Support Us

މަގޫދޫ އެއާޕޯޓް ގިނަވެގެން އެއް އަހަރު ތެރޭގައި ނިމޭނެ: ރައީސް

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަގޫދުއަށް ވަޑައިގެން، އެ ރަށުގެ އިސް ވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ.

ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއެކު މިއަދު ހެނދުނު މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން އެދުނެވެ. ރައްޔިތުންގެ މި ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫޢު އެގްރިމަންޓާ އެއްގޮތަށް ގިނަވަގެން 12 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫގައި ބީ.އެމް.އެލްގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މަގޫދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދުވަނީ އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *