ކިއުކަމްބާ ނުވަތަ ދިވެހި ދަނޑުވެރިން އާއްމު ގޮތެއްގައި ކިޔާ ގޮތުން "ކަމްބާ"އަކީ އޭގައި ފެން ގިނަ ކަމުން ފައިދާ ވެސް އަދި ގެއްލުން ވެސް ހުރި އެއްޗެކެވެ.
ކަމްބާއަކީ ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރިޔަސް ސައިންސްގެ ނަޒަރުން މޭވާއެކެވެ. ޓޮމާޓޯ، ބަރަބޯ އަދި އަސޭމިރުސް ފަދައިން ގަހެއްގެ މަލަކުން ނުކުންނަ އަދި އޭގައި އޮށް ހުންނަ އެއްޗަކަށްވާތީއެވެ. ތަރުކާރީއެއްގެ ގޮތުގައި ސެލެޑާއި ސޭންޑްވިޗާއި އަދި އަސާރައަށް ލާއިރު ކަމްބާއަކީ ޖޫސް ވެސް ހެދޭ އެއްޗަކަށްވަނީ މިހެންވެއެވެ.
ކަމްބާއަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް އެއްވަނައިގެ އެއްޗެކެވެ. އަދި ހަމުގެ ސިއްހަތް ވެސް ރަނގަޅު ކޮށްދެއެވެ.
ނަމަވެސް ރޭގަނޑު ކަމްބާ ކެއުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. އޭގައި މާ ގިނައިން ފެން ހުންނާތީ އާއި ފައިބަރު އެކުލެވޭތީއެވެ. މި ދެ މާއްދާގެ ސަބަބުން ހަޖަމު ކުރުމުގައި މައްސަލަ ދިމާވުމާއި "ބްލޯޓިން" ނުވަތަ "ބަނޑު ފުއްޕުމާ"އި އަދި ނިދި ނައުމުގެ މައްސަލަ ކުރިމަތިވެއެވެ. ކަމްބާގައި މާ ގިނައިން ފެން އެކުލެވޭތީ ރޭގަނޑުގެ ފަހު ދަމުގައި ކުޑަކަމުދާން ޖެހުން އިތުރުވެއެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ކަމްބާއާ މުޅިން ދުރުވުމެވެ. ނުވަތަ ކަމްބާ ކާ މިންވަރު މަދުކޮށްލުމެވެ.
އެހެންކަމުން ކަމްބާ ކެއުން އެންމެ ރަނގަޅީ މެންދުރުއެވެ. އެއީ ހަށިގަނޑު "ހައިޑްރޭޓް" ކުރުމަށް ނުވަތަ ހަށިގަނޑުގައި ފެން ހިފެހެއްޓުމަށެވެ. އަދި ހަޖަމުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމަށެވެ.



advertisment