މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި މީޑިއާތައް ތަމްސީލްކުރާ ހަތަރު މެމްބަރުން އިންތިހާބުގެ ވޯޓަކަށް ނުގޮސް ހޮވިއްޖެ އެެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ މި އިންތިހާބުގައި ބްރޯޑްކާސްޓަރުން ތަމްސީލްކުރާ މެމްބަރުން ހޮވިފައިވަނީ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ އަދަދު، އިންތިހާބުކުރަން ބޭނުންވާ އަދަދަށްވުރެ އިތުރަށް ނެތުމުން ކަަމަށެވެ.
ބްރޯޑްކާސްޓަރުން ތަމްސީލްކުރާ 2 މެމްބަރުން
- އަބްދުލްޢަޒީޒު އިބްރާހިމް، މޫނިމާ، ށ. ފޭދޫ
- ޒަމްޢަތު އަހުމަދު ވަހީދު، ގދ. ތިނަދޫ
އެހެން މީޑިއާތައް ތަމްސީލްކުރާ 2 މެމްބަރުން
- ސިމާޙާ ނަސީމް، ވެލީގެ، ގދ. ރަތަފަންދޫ
- ހުސެއިން ޝަޤީފް، ހިސާން، ހދ. ވައިކަރަދޫ
އިލެކްޝަން ކޮމިޝަނުން ބުނީ ބްރޯޑްކާސްޓަރުން ތަމްސީލްކުރާ މެމްބަރުކަަމުގެ މަގާމަށް ކުރިމަތިލި ޝަރުތު ހަަމަވާ ކެނޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާތީ ޝަރުތު ހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް، ދެ ކެނޑިޑޭޓުން ކަމަށެވެ. އަދި އެހެން މީޑީއާތައް ތަމްސީލްކުރާ މެމްބަރުކަމުގެ މަގާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް، ދެ މެމްބަރުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނު ވުޖޫދުވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އަލަށް އުފައްދަން ޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބޭ ހަތް މެމްބަރުންގެ ތެރެއިން މީޑިއާތައް ތަމްސީލްކުރާ ހަތަރު މެމްބަރުން އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްގެން ބޭއްވި އިންތިހާބެކެވެ.
ހަތް މެމްބަރުންގެ އެ ކޮމިޝަންގައި ދެން ތިބޭ އަނެއް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މަގާމަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހު އެެވެ. އެ ބިލް މަޖިލީހަށް ހުށަހެޅި ހިސާބުން ފެށިގެން ވެސް، އިދިކޮޅު ފިކުރުގެ ބައެއް ނޫސްވެރިން ގެންދިޔައީ އެ ބިލްގައި ކަނބޮޑުވުންތަކެއް ހުރި ކަަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުންނެވެ.



advertisment