ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ނިންމަވައި، އެއާޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބިޔަ ބައެއް މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ގޮތުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމް.އޭ.ސީ.އެލް އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.
ކޮމަންޑޫގައި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް އިއްޔެ ފަށައިފައިވާއިރު، އެންމެ ލަސްވެގެން އަށް މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެމް.އޭ.ސީ.އެލުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާއި، ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 40،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާއި، ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫޢުގެ ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.
އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ކޮމަންޑުއަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި އެހެނިހެން ދާއިރާތަކުން ކުރިއެރުން ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، އަންނަ އަހަރު، ކޮމަންޑޫގައި 50 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާއި، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރު ނިމުމުގެ ކުރިން، ކޮމަންޑޫގައި ޑައެލަސިސް ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވައި، ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސްދެއްވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.



advertisment