ރަށުތެރެއަށް ވަދެ އެތައް ހިސާބަކަށް ހިނގިއިރުވެސް ރަށުތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކައްޕި ބުނިހެން ރަށަކީ ފަޅުރަށެކެވެ. އެތަން ހީވަނީ މަރުވެފައި އޮތް ތަނެއްހެންނެވެ. ފެންނަ ގެތައް ހުރީ ފަޅަށެވެ. ބަލެވެ. ގޭގެ ނުފެންނަވަރަށް ވިނަގަސްތައް ބޯވެފައެވެ. އަހަރެންގެ ހިތަށް ކުޑަކޮށް ބިރުވެރިކަން ވެރިވާން ފެށިތަނާ ކުރިމަތިން މިސްކިތެއް ފެނުނެވެ. އޭރު އަނެއްކާ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އަހަރުމެން ދެމީހުން ދުވެފައި ގޮސް މިސްކިތައް ވަތން ހިސާބުން އަހަރެންގެ ބިރު ފިލައި ހިނގައްޖެއެވެ. މިސްކިތެއްގެ ސަލާމަތީ ހިޔާކަމުގެ ދަށަށް ވަދެވުނީމައި ކަންނޭނގެއެވެ.
މިސްކިތަށް ވަދެ އަހަރުމެންގެ ގަޑިތައް ބަލައިލީމެވެ. އޭރު ހަވީރު ހަޔެއް ޖަހަނީއެވެ. އެކަމަކު މުޅި ރަށްތެރެ އަނދިރިވެފައި ވުމުގެ ސަބަބުން ހީވަނީ އެޔަށް ވުރެން ލަސްވެއްޖެ ހެންނެވެ. މިސްކިތުގައި އަހަރުމެންގެ ދަބަހުން ޓޯޗުތައް ނަގައި ދިއްލާލީމެވެ. ފަޅުވެފައިވާ ރަށެއް ކަމަކު މި ރަށުގެ މިސްކިތް ވަރަށް ސާފެވެ. އަހަރުމެން ވިސްނީ މި ރަށަށް ފައިބާ މީހުން މިސްކިތް ބޭނުން ކުރާތީ ތަން ސާފުކޮށް އޮތީ ކަމަށެވެ.
އަހަރުމެން ގޮސް މިސްކިތު ވަޅުން ވުލޫ ކޮށްލީމެވެ. އެ ވަޅުގެ ފެން އާދަޔާ ހިލާފަށް މީރެވެ. އަސުރު ނަމާދު ކޮށްލައިފައި މަގުރިބު ނަމާދުގެ ކުރިން އަތުގައި ހުރި ކާއެއްޗެހިން ކޮންމެވެސް އެއްޗެއް ކައިލައިގެން ބަނޑު ފުރައިލީމެވެ.
މަގުރިބު ނަމާދަށް ފަހުގައި އަހަރެންނާއި ބޭބެއާ ދެމީހުން މިސްކިތުގެ ކަނުގައި އިށީނުމުން މި ރަށަށް ފޭބި ފަހުން ބޭބެ އަނގައިން ނުބުނާކަން އެނގުނެވެ. އޭނާއަކީ މިޒާޖުގައި މަޑުމައިތިރި މީހަކަށް ވީނަމަވެސް އެކަލަ އާދަޔާ ހިލާފު ތަނަކަށް އާދެވިގެން އުޅޭ އިރުގައި އޭނާގެ އަނގައިން އެތަނާ ދޭތެރޭގައި އެއްވެސް އެއްޗެއް ނުބުނުމަކީ އާދަޔާ ހިލާފުކަމެކެވެ.
"ބޭބޭ،" އަހަރެން އޭނާއަށް ގޮވައިލީމެވެ.
"އޯއި،" އޭނާ ޖަވާބު ދިނެވެ.
"ވިއްސާރަޔާ ހެދި ބަލިވީތަ؟" އަހަރެން އޭނާގެ ނިތްކުރީގައި އަތް ޖައްސައިލީމެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. ބޭބެ ހުރީ ހުންއައިސްފައެވެ. އަހަރެން އަވަހަށް ދަބަހުގެ ތެރެއިން ބޭސް ނަގައިފައި އޭނާއަށް ދިނީމެވެ. އޭނާ އެއްވެސް އުޒުރެއް ނުދައްކައި އެ ބޭސްގުޅަ ކައިލިއެވެ.
