ހުސް ކަރުނަ އޮއްސަން މި ޖެހުނީ ހުސްމަލުގެ ދަސްތާތެރޭ
ހުސް ވުމެއް ނެތި ވެއްސި އަލިމަސް ފަދަވި ތާރީފުގެތެރޭ
ހުސް ބިމެއްގައި އިންދި ގަސްތައް ފެންދެމުން ހެއްދީ އަތުން
ފުސް ނަކަތު އަހުލިހަ ވިހާގައި ހިލުނު ކޮޅިގަނޑުގަނޑުތެރޭ
ބަސްބުނާނޭ ދޫތަކެއް ނެތި ޖާޒުބިއްޔަތު ވަޅުލި ހިތް
ރަސްކަމާ ހަމައަށް އުފުއްލަން ތަން ދިނިން ކިއްލާތެރޭ
ވަސް ނެތަސް އަތަރީ ހުވަނދު ފެތުރޭ އަބީރުގެ މިސްކުގައި
މަސްތުގައި އެހެނަސް އަރާމަށް ފަހި ކުރީމެ ޝަޒާތެރޭ
ދަސްވިޔަސް ދުނިޔޭގެ ފޮތްފޮތު ހުންނަ ސަފުހާތައް މުތީން
ދަސް ނުވީ ހިތްތަކެކެ ސިއްރީ ވީ އެތައް މޭތަކު ތެރޭ
ފަސްއަޅައި ފޮރުވައިލިޔަސް ސަފުހާ މި ވީދައި އިރިޔަކަސް
އަސްލުތައް ދިރި ދެމި ވިދާނޭ އޭގެ ގިނަ ގޮތް ފޮތް ތެރޭ
ގަސްގަހުން ފެތުރޭ ހިޔާ ކުރުވާނެ ވެރި ފިނިކަން ވަށައި
ފަސްގަނޑަށް ތާޒާވި ޝަބްނަމް ވެއްސަވާށި ހިޔާތެރޭ
ފަސްކަފުން ލާންދެން މިހެން ކެތްތެރިވެގެން ސަދުމާތެރޭ
ބަސްބުނާން ވެސް ނޭނގި މިހިރީ ހުސްއަތާ ސަހަރާތެރޭ
