Support Us

އޮރޯރާ ބޮރިއަލިސް ނަމަކަށް ކިޔާ ފިޔާތޮށި އަދި ފެހި ކުލައިގެ "އަލީގެ ފަރުދާ"

އުޓްކިއާގްވިކްއަށް ދެން އިރުއަރާނީ 2 މަސް ފަހުން!

ހިޔާލަށް ގެނެސްބަލައިށެވެ. އެމެރިކާގެ އެންމެ އުތުރަށް އޮންނަ ސްޓޭޓް ކަމަށްވާ އަލަސްކާގެ އުޓްކިއާގްވިކް ޓައުނަށް މި ދިޔަ އަންގާރަ ދުވަހު އިރުއޮއްސުމަށްފަހު އިރު ދެން ފެންނާނީ ދެ މަސް ފަހުންނެވެ. މިއަށް ކިޔަނީ "ޕޯލާ ނައިޓް" ނުވަތަ ދުނިޔޭގެ އުތުރު "ބިތުގެ ރޭގަނޑެ"ވެ.

ދުނިޔޭގެ "ޓިލްޓް" ނުވަތަ "ލެނބިފައި"ވާ ގޮތުން، އުތުރު ބިތުގެ ހަރީފު މޫސުމުގައި، އެންމެ އުތުރުގައިވާ ސަރަހައްދުތަކުގެ އުދަރެހަށް އިރެއް "ނުފެންނާނެ"އެވެ. ނަތީޖާއަކީ "އިރު ނާރާ" 65 ދުވަސް ތަޖުރިބާ ކުރެވުމެވެ. އެ ގޮތުން އުޓްކިއާގްވިކްއަށް އަންނަ އަހަރުގެ ޖަނަވަރީގެ 22 ވަނަ ދުވަހުގެ ކުރިން އިރެއް ނާރާނެއެވެ.

ދުނިޔެ ލެނބިފައި އޮންނަނީ 23.5 ޑިގްރީއަށެވެ. މި ކަމުގެ ސަބަބުން އުތުރު ބިތުގައިވާ އާކްޓިކް ސަރަހައްދު، އުތުރު ބިތުގެ ހަރީފު މޫސުމުގައި ހުންނަނީ އިރާ ނިވާވެފައެވެ.

ނަމަވެސް މީގެ މާނައަކީ އެ ސަރަހައްދު އެއްކޮށް އަނދިރިވުމެއް ނޫނެވެ. ސަބަބަކީ އިރު ފެންނަން ނެތަސް ދުނިޔޭގެ ޖައްވުގެ ތެރެއަށް އިރުގެ އަލި އެޅިފައިވާތީ އޭގެން "ސިވިލް ޓްވައިލައިޓް" ނަމަކަށް ކިޔާ ފަނޑު މަޑު ނޫކުލައިގެ އަލިކަމެއް ފެތުރިފައި ހުންނާތީއެވެ. މި ކަމުގެ ސަބަބުން އުޑާއި އަދި އެއްގަމުގައި ހުންނަ ތަކެތި ވެސް ހަމަލޮލަށް ފެނެއެވެ. އަދި މިހެންވެ ގެއިން ބޭރުގައި ވެސް ހަރަކާތްތެރިވެ އުޅެވެއެވެ.

އުޓްކިއާގްވިކްއަށް ދެ މަސް ދުވަހުގެ އަނދިރިކަން ތަޖުރިބާ ކުރެވޭނީ "ސިވިލް ޓްވައިލައިޓް" ނުވަތަ ފަނޑު މަޑު ނޫކުލައެއްގެ އަލީގެ ގޮތުގައި

މި ސިވިލް ޓްވައިލައިޓްގެ އަލިކަން އިތުރަށް ގަދަވަނީ "އޮރޯރާ ބޮރިއަލިސް" ނުވަތަ "ނޯދަން ލައިޓްސް" ކިޔާ ގުދުރަތީ "އަލީގެ ފަރުދާ"އެއްގެ ސަބަބުންނެވެ. ނޯދަން ލައިޓްސް ހުންނަނީ ފެއްސާއި ފިޔާތޮށި ކުލައިގެ، ހަރަކާތްކުރާ އަލިތަކެއްގެ ސިފައިގައެވެ. މިއީ ދުނިޔޭގެ ޖައްވުގެ މަތީ ވައިގެ ފަށަލައިގައި ހުންނަ ގޭސްތަކާއި އިރުގެ ޗާޖްވެފައިވާ ޒައްރުތައް މުޑިއެރުމުން އުފެދޭ އަލީގެ ފަރުދާއެކެވެ.

އުޓްކިއާގްވިކް ދުނިޔޭގެ އުތުރު ބިތުގައި އުތުރު އެމެރިކާ ބައްރުގައި އޮންނަ އެމެރިކާގެ އަލަސްކާ ސްޓޭޓްގައި އޮންނަ ތަން ދައްކުވައިދޭ ޗާޓެއް

އުޓްކިއާގްވިކްއަށް ދެ މަސް ދުވަހުގެ އިރުގެ އަލި ގެއްލުނަސް އަނެއްކޮޅުން ރަބީއު މޫސުމުގައި ދެ މަސް ދުވަސް ވަންދެން "އިރު ނުއޮއްސޭތީ" އަހަރު ދުވަހުގެ ނިސްބަތަށް ބަލާއިރު ދުނިޔޭގެ އެހެން ހިސާބުތަކަށް އިރުގެ އަލި ލިބޭ މިންވަރާ އެއްވަރަށް އިރުގެ ސީދާ އަލި އުޓްކިއާގްވިކްއަށް ވެސް ލިބެއެވެ.

ދުނިޔެ "ލެނބިފައި"ވާ ޑިގްރީ ދައްކުވައިދޭ ކުރެހުމެއް

އިރުގެ އަލިން މަހްރޫމްވާ ދެ މަސް ދުވަހު އަލަސްކާގެ އަސްލު ވަޒަންވެރިން ކަމަށްވާ އިނުޕިއަތު މީހުން "ލައިޓް ތެރަޕީ" ނުވަތަ "އަލީގެ ފަރުވާ" ހޯދައެވެ. މިއީ އިރުގެ އަލި ގޮތަށް މަސްނޫއީ ގޮތުން ތައްޔާރުކޮށްފައިވާ އަލިން ފަރުވާ ހޯދުމެވެ.

އުޓްކިއާގްވިކްގެ އަސްލު ވަޒަންވެރިން އާމްދަނީ ހޯދަނީ މަސްވެރިކަމާއި ޝިކާރަ ކުރުމުން

ކޮންމެ ދުވަހެއްގައި ވެސް ކުރާ މަސައްކަތްތައް ގަވައިދުން ކުރަމުން ގެންދެއެވެ. އެއީ މަސްވެރިކަމާއި ޝިކާރަ ކުރުމެވެ.

އަންނަ ޖަނަވަރީ މަހު 22 ގައި އިރު އަލުން އެރުމުން އެ މީހުން ހާއްސަ ނެށުމެއް ބާއްވާނެއެވެ. އެއީ "ވެލްކަމް ދަ ސަން ބެކް ޑާންސް" ނަމަކަށް ކިޔާ ނެށުމެކެވެ. ލަފުޒީ މާނައިން ނަމަ "އިރު އަލުން އެނބުރި އައުމަށް މަރުހަބާ ނެށުމެ"ވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *