Support Us

މަނިކުބޭގެ ސިޓީއެއް… ކައިވެންޏާ ބެހޭ ގޮތުން

ލިޔުންތެރިޔާ އިޖާއެވެ.

އިޖާ "އަދިވެސް" ނޫހަށް ލިޔެފައި ހުރި ބައެއް ލިޔުންތައް ކިޔައިފައި ހައިރާންވެ އަންތަރީސްވެއްޖެއެވެ. ހާއްސަކޮށް ކައިވެނީގެ ގުޅުމާ ބެހޭގޮތުން ލިޔެފައިވާ އެއްޗެހި ކިޔައިފައި މި ޒަމާނުގައި މީހުން ކައިވެނި ދެކެ ފޫހިވާވަރު އިޖާއަށް އެނގޭ ބާއޭ ހިތަށް އަރައެވެ.

ތި ކުރާ ހިތްވަރަށް ސާބަހެވެ. ތި ލިޔުންތައް ލިޔުމަކުން ގޯހެއް ނެތެވެ. ނަމަވެސް ތި ކިޔާނޭ މީހަކު އުޅޭހެން ހީވޭ ހެއްޔެވެ؟ ޝައްކެވެ.

ހަޔާތެއްގެ ފެށުމާއި ނިމުމެވެ. ކައިވެންޏަކީ އަހަރެންނަށް ފެނުނު އެންމެ ފުރިހަމަ ހުވަފެނެވެ. ހަޔާތެއް ބިނާކުރުމަށެވެ. ރަނގަޅު ދަރިންތަކެއް ބޮޑު ކުރުމަށެވެ. ވަފާތެރި އަނތްބަކާއެކުގައި އުމުރުގެ ފަހުބަޔާ ހަމައަށް ވާސިލްވުމަށެވެ. އަހަރެންގެ ފަރާތުން ދުނިޔެއަށް ރަނގަޅު އެއްޗެއް ދޫކުރުމަށެވެ. އެކަމަކު މިއަދު މި ހުވަފެން ތެދުވާނޭ ބާއެވެ؟ ޝައްކެވެ. ކައިވެންޏަކީ ޖުވާކުޅުން ކަހަލަ ކަމަކަށް ވެއްޖެއެވެ. އަހަރެން އެކުޅިވަރު ކުޅޭކަށް ބޭނުމެއް ނޫނެވެ.

އެކަކު އަނެކަކަށް ވާ ވައުދުތަކަކީ ކަނޑުގައި އެޅޭ ރޮނގަކަށް ވެއްޖެއެވެ. ކުރީ ޒަމާނުގާ އެކަކު އަނެކަކަށް ވާ ވައުދަކީ ހަނދާން ނައްތައިލައި އެއްޗެއް ނޫނެވެ. އެކަމަކު މިއަދު، ކައިވެންޏަކަށް ދާން ވިސްނާއިރު ވަރިވާން ދައްކާނޭ އުޒުރަކަށް ވިސްނައި މީހުން މަދެއް ނޫނެވެ. އެކަކު އަނެކަކާ އެކުގައި އުޅޭނީ ފޫހި ވަންދެންނެވެ. އޭނާއަށް ވުރެން ރަނގަޅު ކޮޅެއް ފެންނަން ދެކަށެވެ. އެ ހިސާބުން ކައިވެންޏަކާ ކައިވެންޏެކެވެ. ވައްސަލާމެވެ.

ކައިވެންޏާ ދުރަށް ދުވާ މީހުން ދުރަށް ދުވަނީ ބިރުންނެވެ. ކައިވެންޏެއް ރޫޅިގެން ދާއިރުގައި ބަނގުރޫޓުވާ ހިސާބަށް މީހުން ދާތަން ފެންނަލެ ގިނަކަމެވެ. މުދާވެރިކަން ނެތް މީހާ އަގުދޭންޖެހެނީ އެމީހާގެ އިއްޒަތުންނެވެ. އަހަނ ސަހަރޯ މިއޮށް ދުނިޔެއެކެވެ! މި ޒަމާނުގައި ކައިވެންޏެއް ދެކެ ފޫހި ވެއްޖެނަމަ އުޅޭ ތަނުން ނުކުންނަން ޖެހެއެވެ. ނުކުމެގެން ވަންނާނޭ ތަނެއް ނޯވެއެވެ. ދަރިން ގެއްލެއެވެ. މުސްތަގުބަލެއް ނޯވެއެވެ. ކީއްކުރަން ކުރާ ބޭކާރު މަސައްކަތެއް ހެއްޔެވެ؟

އެނގޭ ހެއްޔެވެ؟ ހަރަދު ނުދޭ ބައްޕައިން ބައިވަރެވެ. ތިމާގެ މީހުންގެ އަތުން ސަލާންޖަހައިގެން ދަރިންގެ ކަންކަން ބަލަހައްޓައި އަންހެނުން މަދެއް ނޫނެވެ. ހަމަ އެއާއި އެކު ވަރިކުރި މީހާގެ އަތުން ގޭގައި ގެންގުޅޭ ޓިޝޫބޮނޑިގަންނަން ލާރި ނުލިބުނަސް ސޯޝަލް މީޑިއާގައި އޭނާ ބޭޒާރުކޮށްފައި ވާހަކަ ދައްކާ އަންހެނުން ވެސް މަދެއް ނޫނެވެ. މިކަން ދުރުން ބަލަންތިބޭ މީހުންވެސް ނަފުސާނީގޮތުން ބަލިވެއެވެ.

އެމީހުން ބުނާނެއެވެ. ވަރިއާ ހިސާބުން ކޮންމެ ކަމެއްވެސް ހަނގުރާމައަކަށް ވަނީ ކީއްވެހެއްޔެވެ؟ ބަލަ! ކައިވެނި ރޫޅުނީ އެކަކު އަނެކަކު ބޭނުންވާ މީހާއަށް ނުވެވުނީމައެވެ. ވަރިވީމައި ވަކި ތަފާތެއް ވާނޭ ހެއްޔެވެ؟ އަމިއްލަ ނާކާމިޔާބީގެ ހިތި ހިތުންފިލުވާލަން ނޭގި ގެން އެހެން މީހުންގެ ކައިރީގައި އަނެކާގެ ޝަކުވާކުރާ މީހުން މަދީ ހެއްޔެވެ؟ އިޖާއެވެ. "ވަރިކުރިފުޅު ބޭޒާރުކުރާ ޕާޓީ" އެއް އެކުލަވައިލައިފިޔާ ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވާނޭކަން ޔަގީނެވެ.

ކައިވެންޏެއްގައި އެކަކު އަނެކަކު ކުޅެން ޖެހޭ ދައުރު މީހުންނަށް އޮޅިއްޖެއެވެ. އޮޅުނީކީ ނޫނެވެ. ހަމަ އަސްލަށްވެސް ނޭގެނީއެވެ. އޯގާތެރިކަމަކީ މިހާރު ރަދީފުގައި ލިޔެފައި އޮންނަ ބަހަކެވެ. އިހުތިރާމަކީ ގަދީމީ އާދަކާދައިގެ ތެރެއިން މީހުން ދައްކައި އުޅޭ ފުލޯކު ވާހަކައެކެވެ. މާނައެއް ނެތް ލަފުޒުތަކެކެވެ. މިއީ ދޮގެއް ހެއްޔެވެ؟ ޒިންމާއަކީ ކާކު ނަގަން ޖެހޭ ކޯއްޗެއް ހެއްޔެވެ؟ ނަގަންޏާ ނަގަން ޖެހެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިކަންކަން ތައުލީމީ މުގައްރިރުގެ ތެރޭގައި ނެތީމައި މީހުންނަށް ނޭގެނީބާއެވެ؟ އެއްގޮތަކަށް ވެސް ނޭގެއެވެ. މަތީ ތައުލީމުދޭ އޮނިގަނޑުގެ ތެރެއަށް ކައިވެނީގެ ހައްދުތަކާއި ހުދޫދުތައް ވައްދަން ގޮވައިލަބަލާށެވެ. ޖީލަކަށް ފަހު ޖީލެއް މިކަން ނޭގިގެން ފަނާވެގެން ދަނީއެވެ.

ކައިވެނި ކުރުމުގެ ކުރިން ކައިވެނި ކޮށްދޭ ގާޒީ ލައިދޭ ނަސޭހަތް އަޑު އެހި އަންބެއްވެސް ފިރިއެއްވެސް މިހާރު ހުރިހެނެއް ހިޔެއް ނުވެއެވެ. އެއަށް ވުރެން އެކައިވެނީގެ ހަފުލާ ކުލަގަދަ ކުރަން ވިސްނަން އަހައްމިއްޔަތު ދިނީ ކަންނޭގެއެވެ. "ކައިވެނީގެ އަމާޒު" ކިޔައި ލަވައެއް އާވެއާވެގެން ނިކުންނަތާ އަހަރުތަކެއް ވެއްޖެއެވެ. ގޭގޭގައި ކަރޯކޭ ހަދާ މީހުން ބަނޑިބަނޑިލައްވައިފައި ތާއަބަދު އެ ލަވަ ކިޔާނަގައެވެ. ނަމަވެސް އެ އަމާޒަކީ ކޯއްޗެއް ކަމެއް އެނގޭ މީހަކު ނެތެވެ.

ކައިވެންޏަކީ ދެ ރޫހެއް އިލާހީގޮތެއްގައި ގުޅައިލައި ގުޅުމެކޭ އިޖާގެ ކޮންމެވެސް ލިޔުމަކުން ފެނުނު ހަނދާން ވެއެވެ. މި ގުޅުމުގައި އެކަކު އަނެކަކުގެ ފަރާތުން ރަހުމާއި އޯގާތެރިކަން، ހިމޭންކަން ލިބޭނޭ ކަމަށް ވެސް ކިޔެފައި އޮތެވެ. ނަމަވެސް މިއަދު ކައިވެންޏެކޭ ސިޔާސީ ގުޅުމެކޭ ތަފާތެއް ނެތެވެ. ކައިވެނި ކުރަނީ މީހުންނަށް ދައްކާށެވެ. ޖެހޭ ވަޔާއި އޮޔާއެކުގައި ކޮޅު ބަދަލުވެއެވެ. މޫސުމާއެކުގައި ކުލަ ބަދަލުވެއެވެ. ނިމިގެން ދާއިރުގައި ކޮށްދެވުނު އެއްވެސް ހެޔޮކަމެއް ނެތެވެ. އާ ވައުދުތަކައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން ތިބެނީ ތައްޔާރަށެވެ. މިއީ ދޮގެއް ހެއްޔެވެ؟

އަހަރެންގެ މި ހިޔާލުތައް ކިޔައިފައި، ކިޔުންތެރިންނާ ހިއްސާކުރާނޭ ކަމަށް އުންމީދުކުރަމެވެ. މިއީ މީހަކަށް ވިސްނޭނޭ ކަމަށް ލިޔުނު އެއްޗެއް ނޫނެވެ. ކަންވާ ގޮތެވެ. ދެމިގެން ދާނޭ ކަމަށް ލަފާކުރެވޭ ގޮތެވެ. އަހަރެން މީހަކާ ނީނދެ މި ހުރީ މިހެން ވެގެންނެވެ.

އަހަރެންގެ ފޮޓޯއެއް ފޮނުވީމެވެ. ހެޔޮ ދުއާ ސަލާމެވެ.

ހައިރާންވެ އަންތަރީސްވެފައިވާ،

މަނިކުބެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *