Support Us

ކުރު ވާހަކަ: ބުޅަލާއި ހިކަނދިތައް

އެއް ޒަމާނެއްގައި ހިކަނދިން ފުރިފައިވާ ގެއެއް ހުއްޓެވެ.

މި ވާހަކަ އަޑު އިވިފައި ބަޅަލެއް، އެ ސޮރުގެ އަމިއްލަ ނަފުސަށް ބުނެލިއެވެ: "އެއީ އަހަރެންނަށް އޮތް ތަނެކެވެ."

މިހެން ބުނެފައި އެ ގެއަށް ގޮސް އެ ގޭގައި ދިރިއުޅެން ފެށިއެވެ. ހިކަންޖަކަށް ފަހު ހިކަންޖެއް ހިފައި، އެ ސޮރުމެން ކަމުން ގެންދިޔައެވެ.

އެންމެ ފަހުން ހިކަނދިތަކަށް ކެތެއް ނުކުރެވުނެވެ. އަދި ނިންމީ އެ ސޮރުމެންގެ ހޮރުތަކަށް ވަދެ، އެ ތަނުގައި ތިބުމަށެވެ.

"މި ދިމާވީ އުނދަގޫ ކަމަކާއެވެ،" ބުޅާ އެ ސޮރުގެ އަމިއްލަ ނަފުސަށް ބުނެލިއެވެ. "ދެން ޖެހޭނީ މަކަރެއް ހަދައިލައިގެން އެ ހިކަނދިތައް ނެރޭށެވެ."

މިހެންވެ، ހިނދުކޮޅަކު ވިސްނައިލަން އޮތެވެ. އަދި ދެން އެރީ ފާރުމައްޗަށެވެ. ފާރަށް ޖަހައިފައިވާ ކަޑައެއްގައި ދެ ފައި އަޅުވައިލައިގެން، މަރުވެފައި އޮތް ކަމަށް ހެދިގެން ބުޅާ ދެން އޮތެވެ.

އެއް ހިކަނދި ހޮރުން ބޭރަށް ބޯ ނެރެލިއެވެ. އަދި ބުޅާ އެލިފައިވާ މަންޒަރު އެ ސޮރަށް ފެނުނެވެ.

"އާނހ!" އެ ހިކަނދި ހަޅޭއްލައިގަތެވެ. "ތިބާ ވަރަށް ވިސްނުންތެރިއެވެ. މަ ސާހިބާއެވެ. އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ތިޔަ ގޮތަށް އެލިފައި އޮތިއްޔާ، ތިބާގައި ކާބޯއެއްޗެއް އެކުލެވޭ ކޮތަޅެއްގެ ސިފަ ވެސް ޖެހިދާނެއެވެ. އެއީ ތިބާ އެ ކަމަށް ރުހެންޏާއެވެ. އެކަމަކު ތިބާއާ ކިރިޔާ ވެސް ގާތަށް އަހަރެމެން އަތުވާކަށް ނާންނާނަމެވެ."

އިބުރަތް:

ތިބާއަކީ ވިސްނައި މީހެއް ނަމަ، އެއް އިރެއްގައި ވެސް ނުރައްކާތެރި މީހެއްގެ ގޮތަށް އެނގިފައިވާ މީހަކު، ކުށެއް ނެތް ސިފަ ޖައްސައިގެން މިހާރު އުޅުނަސް، ތިބާއަށް އޮޅުވައެއް ނުލެވޭނެއެވެ.

ނޯޓް:

މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރެވޭ މީހެއް އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

އީސޮޕްއަކީ "ފޭބްލް" ނުވަތަ އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ ހަމައެކަނި މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، އޭގެ އަސްލު ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *