Support Us

ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ށ. ކޮމަންޑޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިޤްތިޞާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމުގައި، ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާކަން މިއަދު އިޢުލާންކުރައްވާފައިވާއިރު، މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ކުރަމުންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ށ. އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާ ކަމަށާއި، އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، ށ. އަތޮޅުގައި މަސްވެރިކަން އަލުން އާލާކުރުމުގެ މަޤްޞަދުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރޭގެ ޖަލްސާގައެވެ.

މިފަދަ ފުރުޞަތުތައް ހުޅުއްވާލައްވަނީ ރާއްޖޭގެ އިޤްތިޞާދު، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިޤްތިޞާދު ފުޅާކުރެއްވުމުގެ މަޤްޞަދުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ވަކި ތަރުތީބަކުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *