Support Us

ދުރުގައި ތިބެ ކަންވާގޮތް ބަލަން ތިބުމުގެ އާދަ: ބައިސްޓޭންޑަރ އިފެކްޓް

ކިޓީ މަސައްކަތް ނިންމައިފައި ގެއަށް އައިސް ކާރު ޕާކުކުރުމަށްފަހު ޢިމާރާތަށް ވަންނަން ދަނިކޮށް، މޯސްލީ އޭނާގެ ފަހަތުން ގޮސް ހަމަލާ ދޭން ފެށިއެވެ. ކިޓީ ވަރަށް ބާރަށް އެހީއަށް އެދި ހަޅޭއްލެވި އަޑު ވަށައިގެން ތިބި ހުރިހާ އެޕާޓުމަންޓުތަކެއްގެ މީހުންނަށް އިވުނު ނަމަވެސް، އެއްވެސް މީހެއް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިއެވެ. އެއް ފަހަރު މީހަކު ވަރަށް އަޑު ބާރުކޮށް "އެ އަންހެން މީހާއަށް އަނިޔާ ނުކުރާށޭ" ކިޔައިފައި ހަޅޭއްލަވައިގަތުމުން މޯސްލީ ކުޑަ ހިނދުކޮޅަކަށް ދުރަށް ދިޔަ ކަމަށް ވެއެވެ. ނަމަވެސް ކިޓީއަށް އެހީވާން އެއްވެސް މީހެއް ނުދިއުމުން އަނެއްކާވެސް އަނިޔާކުރަން ފެށީއެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ކިޓީ ރޭޕްކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ނަގައިގެން މޯސްލީ ފިލީއެވެ. އެރޭ ކިޓީ އެ ހާލުގައި އޮއްވައި ފެނުނީ އޭނާގެ ރަހުމަތްތެރިއަކަށެވެ. އޭރު ގަޑިން ފަތިހު 4.15 ވެއްޖެއެވެ. ކިޓީ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ މަރުވެފައެވެ.

މީގެ 61 އަހަރު ކުރިން، 1964 ވަނަ އަހަރުގެ މާޗު 13 ވަނަ ދުވަހުގެ ދަންވަރު، އެމެރިކާގައި ހިނގައިދިޔަ އިންސާނިއްޔަތުކަން ކުޑަ ހާދިސާގެ ސަބަބުން ދުނިޔެ ސިއްސުވާލިއެވެ. ކިޓީ ޖެނޮވީސް ނަމަކަށް ކިޔުނު އަންހެނަކު މޯސްލީ ކިޔައި ފިރިހެނަކު ނުހަނު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލަ ވެގެންދިޔައީ ނަފްސާނީ އިލްމުވެރިންގެ 10 އަހަރަށް ދެމިގެންދިޔަ ތަޙުލީލުތަކެއްގެ ފެށުމަކަށެވެ.

މި ހާދިސާގައި ނަފްސާނީ އިލްމުވެރިން ހައިރާންވީ ކިޓީ މަރާލި މީހާ އޭނާއަށް ކުރި އަނިޔާތަކަކުން ނޫނެވެ. އެމީހުންގެ ހައިރާންކަން އުފެދުނީ ގިނަ ވަގުތަކަށް ދެމިގެންދިޔަ މި އަނިޔާ ކުރަމުން ގެންދިޔައިރު، އެހީއަށް އެދި އެތައް އިރަކު ކިޓީ ހަޅޭލެވި އަޑު އިވުނު ނަމަވެސް، އެއްވެސް އެޕާޓްމަންޓަކުން އެކަން ރިޕޯޓުކުރަން ވަގުތުން ފުލުހުންނަށް ގުޅައިފައި ނުވުމެވެ. އަދި އެއްވެސް މީހަކު ތިރިއަށް ފައިބައި އެކަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވެއެވެ. ގުޅި ބަޔަކު ގުޅީ އޭގެ އެކަން ވީތާ ގަޑިއިރު ފަހުންނެވެ.

ކިޓީ ޖެނޮވީސްގެ މައްސަލައިގައި ވަށައިގެން ހުރި އެޕާޓްމަންޓް ބިލްޑިންގްތަކުގެ އުޅޭ 38 މީހުންނާ ފުލުހުން ބައްދަލުކޮށް، އެ އަނިޔާ ކުރިކަން އެނގުނުތޯ އެހުމުން، އެކަން ހިނގަމުންދިޔަކަން އެނގުނު ކަމަށް ކޮންމެ މީހަކު ވެސް ބުންޏެވެ. ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތްކޮށް، ފުލުހުންނަށް ރިޕޯޓުނުކުރީ އެހެން މީހަކު އެކަން ރިޕޯޓުކުރާނެ ކަމަށް ވިސްނައިގެންނެވެ.

މިފަދަ ލާއިންސާނީ ޢަމަލެއް ހުއްޓުވަން މަސައްކަތް ނުކުރީ އެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންގެ އިންސާނިއްޔަތުކަން ކެނޑިފައިވާތީ ބާވައޭ މީހުން ހިތަށް އެރި ނަމަވެސް، އެރޭ ކަންވީގޮތުން ފާޅުވެގެންދިޔައީ އިންސާނުންގެ ތެރޭގައި މިފަދަ ހާލަތްތަކުގައި މީހުން ކަންކުރާ ގޮތެވެ. މިއީ މީސްމީހުންގެ ހިތުގައި ހަމްދަރުދީއާއި އޯގާތެރިކަން ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މި ކަމަށް ދީފައިވާ ނަމަކީ "ބައިސްޓޭންޑަރ އިފެކްޓް" އެވެ. އެއީ ކަމެއް ހިނގާއިރު އެކަމަށް ފިޔަވަޅެއް ނާޅައި ދުރުގައި ބަލަން ހުރުމެވެ.

މި ހާދިސާގެ ސަބަބުން ކުރިމަތިލާން ޖެހުނީ އުނދަގޫ ހަގީގަތަކާއެވެ. ތޮއްޖެހިފައިވާ މުޖުތަމަޢުތަކުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ މީހުން ނަގަން ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީ އެ ޒިންމާ ނަގަންޖެހެނީ އެމީހާތޯ ގިނަ ފަހަރު ޔަގީންނުވާތީއެވެ. އެފަދަ ހާލަތްތަކުގައި އެކަމަށް އިޖާބަދޭން ފަސްޖެހި، އެހެން މީހަކު އެކަމަށް އިސްނަގައިތޯ ބަލައި، އެކަން ހުއްޓުވަން އުޅެގެން އަމިއްލައަށް ވެދާނެ ގެއްލުމަކަށް ވިސްނާކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ. އަދި ބައެއް ހާލަތްތަކުގައި އެކަމަށް ފަސްޖެހެނީ އެ ދަނޑިވަޅުގައި ކަންކުރަންޖެހެނީ ކިހިނެއްކަން ނުވިސްނި، ނުރަނގަޅަށް ކުރެވޭ ކަމެއްގެ ސަބަބުން އިތުރަށް ކަންކަން ގޯސްވެދާނެތީއެވެ. އެމީހުންނަށް ވުރެން އެކަމަށް ގާބިލު ބަޔެއް ތިބޭނޭ ކަމަށް ގަބޫލުކުރެވޭތީއެވެ.

ބައިސްޓޭންޑަރ އިފެކްޓަކީ ކިހިނެއްވާ ކަމެއްކަން ދިރާސާކުރަން 10 އަހަރު ހޭދަވިއެވެ. އެ ކުރެވުނު ދިރާސާތަކުން ފެނުނީ އެއް ނަތީޖާއެކެވެ. މުޖުތަމައުއަށް ނުރައްކާތެރިކަމެއް ދިމާވާ ހިނދު، ގިނަބަޔަކު އެތާނގައި ތިބެއްޖެނަމަ އެކަމަށް އެއްވެސް މީހަކު އެކަމަށް އިޖާބަދޭން ލަސްވެއެވެ. މިސާލަކަށް ތަނަކުން ދުން އަރާތަން ފެނިއްޖެނަމަ، އެތަން ބަލަން އެންމެ މީހަކު ހުރެއްޖެނަމަ އެމީހާ އެކަމަށް ފިޔަވަޅު އަޅާލެއް ވަރަށް އަވަހެވެ. ސަބަބަކީ އެ ވަގުތު ފިޔަވަޅު އެޅުމަކީ އޭނާގެ ޒިންމާއެއްކަން އޭނާއަށް އޮޅޭނޭ ހާލަތެއް ނެތީމައެވެ. ނަމަވެސް ގިނަބަޔަކު ތިބޭ ވަގުތެއްގައި އެފަދަ ކަމެއް ހިނގައިފިނަމަ، އެމީހުންގެ ތެރޭގައި އެކަމަށް ފިޔަވަޅެއް އަޅާނެ މީހަކީ ކާކުކަން ނޭނގި، އެއްވެސް މީހަކު ކަމެއް ނުކޮށް ތިބޭތަން ދިރާސާތަކުން ފެނުނެއެވެ. މި ތަހުލީލުތަކަށްފަހު މީހުންނާ އެކަމާ ސުވާލުކުރުމުން، އެމީހުން އެކަމަށް ފިޔަވަޅު އަޅަން ފަސްޖެހުނީ އެކަން ކުރަން އެންމެ އެކަށޭނަ މީހާއަކީ އެމީހުން ނޫންކަމުގައި އެމީހުންގެ ސިކުނޑި ބުނެދިނުމުން ކަމުގައި ބުންޏެވެ.

ބައިސްޓޭންޑަރ އިފެކްޓު އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1964 ގައި ނަމަވެސް، މިއަދުވެސް މިކަމުގެ އަސަރުތައް މުޖުތަމައުތެރޭގައި ވަރަށް ގިނައިން ފެންނާނެއެވެ. މީހުން އެހެން މީހުން ކުރާ ގޯސް ޢަމަލުތައް ހުއްޓުވުމަށް ނޫޅެ، ނުފެންނަކަމަށް ހަދައިގެން ދާ ކިތައް ފަހަރުހެއްޔެވެ؟ ސްކޫލުތަކުގައި ބުލީކުރާއިރު އެކަން ނުފެންނަކަމަށް ހަދައިގެން ތިބުން، އޮފީސް މާހައުލުގައި ނޭދެވޭ ޢަމަލުތައް ހިނގާއިރު އެކަން އެކަން އެޗްއާރަށް އެހެން މީހަކު ރިޕޯޓުކުރާނެކަމަށް ނުވަތަ "ބޮޑު" މީހަކު އެކަމަށް ފިޔަވަޅު އަޅާނެކަމަށް ބަލައި މަޑުކޮށްގެން ތިބުންފަދަ ކަންކަމަކީ ބައިސްޓޭންޑަރ އިފެކްޓްގެ ނަމޫނާތަކެވެ. އެއްވެސް މީހަކު އެކަމަށް އަޅައިނުލަނީ އެހެން މީހަކު އެކަން ކުރާނެކަމަށް ވިސްނޭތީއެވެ. މީހުން ގިނަވާ ވަރަކަށް ފަރުދުންގެ ބޮލުގައި އެޅިފައިވާ ޒިންމާއިން އެމީހުން އެއްކިބާވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *