Support Us

ޤައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ގުޅުންތައް އުފައްދައިދޭ ބާރަކީ އެބައެއްގެ ބަސް: އާދަމް ނަޞީރު 

ޤައުމެއް ދެމިއޮތުމުގައި އެންމެ އަސާސީ އަދި އެންމެ މުހިންމު ގުޅުންތައް އުފައްދައިދޭ ބާރަކީ އެބައެއްގެ ބަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ މި އަހަރުގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ "ދިވެހިރާއްޖޭގެ އެތައް ރަށެއްގައި، އެތައް ޒަމާނެއްވަންދެން އެއްބައެއްގެ ގޮތުގައި ދެމިތިބި ތިބުމުގައި އެއް ވެރިކަމަކަށް ބޯލަނބައިގެން، ހިތްލަންބައިގެން ތިބި ތިބުމުގެ މައިގަނޑު އަސްލަކީ ދިވެހި ބަހުން އެ އެންމެނާ ގުޅިފައި އޮތް ގުޅުންތައް" ކަމަށެވެ. އަދި "އެއް ޖޯކަކުން އެންމެނަށް ހީލެވޭ، އެއް ތަޖުރިބާއެއް އެންމެންގެ ހިއްސާއެއް އޮވެ، އެއް ކެއްކުމަށް އެންމެނަށް މީރުވުން، މިހެން ގޮސް ހުންނަ އެއްގޮތްވަންތަކަން އުފެދޭ ގުޅުންތަކާއި، ދޭހަތައް ކޮންމެ ޤައުމެއްގައި ވެސް އުފައްދައިދެނީ އެޤައުމެއްގެ ބަހުން" ކަމަށެވެ.

"ޙަޤީޤަތުގައި އަޅުގަނޑުމެން މިނިވަން ވަކިބައެއްގެ ގޮތުގައި ދެމިތިބެން އަޅުގަނޑުމެންގެ އެތެރެއިން އަޅުގަނޑުމެންގެ ގާތުގައި ބުނާ ބުނުމާއި އެ ގޮވާލުން އުފެދޭ ހިސާބަކީ އަޅުގަނޑުމެންނަކީ ވަކި ބަހަކުން ވާހަކަދައްކާ، ވަކި ބައެއްކަމަށް އަޅުގަނޑުމެންގެ އެތެރެއިން އަޅުގަނޑުމެންނަށް ކޮށްދޭ އިހްސާސްތަކެއް،" ދިވެހި ބަހުގެ ދާއިރާގައި އަރައިހުންނެވި އުސްތާޒެއް ކަމަށްވާ އާދަމް ނަސީރު ވިދާޅުވިއެވެ. "އެގޮތުގައި ދެމިތިބުމަށް ވިސްނާ ވިސްނުމަށް ޤައުމުވަންތަކަމޭ، ނުވަތަ ޤައުމިއްޔަތޭ ބުނެވޭ."

ދިވެހި ޤައުމިއްޔަތަކީ ދިވެހީން އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރާ ވިސްނުމާއި، ކުރާ ފިކުރު ކަމަށާއި ދިވެހީން ދިވެހީންގެ ގޮތުގައި ދަމަހައްޓައިދޭ ބާރަކީ ދިވެހީން ގަތައި، ލާމަހާލަދޭ، ދިވެހި ބަސް ކަމަށާއި އަދި ދިވެހި ޤައުމު އެކަށައަޅަނީ ދިވެހި ބަހުން ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ބަސް، އެއް ގައުމެއްގެ ގޮތުގައި ބައިތިއްބާގޮތަށް ބަސް ވަކިވަކިކޮށްލުމުން، ނުވަތަ ރޫޅުމުން، ގައުމުވަންތަކަން ބަދަހިކަން އޭގެ ތެރެއިން ނައްތާލާ ކަމަށާއި އަޅުގަނޑުމެން ކޮންމެ ދާއިރާއަކުން ކިޔެވިއަސް، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރިއަސް، އަޅުގަނޑުމެންގެ ބަހަށް އިސްކަންދީ ބަސް އަޅުގަނޑުމެން ދަމަހައްޓާ، ބަސް އެއީ އަޅުގަނޑުމެންގެ އަސާސީ ޙައްޤެއްކަން އަސާސީ ޒިންމާއެއްކަން، ޔަޤީންކުރުމާއެކީގައި އެހެން ބަސްތަކުން މޮޅުވާންޖެހޭނެ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެން ބަސްތަކުން މޮޅުވެ، އެ ބަސްތަކުން ޢިލްމާއި ކާނާއާއި ކުރިއެރުން ހޯދުމަކީ އަޅުގަނޑުމެންގެ އަސްލު ދޫކޮށްލުމެއް ނޫން ކަމަށާއި އަޅުގަނޑުމެންގެ އަސްލު ދަމަހައްޓައިގެން ވެސް އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރުގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއާއި ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމްގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޔުނިވަރސިޓީ ކައުންސިލްގެ މެމްބަރުންނާއި އިސްވެރިންވެސް  ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *