މި ހަފުތާގައި އޭޝިއާއަށް ކުރެއްވި ދަތުރަކީ ކާމިޔާބު ޒިޔާރަތެއް ކަމަށް ސިފަކުރައްވަމުން މި ސަރަހައްދަށް ފުރިހަމަ ތަރުހީބު ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"މިއީ ވަރަށް އުފާވެރި ކަމެއް. ސަބަބަކީ ގިނަ ބަޔަކު ނުވާނެ ކަމަށް ބުނި ކަންތައްތައް އަހަރެމެންނަށް ކުރެވުނު،" ދަތުރު ނިންމަވައިލައްވައިފައި ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "އެމެރިކާ މިހާރު ތަޖުރިބާ ކުރަމުންދަނީ އެ ގައުމުގެ 'ރަން ޒަމާން'" ކަމަށެވެ.
"ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ އެމެރިކާ ވަނީ 100 ޕަސެންޓް ތިޔަ ބައިމީހުންނާއެކުއޭ،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާގެ ދަތުރުގައި އިސްކަންދެއްވީ އޭޝިއާގެ ގައުމުތަކާ އެމެރިކާއާ ދެމެދު ވިޔަފާރީގެ ދޭދޭ ގުޅުންތައް ރަނގަޅު ކުރެއްވުމަށެވެ. ބައިނަލްއަގުވާމީ ގުޅުންތައް ކުރިއަރުވައި ސަގާފީ ޑިޕްލޮމެސީގެ ބަދަލުގައި ޓްރަމްޕް ކުރިއަށް ނެރުއްވީ، އޭނާގެ އަމިއްލަ ވައްޓަފާޅިއެއް ކަމަށްވާ، ދެ ފަރާތަށް ފައިދާވާނެ ގޮތަށް މާއްދިއްޔަތަށް އިސްކަންދޭ "ޑީލް" ހަދާ ޑިޕްލޮމެޓިކް ގުޅުމަށެވެ.
އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ގައުމުތަކަށް އިސްކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ޓްރަމްޕް ވަނީ މެލޭޝިއާ، ޖަޕާން އަދި ދެކުނު ކޮރެއާއާއެކު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވައިފައެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނޭ ޖަމާއަތް ކަމަށްވާ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)އިން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބޭއްވި، އެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގެ ހަވާސާގައި ޓްރަމްޕް ވަނީ ކުއަލަ ލަމްޕޫރު ޕީސް އެކޯޑްސް ރަސްމީ ގޮތުން ބަލަހައްޓަވައިފައެވެ. މިއީ ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓައިލުމަށް ވެވުނު ތާރީހީ އެއްބަސްވުމެކެވެ.
ކްރިޓިކަލް މިނެރަލް ނުވަތަ އިގުތިސާދަށް ކޮންމެހެން ބޭނުންވާ މައުދަންތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ޓްރަމްޕް ވަނީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ބިން އިބްރާހީމާއެކު ވިޔަފާރީގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
ޓްރަމްޕް އޭޝިއާ ދަތުރު ނިންމަވައިލެއްވީ ދެކުނު ކޮރެއާގައި ބޭއްވި އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ގައުމުތައް އެކުލެވޭ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޫޕަރޭޝަން (އޭޕެކް)ގެ އެންމެ އިސްވެރިން ބައްދަލު ކުރެއްވުމުންނެވެ. އެ ބައްދަލުކުރެއްވުމުގައި ވަނީ، ކޮންމެހެން ކާމިޔާބު ކުރައްވަން ޖެހިވަޑައިގަންނަވާ ބައްދަލު ކުރެއްވުމެއް އެމެރިކާގެ ވާދަވެރި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު ބާއްވަވައިފައެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ހޫނުވަމުންދާ ވިޔަފާރީގެ މައްސަލަތައް ހައްލު ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރަނގަޅު ވަރެއްގެ ޑީލެއް ހެދޭނެ އެއްބަސްވުމަކާ ގާތަށް ދެ ލީޑަރުންނަށް މިހާރު ވަނީ ވަޑައިގެންނެވިފައެވެ. އެއީ މުދަލުން ނަގާ ޓެކުހާއި ރެއާ އާތު މާއްދާ ނެގުމުގެ މައްސަލައެވެ. ރެއާ އާތު މައުދަނަކީ އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ސާމާނު ފަދަ އާލާތްތަކުގައި ބޭނުންކުރާ، ނަމަވެސް ބިމުން ނަގަން އުނދަގޫ މާއްދާތަކެވެ.



advertisment