"އަހަރުމެން ކުރީގައި މިރަށަށް އައިންތަ؟" ބޭބެ އެހެން އެހީމައި އަހަރެން ހައިރާން ވިއެވެ. ނަމަވެސް ހުމުގެ ސަބަބުން ހޭ ބުއްދިއަށް އަސަރުކުރީ ކަމުގައި އަހަރެން ނިންމީމެވެ.
"އެހެން ހީވެދާނެ. ކޮންމެ ރަށެއްވެސް އޮންނަނީ މިގޮތަކަށްނުން،" އަހަރެން ބުނީމެވެ.
"ނޫން. އެހެނެއް ނޫން. ބޭބެއަށް ހީވަނީ ބޭބެ މިތަނުގައި ކުރީގައި އުޅުނިން ކަންނޭނގެ،" ބޭބެ ލޯމަރައިލައިގެން އިނދެގެން ވާހަކަ ދެއްކިއެވެ. "އަސްތަގްފިރުﷲ. މިތާނގައި ބަޔަކު މީހުން ހާދަ ގޯސްކޮށޭ އުޅެފައި ހުރީ."
"ބޭބެ ރަނގަޅު. މިކަހަލަ ބިރުވެރި ތާކަށް އާދެވުނީމައިތަ ބޭބެގެ ހިޔާލީ ދުނިޔެ ހުޅުވެން އެނގުނީ؟" ކަންބޮޑުވެފައި އިނދެގެން ވެސް އަހަރެންނަށް ހެވުނެވެ. އެކަމަކު ބޭބެގެ ފަރާތުން ހީލުމުގެ ރައްދެއް ނުލިބުނެވެ.
އަހަރެންނަށް އުނދަގޫ ވާން ފެށިއެވެ. ދަބަސް ބާއްވާފައި ބޭބެ ކައިރީގައި އޭގައި ބޯ އަޅައިލަން ބުނީމެވެ. ބޭބެ އޮށޯވެފައި ކުޑައިރުކޮޅަކުން ތުރުތުރު އަޅަން ފަށައިފިއެވެ. އަހަރެން ބޭނުންވީ ދޯންޏަށް ގޮސް ކައްޕިމެން ގޮވައިގެން އަންނާށެވެ. ދުވަހަކުވެސް ބޭބޭ ބަލިވެފައި އޮތް މަންޒަރު އަހަރެންނަށް ފެނިފައި ނެތީމައި ހަދަން ވީގޮތެއް ނޭނގުނެވެ. ނަމަވެސް ބޭބެ އެހެން އޮއްވާ ދާކަށް ނުކެރުނެވެ. ބޯކޮށް ވާރޭ ވެހޭ އަޑާއި ބޭބެގެ ކުކުރުން ފިޔަވާ އިތުރު އެއްވެސް އަޑެއް މިސްކިތްތެރެއަކަށް ނީވެއެވެ. އަހަރެންނަކީ މާ ބޮޑަށް ބޯދާ ކަންކަން ގަބޫލުކުރާ މީހަކަސް އެ ގަޑީގައި ދުލަށް އައި ހެޔޮ އެއްޗެއް ކިޔަން ފަށައިފީމެވެ.
އެހެން އޮވެފައި ކުއްލިއަކަށް ބޭބެ ފުންމައިގެން ތެދުވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. މިސްކިތުގައި ދިއްލާފައި ހުރި ޓޯޗުތަކުން ބޭބެގެ މޫނަށް އަލި އެޅުނު އިރުގައި އޭނާގެ ލޮލުގެ ކުލަ މަޑު އަޅި ކުލައަށް ބަދަލުވެފައިވާތަން ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ލޯ ހުދުވަނީ ކޮންބައްޔެއް ޖެހުނީމައި ބާއޭ ހިތަށް އެރިއެވެ. އޭނާ ތެދުވެގެން މިސްކިތުން ބޭރަށް ހިނގައިގަތެވެ.
"އޭ ބޭބޭ ކޮންތާކަށް ތި ދަނީ؟" އަހަރެން ބިރުން އިނދެ ސުވާލު ކޮށްލީމެވެ.
"ވުލޫ ކުރަން،" އޭނާ އަހަރެންނާ ދިމާލަށް ބަލައިވެސް ނުލާ ހިނގަމުން ޖަވާބު ދިނެވެ.
އަހަރެންވެސް އޭނާއާ އެކުގައި ގޮސް ވުލޫ ކުރީމެވެ. ދެން ބޭބެ އައިސް އިމާމު ހު ްނަ މަގާމުގައި ހުއްޓި ހަރުއަޑުން ބަންގި ދޭން ފެށިއެވެ. ބޭބެއަކީ ދުވަހަކުވެސް އިމާމުވެ ނަމާދު ކުރިމީހެއް ނޫނެވެ. އެއީ ހުން ބޮލަށް އަރައިފައި ހުރެގެން ކުރާ ކަންތައް ކަމުގައި އަހަރެން ނިމައި އެއްޗެކޭ ނުބުނެ އޭނާގެ ފަހަތަށް އެރީމެވެ.
ކުއްލިއަކަށް މުޅި މިސްކިތުގެ ބިމުއަޑިން ފާޑަކަށް ނޭވާލާ އަޑު އިވިފައި ބިންގަނޑު ތުރުތުރު އަޅަން ފެށިއެވެ. އަހަރެންގެ މޭ ގުޑަން ފެށީ ވަރަށް ބާރަށެވެ. ރަށަށް އެރުނު މޮޔަ ހީވާން ފެށިއެވެ. ނަމަވެސް މާތްކަލާނގެއާ ވަކީލުކޮށްފައި ބޭބެގެ ފަހަތުގައި އިޝާ ނަމާދުކޮށް ނިންމީމެވެ.
ނަމާދަށް ފަހު ބޭބެ ތެދުވެފައި އޭނާގެ ކަރުތެރެއިން އެ ނިކުތް ބިރުވެރި އަޑުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އަހަރެންނަށް ނޭނގޭ ބަހުރުވައަކުން އެ އަޑުން އޭނާ ބަނދިވަރުތަކެއް ގޮވަން ފެށިއެވެ. ކުއްލިއަކަށް މުޅި މިސްކިތުގެ އެކި ދިމާލުން ހިޔަނިތައް ނުކުންނަން ފަށައިފިއެވެ. އެ އެއްޗެހި އަހަރެންގެ ފަހަތުގައި އެތުރެން ފެށިކަން އަހަރެންނަށް އެނގުނެވެ. ބިރުން އަހަރެންނަށް ގުޑިލާކަށް ނުކެރުނެވެ.
ދެން ބޭބެ ތަކުބީރު ކިޔައިފައި ހަށަން ބަނދެ ނަމާދުކުރަން ފެށިއެވެ. އެއީ ކަށުނަމާދުކަން އެނގުނީ އިރުގަނޑެއް ވީތަނާއެވެ. އަހަރެންގެ ފަހަތުން ހުރިހާ ހިޔަނިތަކެއްވެސް ހަރަކާތްކުރާކަން އެނގުނެވެ. ބިރުން ފިތްކެނޑޭ ހާލު އޭނާގެ ފަހަތުން އެ ނަމާދުކޮށް ނިންމީމެވެ. އެ ނަމާދު ނިމުމާ އެކުގައި ބޭބޭ ހުރިތަނަށް ތިރިވިއެވެ. އަދި ގިސްލަގިސްލާފައި ރޯން ފެށިއެވެ. މިސްކިތަށް އެއްވި ހިޔަނިތައް ފަނޑުވެގެން ދިޔައެވެ. ކުއްލިއަކަށް ވިއްސާރަ ހުއްޓާލައި ބޭރުން ހަނދުވަރުގެ އަލިކަން ފާޅުވާން ފެށިއެވެ. އަހަރެންނަށް ކައިރިވާން ނުކުރެފައި އިނދެފައި ބޭބެ ގާތަށް ޖެހިލައިފާ އޭނާގެ ކޮނޑުގައި އަތް ޖައްސާލީމެވެ. ބޭބެ އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ކަޅީގެ ކުލަ ހުރީ ކަޅަށް ބަދަލުވެފައެވެ. އަހަރެން އޭނާގެ ނިތްކުރީގައި އަތްލިއިރުގައި ހުމެއް ނެތެވެ.
"ކިހިނެތްތަ ދެންމެ އެވީ؟" އަހަރެން ބިރުން އެހީމެވެ.
"ހިނގައިދާން،" ބޭބެ ކުރަކި އަޑަކުން ބުންޏެވެ.
"ކޮންތާކަށް؟" އަހަރެން ހުރީ ވަރަށް ޖެހިލުންވެފައެވެ.
"މާލެ. މިހާރު ފުރޭނެ،" ބޭބެ ތެދުވެގެން ގޮސް ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. މިރަށުން ފައިބަން ބޭނުންވެފައިވާލެއް ބޮޑު ކަމުން ބޭބެއާ އެކުގައި އަލުން ދޯންޏާ ދިމާލަށް މިސްރާބު ޖެހީމެވެ. ގޮނޑުދޮށާ ހަމައަށް ގޮސްފައި ބޭބެ ހުއްޓުނެވެ. އޭރު އަހަރުމެން އައި ދޯނި ފަޅުގައި އަޅަފައިފައި އޮތްތަން ފެނެއެވެ. އޭނާ ގޮނޑުދޮށުގައި އިށީނދެފައި އަހަރެން ކައިރީގައި އޭނާގެ ކައިރީގައި އިށީނުމަށް އެދުނެވެ. ބިންގަނޑު އޮތީ ވިއްސާރައިގެ ސަބަބުން ތެމިފޯވެފައެވެ.
"އެނގޭތަ މިއީ ކޮންތަނެއް ކަން؟ މިއީ ބޭބެގެ އުފަން ރަށް،" ބޭބެ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
"ކިހިނެތް ބޭބެއަށް އެނގުނީ. ކޮން ބަހުރުވައަކުންތަ ދެންމެ އެ ވާހަކަ ދެއްކީ؟ ކޮން ހިޔަނިތަކެއްތަ އެ ޖަމާވީ؟ ކާކުގެ މައްޗަށް ކަށުނަމާދު ތިކުރީ؟" ދެން ހުރި ސުވާލުތައް ވެސް ކުރީމެވެ.
"މިއީ ބޭބެގެ އުފަން ބިންކަން އެނގިއްޖެ ވެލިގަނޑުގައި ފައި ޖެހުނުތަނާ. ނޭނގެ އެނގުނީ ކިހިނެތް ކަމެއް. އެކަމަކު މިހާރު މިކިޔާދޭން އުޅޭ އެއްޗެހި އެނގުނީ މިސްކިތްތެރޭގައި އިނދާ،" ބޭބެ ވާހަކަ ފެށިއެވެ.
ބޭބެ ކިޔައިދިން ގޮތުގައި އެ ރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން އައިސް ފޭބި ރަށެވެ. އެމީހުންނަކީ އޭރު ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ގަބީލާއަކަށް ނިސްބަތްވާ ބައެކެވެ. އެމީހުންނަކީ ވަރަށް ބޮޑު އިލްމެއް ދެއްވަވާފައިވާ ބަޔެކެވެ.
"އެމީހުންނަކީ ގައިބުގައިވާ އާލަމްތަކުގެ ދޮރުތައް ހުޅުވައިލެވޭ ބަހުރުވައިގެ ވެރިން،" ބޭބެ ކިޔައިދިނެވެ.
"އެއީ ދެންމެ ބޭބެ އެ ބޭނުންކުރި ބަހުރުވަތަ؟" އަހަރެން އަހައިލީމެވެ.
"އާނ" ބޭބެ ޖަވާބު ދިނެވެ.
ބޭބެ ބުނިގޮތުގައި އެބަހަކީ އެ ނަސަބަށް ނިސްބަތްވާ ކޮންމެ މީހަކަށް ދަސްކުރުމަކާ ނުލައި އެނގޭ ބަހެކެވެ. ނަމަވެސް އެ ބަހުގެ ބޭނުން ކޮށްގެން އެ މީހުން ވަރަށް ނުބައި އަމަލުތަކެއް ކުރަން ފެށުމުގެ ސަބަބުން އެންމެ ފުރަތަމަ ވަޒަން ވެރިވެގެން އުޅުނު ތަނުން ފައިބައިގެން މި ރަށަށް ހިޖުރަ ކުރަން ޖެހުނީއެވެ.
"އެމީހުން އެ ބަސް ބޭނުން ކޮށްގެން ޖިންނި ޝައިތާނުން އޮޅުކޮށްގެން ގެންގުޅެ އެމީހުންގެ ދުނިޔެވީ އެދުންތައް އެ އެއްޗެހީގެ އެހީގައި ފުއްދަން ފެށީ،" ބޭބެ ކިޔައިދިނެވެ. "އެ އެދުންތަކުގެ ޝަހުވަތުގައި ޖެހިފައި ނޭނގި ތިއްބާ އެމީހުންގެ މައްޗަށް ޝައިތާނުން ގަދަވެގަނެގެން އެމީހުން ލައްވައި ބޮޑެތި ކަރާމާތްތަކަށް އަރައިގަނުވަނީ."
ބޭބެ ކިޔައިދިން ގޮތުން މިރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އެ ހިތި ތަޖުރިބާ ކޮށްފައިވާ މީހުންނެވެ. އެމީހުންނަށް ލިބިފައިވާ މި ބާރުގެ ސަބަބުން އެމީހުންގެ ސިކުނޑި މަސައްކަތްކުރަނީ އެހެން މީހުންނާ ހިލާފަށެވެ. މި ރަށުގައި ވަޒަންވެރިވެގެން އުޅެން ދެން އައި މީހުންނަށް ތަފާތު ވައްތަރުގެ އިލުމު އުނގަންނައިދީ އެމީހުން ހެދިއެވެ. އެމީހުންގެ ހުނަރުތަކުގެ ވަރުގަދަ ކަމުން ދުވަހަކުވެސް ފައިސާގެ ދަތިކަމެއް އެމީހުންނަކަށް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް ޖީލުތަކަކަށް ފަހުގައި އަނެއްކާ ވެސް އެމީހުން ކުރީގައި ދިމާވި ކަންތައް ހަނދާންނެތި ޖިންނި ޝައިތާނުން އޮޅުކޮށްގެން ގެންގުޅުމަށް ރުޖޫއަވީއެވެ.
"މިފަހަރު އެމީހުން ކުރަން ފެށީ މާ ފާސިގު އަމަލުތަކެއް،" ބޭބެ ލޯމަރައިލައިގެން އިނދެގެން ވާހަކަ ދައްކަމުން ދިޔައެވެ. "ޖިންނީންގެ އެންގުމަށް ދުނިޔެވީ ބާރުތަކަށް ދަހިވެތި ވެގެން އެމީހުންގެ އަމިއްލަ ދަރިން މިސްކިތްތެރޭގައި ގުރުބާން ކުރަން ފެށީ."
އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"މަންމައާއި ބައްޕަ އަހަރެންނަށް ބަލިވެ އިންކަން އެނގުނީމައި މި ރަށުން ފޭބީ. އެ ދެމީހުން އަހަރެން ބައްޕައާ ހަވާލުކޮށްފައި އެނބުރި މިރަށަށް އައި އިރުގައި މިރަށު އެންމެން ތިބީ ހިޔަނިތަކަކަށް ބަދަލުވެފައި. އެމީހުންގެ އަމަލުތައް އިންސާނީ ހުދޫދުތަކުގެ ތެރެއިން ހައްދުފަހަނަ އެޅީމައި ވީގޮތް މިއީ. ދެން އެނބުރި އިންސާނީ ދިރިއުޅުމަށް ރުޖޫއައެއް ނުވެވޭނެ. މިއަދު ކަށުނަމާދަށް އެ އައީ އެ ހިޔަނިތައް،" ބޭބެ އޭނާގެ ލޯ ފޮހެލިއެވެ. "އަހަރެންނަށް އެނގޭ ކީއްވެގެން ކަން މި ރަށަށް މި އާދެވުނީ. އަހަރެންގެ މަންމައާއި ބައްޕަ ދުނިޔެ ދޫކުރީ މިއަދު ހެނދުނު."
"ކޮބައި އެމީހުންގެ ހަށިތައް؟" އަހަރެން ސުވާލުކުރީމެވެ.
"މިސްކިތްކައިރީގައި. ކުޑައިރުކޮޅަކުން ބޭބެ ގޮސް އެމީހުންގެ ހަށިތައް ވަޅުލާނަން،" އަހަރެންގެ ކޮނޑުގައި ބޭބެ ޖަހައިލިއެވެ.
"އަހަރެން ވެސް ދާނަން ވަޅުލާން އެހީވެދޭން."
"ނޫން. ކޮއްކޮ ދެން ދޭ މާލެއަށް،" ބޭބެ މަޑުމަޑުން ބުންޏެވެ.
"ދެން ބޭބެ އޯ؟" އެހެން ބުނިއިރުގައިވެސް ބޭބެގެ ނިންމުން އަހަރެންނަށް އެނގިއްޖެއެވެ.
"ބޭބެ މިތާނގައި މަޑުކުރާނީ. މި ބަހުގެ އަހުލުވެރިން ތެރެއިން ދުނިޔޭގައި ހުރި ހަމަ އެކަނި މީހަކީ ބޭބެ. މިތާނގައި މަޑު ކޮށްފިނަމަ ދެން އިތުރަކަށް މި ބަސް އެހެން މީހަކަށް ވާރުތައެއް ނުވާނެ."
"އެކަމަކު ބޭބޭ. ބައްޕައަށް ބޭބެއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ދޯ؟ މި ރަށުގެ އަހުލުވެރިންނަށް ކަންތައް ދިމާވި ގޮތަކަށް ނޫންދޯ ބޭބެއަށް ކަންތައް ދިމާވާނީ؟" އަހަރެންނަށް ބޭބެގެ ނިންމުން ހަޖަމުކުރަން ދަތިވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ދުނިޔެ ބަދަލުވެގެން ދިޔުން ހުއްޓުވޭތޯ މަސައްކަތް ކުރީމެވެ.
"ހަނދާން އެބަހުރިތަ ބައްޕަ ކޯއްޗެއްތޯ ދަރިފުޅު ބައްޕައަށް ދިނުމުގެ ބަދަލުގައި ބޭނުމީ އެހުމުން އެމީހުން ބުނި އެތި؟" ބޭބެ ސުވާލުކުރިއެވެ.
"އާނ. ބޭބެއަކީ ރަނގަޅު ގޮތް އިހުތިޔާރު ކުރާ މީހަކަށް ވުމަށޭ އެމީހުން އެދެނީ،" ބައްޕަ ދެއްކި ވާހަކަ އަހަރެން ހަނދާން ހުއްޓެވެ.
"މި ބަހުގެ އަހުލުވެރިންނަކީ ވެސް އިންސާނުން. އިންސާނުންނަކީ ހަނދާން ނެތޭ ބައެއް. އެއީ އިންސާނީ ތަބިއްޔަތު. އަހަރެން މިތާނގައި މަޑުކޮށްފިޔާ މި ބަސް އަހަރެންނާ އެކު ނިމޭނެ."
"ދެން އަހަރެން މަންމައާއި ބައްޕަކައިރީގައި ބުނާނީ ކީކޭ؟" އަހަރެންގެ ހިތަށް ވަރަށް ތަދުވާން ފެށިއެވެ. ބޭބެ އަހަރެންގެ ގައިގައި ބައްދައިލިއެވެ.
"ތީ އަހަރެންނަށް އެނގޭ އެންމެ މޮޅަށް ވާހަކަ ހަދައި މީހާ. ކޮންމެވެސް ގޮތަކަށް ހަމަޖައްސައިލާ."
ބޯޓުގެ މީހުން ކައިރީގައި ބޭބެ މިރަށް ދިރާސާކުރަން މަޑުކުރީއޭ ބުނުމުން އެމީހުން ގަބޫލުކުރިއެވެ. އަހަރުމެން އެ ރަށުން ނުކުމެގެން ތަންކޮޅަކަށް ގޮސްފައި ފަހަތް ބަލައިލިއިރު އެއްކަލަ ބޯ ދުންފިނި އުދަރެސް ފުރާލައިފިއެވެ. ދެން ދުވަހަކުވެސް އެރަށް އަދި އެރަށުގައި މަޑުކުރި އަހަރެންގެ ލޯބިވާ ބޭބެ ނުފެންނާނޭކަން އެނގުނެވެ.
(ނިމުނީ)



advertisment
One Response
ކޮންކަހަލަ ވާހަކައެއް؟