Support Us

ކުރިއަށް އޮތީ ދިއްގަރުގެ ތަރައްޤީއަށް މުހިންމު ދުވަސްތަކެއް: ރައީސުލްޖުމްހޫރިއްޔާ

ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން މ. ދިއްގަރުގެ ތަރައްޤީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިއްގަރަށް މިއަދު ހެނދުނު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި، 75 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި މި މަޝްރޫޢު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާނެ ކަމަށާއި، އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް، ކަމާ ގުޅުން ހުރި ފަރާތްތަކުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިއްގަރު ބަނދަރުގެ މައްސަލައަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޖާގައިގެ ގޮތުންނާއި، މަރާމާތުގެ ގޮތުން ބަނދަރު އަޕްގްރޭޑްކުރަންޖެހިފައި އޮތްކަން ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި މަޝްރޫޢު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ހަމަމިއާއެކު، ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މަލްޓިޕަރޕަސްހޯލަކާއެކު ނުވަ ކުލާސްރޫމް ހިމެނޭހެން އިތުރު އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދިއްގަރަކީ މަސްވެރި ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގެންނަ ކުރިއެރުންތަކުގެ ސަބަބުން، ރަށުގެ މަސްވެރިންނަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. ބައެއް ކަންކަމަކީ، ކުއްލިއަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށާ، އެއީ އެއްވެސް ހާލެއްގައި ވަޢުދު ނުފުއްދެވުމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އުމްރާނީ ވަސީލަތްތަކުގެ ދާއިރާ، ގެދޮރުވެރިކަމުގެ ދާއިރާ ހިމެނޭހެން، މިފަދަ ހުރިހާ ދާއިރާއަކުން، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އަމަލީ ގޮތުން ވަރަށް ގިނަ ކަންތައްތައް ހިނގާ، އަދި ނިމެމުންދާ މަންޒަރުކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *