގައިގަންނަމުން ބުންޏެވެ.

ބިލް ދެއްކުމަށް ފަހު ރެސްޓޯރަންޓުން ބޭރަށް ނުކުމެ ގޮނޑުދޮށާ ދިމާލަށް އިޝާނާއި ތުމާ ހިނގައިގަތެވެ. ތުމާ ފަހަތް ބަލައިލިއެވެ.

"އެބަ އާދޭތަ އެއިން އެއްވެސް މީހެއް؟" އިޝާން ފަސްއެނބުރި ބަލައިނުލައި އަހައިލިއެވެ.

"އުހުނ ނާދޭ،" ދެމީހުން އެތަނާ ތަންކޮޅެއް ދުރަށް ގޮސްފައި ހުއްޓިފައި މާނޭވާއެއް ލައިފައި ކުއްލިއަކަށް ހޭން ފެށިއެވެ.

"އޯ މައި ގޯޑް. އޯ މައި ގޯޑް. ހާދަ މަޖައޭ! އެމީހުންގެ މޫނުތަކަށް ވީގޮތް!" ތުމާ ހެމުން ހެމުން ބުންޏެވެ.

"ކޮންތާކުން ނެރުނު އަނގޮއްޓިއެއްތަ ތީ؟" އިޝާން ހެމުންހެމުން އަހައިލިއެވެ.

"ކޮއްކޮ އަތުން،" ތުމާ ހެމުންހެމުން ޖަވާބު ދިނެވެ.

"އަދިވެސް ޑްރާމާ ކުޅުމަށް ހަމަ އެއްވަނަ އެނގޭ ތީ،" އިޝާން މާނޭވާއެއް ލައިފައި ބުންޏެވެ.

"މަ އެކަނިތަ؟ އަހަރެންނަކީ ގާދިރު ސޭޓުގެ ދަރިޔެކޯ ބުނެފިޔޭ އަދި ހާހާ،" އަނެއްކާ ވެސް ތުމާ ހޭންފެށިއެވެ.

"ހަނދާން އެބަހުރިތަ އޭރު ތަންތަނަށް ގޮސް ތިއީ ގާދިރު ސޭޓުގެ ދަރިއެކޭ ކިޔައިފައި އޮޅުވައިލައިގެން އެއްޗެހި ހޯދާ ހަނދާން؟" އިޝާން ވެސް ހެމުން އަހައިލިއެވެ.

"އާނ. ކިހިނެތް ހަނދާން ނެތޭނީ؟ ގާދިރު ސޭޓުގެ ދަރިން ތިބޭ ގޮތް މީހުންނަށް ވަކިކުރަން އެނގޭ ދުވަހު އަހަރުމެން ދެމީހުން ފަހަތުން މީހުން ދުވާނެ ދޯ؟" ތުމާ ހެމުންހެމުން ބިނދުނެވެ.

"ތެންކިޔު އިނގޭ،" އިޝާން ތުމާއާ ދިމާލަށް ބަލައިލަމުން ބުންޏެވެ.

"މަރުހަބާ." ތުމާ ބޯޖަހައިލަމުން ބުންޏެވެ.

"ލާރި ފޮނުވައިލައިފިން. ތެންކިޔު ފޯދަ ސާވިސް،" އިޝާން ފޯނުން ލާރި ޓްރާންސްފަރ ކޮށްލައިފައި ބުންޏެވެ.

"އެ ލިބުނީ. ތެންކިޔު ފޯދަ ބިޒްނަސް!" ތުމާ އޭނާގެ ދަބަސްތެރޭގައި އޮތް ފޯނުން އަޑެއް އިވުމުން އެއަށް ބަލައިވެސް ނުލައި ބުންޏެވެ.

"އޭ އަހަރެން ޑުބާއީއަށް ދާފަހުން އެމީހުންނަށް ތުމާ ފެނިއްޖެއްޔާ ދެނޯ؟" އިޝާން އަހައިލިއެވެ.

"ސާބަސް އިޝާންބޭ. ހަނދާނެއް ނެތުނީދޯ އަހަރެންނަކީ ބޭރަށް ނުކުންނަ އިރު މޫނުބުރުގާ އަޅައިގެން އުޅޭ މީހެއްކަން. ކިހިނެތްތަ އެމީހުންނަށް އަހަރެން ފެނުނަސް ވަކިކުރަން އެނގޭނީ؟" ތުމާ ހެމުންހެމުން އެހިއެވެ.

ތުމާ އެހެން ބުނުމުން އިޝާން އަނެއްކާ ބިނދިބިނދިފައި ބާރުބާރަށް ހޭންފެށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *