Support Us

ގުރައިދޫ އެއާޕޯޓު 2027 ޖުލައި 26ގައި ހުޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ތ. ގުރައިދޫ އެއާޕޯޓު، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ގުރައިދޫ އެއާޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށާއި، އެއާޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުރައިދޫގައި އެއާޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ރަހުނަކާ ނުލައި، ތިން މިލިޔަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާ ލޯން ސްކީމް، ބޭންކް އޮފް މޯލްޑިވްސް އިން ދާދި އަވަހަށް ހުޅުވާލައްވާނޭ ކަމަށެވެ. އަދި ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢެއް، އަންނަ އަހަރު ގުރައިދޫގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

އެ ރަށަށް އަމާޒުކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރޭގައި، އެ އަތޮޅު ގާދިއްފުށީގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުގައި ހިމެނިގެން، ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފައްޓަވައި، އާ ދިރާސީ އަހަރަށް މަސައްކަތް ނިންމަވައިދެއްވާނޭ ކަމަށާއި، މި އަހަރުގެ ތެރޭގައި ކުޑަކުދިންގެ ޒަމާނީ ޕާކެއްގެ މަސައްކަތް ގުރައިދޫގައި ފައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *