އެކި ސަރަހައްދުތަކުގެ 40 ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ، ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުލުމަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އަށް މިހާރު އަންގަވައިފައިވާ ކަމަށެވެ. މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިނިންމާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އެހެނިހެން ކަންކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ކަމަށްވާ، މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހަމަޖެއްސިކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ޚާއްޞަ، އަދި 180 އަށް ވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ކާޑެއް ކަމަށްވާ، ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާންކުރައްވާފައެވެ.
މި ކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރުގަތުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment