މިހާރަކަށް އައިސް ވިސްނޭކަމެކެވެ. ބޮޑެތިވަމުން މިއަންނަ ޖީލުގެ ކުދިން މުސްތަގުބަލު ރާވާނީ ކިހިނެތްބާއެވެ؟ އެމީހުންގެ އުޅުމާއި ވައްޓަފާޅި ހުންނަ ގޮތުން މުސްތަގުބަލާމެދުގައި ކަންބޮޑުވުން އުފެދޭ އެތައް ކަމެއް ފެނެއެވެ. އެންމެ މީހެއްގެ ކިބައިންނެއް ނޫނެވެ. އެނބުރޭ ކޮންމެ ދިމާލަކުން އަޑުއިވެނީ މިޖީލުގެ ޒުވާނުންނާ މެދު މުޖުތަމައުގެ އެހެން މީހުން ކުރާ ޝަކުވާތަކެވެ.
މިޒަމާނުގެ ޒުވާނުންގެ ކިބައިން ފެންނަ އެންމެ ދެރަވާންޖެހޭ ސިފައަކީ އެމީހުންގެ އަމިއްލަ ނަފުސާއެކު ހިމޭން ވަގުތުކޮޅެއް ހޭދަކުރުމުގެ ގާބިލުކަން ނުވާކަމެވެ. އިންސާނުންނަށް ކަންކަން ދަސްވެ ކަންކަމުގައި ގާބިލުކަން އަށަގަންނަނީ އުނދަގޫ ކަންކަމާ ކުރިމަތިލައިގެންނެވެ. ނަމަވެސް މިޒަމާނުގައި އެއްވެސް އުނދަގޫ އިހުސާސަކާ ކުރިމަތިލާކަށް ޖާގައެއް ނެތެވެ. ހުރިހާ ހުސްކަމެއް ފުރާލައިދެނީ ޓެކްނޮލޮޖީއެވެ. އުނދަގޫ ކަމަކާ ކުރިމަތިވުމުން އެކަމުން ސިކުނޑި ދުރުކޮށްދެނީ ސޯޝަލް މީޑިއާއެވެ. އިންސާނީ ބޮޑެތި ފިލާވަޅުތަކުން ރެކެނީ މި ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކޮށްގެންނެވެ.
ޒުވާނުންގެ މެދުގައި މި މައްސަލަ އިތުރުވަމުންދާކަން ދިރާސާތަކުން ދައްކައެވެ. އެމެރިކާގެ ޔުނިވަރސިޓީއަކުން 2017 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ސްމާޓްފޯނުތަކާއި ސޯޝަލް މީޑިއާގެ ބޭނުންކުރުން އިތުރުވުމާ ގުޅިގެން ޒުވާނުން އެހެން މީހުންނާ އެކަހެރިވެ އުޅުން އިތުރުވެ ޑިޕްރެޝަންގެ ނިޝާންތައް އިތުރުވެފައިވެއެވެ. ހަމަ އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވާ ވަރަކަށް ޒުވާނުންގެ މެދުގައި އެމީހުންގެ އަމިއްލަ ނަފްސާ މެދު ވިސްނުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ ހުނަރުވެރިކަން ދަށްވާން ފަށައެވެ.
މިއަދުގެ ޖީލުގެ ޒުވާނުން ދައްކާ ވާހަކައިން ގިނަ ކަންކަމަށް ހޭލުންތެރިވެފައިވާހެން އަޑުއަހާ މީހާއަށް ހީވެދާނެއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައިވާ އިލްމު ކިތަންމެ ފުރިހަމަ ނަމަވެސް އެކަމުގައި ކުރަންޖެހޭ ތަޖުރިބާ ނެތުމުން ހިކުމަތްތެރި ބުއްދިއެއް ނެތްކަން ވަރަށް އަވަހަށް ފާޅުވާން ފަށައެވެ. އެމީހުންގެ ވަށައިގެންވާ ދުނިޔޭގެ ބަދަލުވަމުން އަންނަ ހުރިހާ ކަމަކަށް ފާޑުކިޔަން ޖެހިލުމެއް ނުވެއެވެ. ނަމަވެސް އެކަމުގެ ތަޖުރިބާ ހޯދުމަކީ ކިހާ މުހިންމުކަމެއް ކަމެއް އެމީހުންނަކަށް ނުވިސްނޭ ކަހަލައެވެ. ކުރިޔަށް އޮތް ޖީލުން ދަސްވެނިވެގެން މުޖުތަމައު ފުރިގެން ދާނީ މުރަނގަފަތު މާލިމީންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އެމީހުން އުޅެ ބޮޑުވި ދުނިޔޭގައި ލަނޑުދަނޑި ކަނޑައެޅުމާ އެ ލަނޑުދަނޑިތައް ކާމިޔާބުކުރަން އުޅުމުގެ މުހިންމުކަން ކިޔައިދެވިފައި ނެތުމުން ގިނަ ޒުވާނުންގެ ހަޔާތް ހޭދަކުރަމުން ދަނީ އެއްވެސް މަގުސަދެއް ނެތިއެވެ. މަސައްކަތްކުރަނީ ލާރި ހޯދުން ފިޔަވައި ވަކި އެހެން މަގުސަދެއް އޮވެގެނެއް ނޫނެވެ. ލަނޑުދަނޑިތަކެއް ނެތުމުން ކާމިޔާބީއަށް ވާސިލުވުމަށް ތިމާގެ ކިބައިގައި އަށަގަންނަން ޖެހޭ ރޭވުންތެރިކަން އާލާކުރާކަށް ފުރުސަތެއް ނުލިބެއެވެ. ވަކި ހިސާބަކުން ކައިރީގައި އުޅޭ އެހެން މީހުންނަށް ޒުވާނުން އުޅޭގޮތް ފެންނަނީ ހާކާލި ބުރުވާލި މިސާލުންނެވެ.
މިކަންކަން ދަނީ ދިރާސާތަކުން ފާޅުވަމުންނެވެ. ހާވާޑް ބިޒްނަސް ސުކޫލުން 2021 ގައި ހެދި ދިރާސާ އިން ދައްކައި ގޮތުގައި ޒުވާނުންގެ ތެރޭގައި މިއަދު ލަނޑުދަނޑި ކަނޑައެޅުމާއި އެ ލަނޑުދަނޑިތައް ހާސިލުކުރަން މަސައްކަތްކުރުމުގެ ހުނަރުވެރިކަން ދަށްވެފައިވަނީ ވަގުތީ ހިތްހަމަޖެހުން އިސްކޮށްގެން އުޅެން ދަސްވެފައިވުމާއި ދިގު މުއްދަތައް އަމާޒުކޮށްގެން ކަންކަން ރާވަން ދަސްނުވުމުގެ ސަބަބުންނެވެ. މިކަންކަން ބަދަލުކުރެވޭނީ އެކަންކަން ބަދަލުކުރުމުގެ މުހިއްމުކަން ދެނެގަނެވިގެންނެވެ.
ނަމަވެސް މިއަދު މިކަންކަން ފާހަގަކޮށް މީހަކު ވާހަކަ ދައްކައިފިނަމަ އެކަންކަން ބަދަލުނުކުރުމަށް އުޒުރު ދައްކައި ހަދާނެއެވެ. އެއީ މައްސަލައެއްކަން ގަބޫލުކުރާކަށް ވެސް ޒުވާނުންގެ ސިކުނޑި ތަނެއް ނުދެއެވެ. ސަބަބަކީ އެކަން ބަދަލުކުރުމުގެ ގާބިލުކަން އަށަގެންނުވިފައި ނުވުމުންނެވެ. ކަންކަމަށް ފިލައި ބޮނދައިގެން އުޅުމުގެ ސަބަބުން އެއްކަމަކާ ކުރިމަތިލާކަށް ހަގީގަތުގައެއް ނޭގެއެވެ. އެކަން ނޭގޭ ކަން އެހެން މީހުންނަށް އެނގިދާނޭތީ ބިރުގަނެއެވެ. އެމީހުން އުޅެ ބޮޑުވީ ތިމާއަށް ކަމެއް ނޭނގޭ ބުނުމަކުން ދެރައެއް ނެތްކަން އެނގޭ މާހައުލުތަކެއްގައެއް ނޫނެވެ. އެހެން ކަމުން ނޭނގުނަސް އެނގިގަނެގެން އުޅުން ނޫން ގޮތެއް އެމީހުންނަކަށް ނެތެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ދެން ކުރެވޭނީ ކީއްހެއްޔެވެ؟ މިކަން މިގޮތަށް ވެފައި މިވަނީ މިގޮތަށް ކަންކަން ބަހައްޓަންވެ އެތައް އަހަރަކު ކަންކަން މަގުފަހިވުމުންނެވެ. އެހާ ގިނަ ދުވަހުން ހިފައިފައިވާ މިފަދަ އާދަތައް ނައްތައިލާން ޒަމާން ނަގާނެއެވެ. ނަމަވެސް މިއަދުން މިއަދަށް ވެސް މިއީ ވަމުންދާ ކަމެއްކަން އެނގުން މުހިންމެވެ. އެކަމުގެ ހަގީގަތާ ކުރިމަތިލުން މުހިންމެވެ. ބަދަލެއް ގެނެވޭނީ އެކަމުގެ ހަގީގަތް ގަބޫލުކޮށް ބަދަލެއް ގެންނަން ޖެހިއްޖެކަން ގަބޫލުކޮށްގެންނެވެ.



advertisment