މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީ.އެމް.އެލް އިން މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކޮށް، ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.
ވޭތުވެދިޔަ ކުއާޓަރުގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ.
ވޭތުވެދިޔަ ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދައިފައިވާއިރު، މިއީ ދެވަނަ ކުއާޓަރާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10% ކުރިއެރުމެކެވެ. ވޭތުވެދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.
ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "އަޅުގަނޑުމެން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން" ކަމަށެވެ.
"މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަޚުރުވެރިވޭ،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ކުއާޓަރުގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެއެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޚިދުމަތް ގާއިމުކުރުމާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ ނަން އިތުރަށް ހަރުދަނާ ވެގެންދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި ޑިޖިޓަލް ފަސްޓް ޕޮލިސީއާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައިވެއެވެ.



advertisment

