އަހަރެންގެ އަންހެން ދަރިފުޅު އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލް ފޮޓޯ މިއަދު ބަދަލުކޮށްލިއެވެ.
އޭގެ ފަސް މިނެޓު ފަހުން އަހަރެންނަށް މީހަކު މެސެޖެއް ފޮނުވިއެވެ. ބުނީ: "ތިބާގެ ދަރިފުޅު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކަޅު ފިރިހެނަކާކަން އަހަރެންނަށް މީގެ ކުރިއަކުން ނޭނގެއެވެ. ތިބާއަށް އެނގޭ ހެއްޔެވެ؟"
ދޭނެ ޖަވާބަކާމެދު ވިސްނައިލަން އަހަރެންނަށް މުޅި ދުވަސް ނެގިއެވެ. ނަމަވެސް އެ ޖަވާބު އޭނާއަށް ނުފޮނުވާ އަހަރެން ނިންމީ (މައެއްގެ ހައިސިއްޔަތުން) އަހަރެންގެ ދަރިފުޅުގެ ނިންމުން ނޭނގޭ މީހުންނަށް އަންގައިލުމަށްޓަކައި އަހަރެންގެ ޖަވާބު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިށެވެ.
އެއީ މިއެވެ:
ތެދެކެވެ. އަހަރެންނަށް ކުރީއްސުރެ ވެސް އެނގެއެވެ. ނަމަވެސް އަހަރެންގެ އަންހެން ދަރިފުޅު ރައްޓެހިވެގެން އުޅުނު ކަޅު ފިރިހެން ކުއްޖާގެ ހަމަކީ އެ ކުއްޖާގެ ޝަހުސިއްޔަތު ކަނޑައަޅާ ސިފައެއް ނޫނެވެ. އޭނާގެ ޝަހުސު ބިނާވަނީ އަހަރެން ލޯބިވާ ދަރިފުޅު ދެކެ އޭނާ ވެސް ވާ ލޯބީގެ މައްޗަށެވެ.
އަހަރެންގެ ގެއަށް އެ ކުއްޖާ އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް އިހްތިރާމް އަދާކުރުން ނޫން ކަމެއް ނުކުރެއެވެ. (އަހަރެންނަށް މީހުން އިހްތިރާމް ކުރުމަކީ މަށަށް ވަރަށް މުހިންމު ކަމެކެވެ).
އޭނާގެ އަތްމަތީ ބަހަކީ "އާދެ، މަ ސާހިބާ"އެވެ.
އޭނާ ރަނގަބީ އާއި ބޭސްބޯލް ފަދަ ކުޅިވަރުތަކާ ބެހޭ ވާހަކަ އަހަރެންގެ ގާތުގައި ދައްކައެވެ. އޭނާގެ ގެއަށް އޭނާ އަނބުރާ ދާއިރު އަހަރެންނާ ސަލާންކުރެއެވެ. އަހަރެންނަށް އިހްތިރާމް ކުޑަކޮށް ނުވަތަ ރުންކުރުކޮށް ނުހިތައެވެ.
އަހަރެންނަށް ފެންނަނީ އަހަރެންގެ ދަރިފުޅާމެދު ރަނގަޅަށް އަޅައިލުން ބަހައްޓާ ކުއްޖެކެވެ. އޭނާ އަހަރެންގެ ދަރިފުޅު ޑޭޓްތަކަށް ގެންދެއެވެ. ފުޓުބޯޅަ ބަލާށާއި ރެސްޓޯރަންޓްތަކަށް ގެންދެއެވެ. ނަމަވެސް ހަފުތާބަންދުގައި ކްލަބްތަކަށާއި ޕާޓީތަކަށް ނާޗަރަންގީ ކުރާކަށް ނުގެންދެއެވެ.
އަހަރެންނަށް ފެންނަނީ އަހަރެންގެ ދަރިފުޅު ގޮވައިގެން ފައްޅިއަށް ދާ ލޯބިވެރިއެކެވެ. ކޮންމެ އާދީއްތަ (ނަސޯރާ ދީނީ) ދުވަހެއްގައެވެ. އެ ކުއްޖާ ކުޅެނީ ފައްޅީގެ ބޭންޑްގައި ދީނީ މިއުޒިކެވެ. އަހަރެންގެ ދަރިފުޅު އިންނަނީ އަހަރެންނާއެކު އަޅުކަމުގައި ކުޅެވޭ މިއުޒިކް އަޑުއަހައިށެވެ. ފައްޅިއަށް ދިއުން ފަދަ (ދީނީ) ކަންތައްތަކަށް އެންމެ ބޮޑު އިސްކަމެއް ދެނީ އަދުގެ ޒުވާނުންކުރެ ކިތައް ކުދިން ހެއްޔެވެ؟ އެ ކުއްޖާ ނޫން ޒުވާނަކު އަހަރެން ނުދަންނަމެވެ.
އެ ކުއްޖާ އަހަރެންގެ ދަރިފުޅުގެ ގައިގައި ދުވަހަކު ވެސް ނުޖަހައެވެ. ދަށްކޮށްލާ ކަހަލަ ބަދުބަހެއް ނުބެނެއެވެ. ދަރިފުޅަށް ދޮގެއް ނުހަދައެވެ. ދަރިފުޅު ރޮއްވައެއް ނުލައެވެ. ދޮން ނަސްލުގެ ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިދާނެތީ އެ ކުއްޖާ އަހަރެންގެ ދަރިފުޅާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނޫނެވެ.
އެހެންކަމުން، އަހަރެންގެ ޖަވާބަކީ މިއެވެ: ކޮންމެ މީހެއްގެ ވެސް ހުންނާނީ އެ މީހެއްގެ އަމިއްލަ ހިޔާލެވެ. ނަމަވެސް އަހަރެން މި ކަމުގައި ބުނާނީ އާހިރުގައި އަހަރެންގެ އަންހެން ދަރިފުޅު، އޭނާ ދެކެ ލޯބިވާ އަދި އޭނާ ރަންޏެއްހެން ގެންގުޅޭ ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމީ އަހަރެން އުފާވާ ކަމެއް ކަމެވެ. އެއީ އަހަރެންގެ އަމިއްލަ ހަޔާތުގައި ޚުދު އަހަރެންނަށް ވެސް ލިބުނު ކަމެއް ނޫނެވެ. އަހަރެން އުފާ ވަނީ އަހަރެންގެ އަންހެން ދަރިފުޅަށް އެ ނަސީބު ލިބުމުންނެވެ.
- ކޯރާ ފޯރަމްގައި ހެދާ ބޯއިސްގެ ލިޔުމަކުން ކޯލްޓަން ޕާކް ނަކަލުކޮށްފައިވާ ލިޔުމެއް



advertisment