Support Us

ހުޅުމާލޭ ދުވާރުމަތިން ގޮނޑިމޭޒުތައް ނަގަން ފަށައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓައިފައިވާ ގޮނޑިއާއި މޭޒު، އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

"ހިތްފަސޭހަ ހުޅުމާލެ ކެންޕެއިނުގެ ދަށުން" ފެށި މި މަސައްކަތަކީ ދުވާރުތަކުގައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމާއި ހެޖުތަކުގެ ތެރޭގައި އިންދައިފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މި ކޯޕަރޭޝަން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުނެއެވެ.

"އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. ހުޅުމާލެއަކީ ހިތްގައިމު އަދި ދިރިއުޅުމަށް ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެއެވެ."