Support Us

ރައީސް ޝީގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަކީން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާ ހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ޤައުމަކުން އެކުލަވައިލައިފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާ 2001ގައި އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.

ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *