Support Us

މި ސަރުކާރުގެ ފުރަތަމަ އައިސް ޕްލާންޓްގެ ޚިދުމަތް ފުނަދޫގައި ފައްޓަވައިދެއްވައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓުގެ ޚިދުމަތް ށ. ފުނަދޫގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. ޖުމްލަ 30 ޓަނުގެ މި އައިސް ޕްލާންޓުގެ ޚިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ފުނަދޫގައި ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިފުތިތާޙުކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އެގޮތުން، ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ވަނީ، ފުނަދޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ސޮއިކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން، އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާދަމާ ޢަމަލީ މަސައްކަތް ފަށާ ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިން ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ރަށުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް ޢިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ފުނަދޫއަކީ އަބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ރާއްވަވަމުން ގެންދަވަނީވެސް އެފަދަ ވިސްނުންފުޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *