Support Us

ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ޞިއްޙީ ދާއިރާއަށް: ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތުންތަކެއް ޤައުމުގައި ތިބުމަކީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ޤައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށާއި، ބަލިތަކުން ދުރުވެ، ބަލިތަކަށް ހުށަހެޅިފައި ނުވާ ފަދަ ގޮތަކަށް މުޖުތަމަޢު އޮތުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއަރ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ގިނަ ބަލިތަކާ ގުޅުން އޮތް ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ނުޤަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރިއާއި އެފަދަ ކަންކަމުގައި ޝާމިލު ނުވުމަށްވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ތަފާތު އެކި ބަލިތަކުގައި، އިންތިހާ ދަތި ޙާލުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭޖެހުމަށް ލުޔެއް ހޯއްދަވައިދެއްވުމަށްވެސް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، އަތުން ހިފޭ ތަރައްޤީއާއެކު ލޮލުން ފެންނަ، އަދި އިޙްސާސް ކުރެވޭ ތަރައްޤީ މުހިންމުކަމުގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓް އޮންނަން ވާ ގޮތް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާއިރު، ދެ ވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފާދިއްޕޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ދެއްކެވި ވާހަކަފުޅުގައި، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *