ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ ގުޅުން ހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ ކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްވަވާފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުޅުދުއްފުށި އެއާޕޯޓާ އިންވެގެން އޮންނަ ސަރަޙައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްޤީކުރުމާއެކު، ހދ.ގެ ފަތުރުވެރިކަމަށް ހުޅުވާލެވޭނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން އިއްޔެ ވަނީ، ކުޅުދުއްފުށީގެ ތަރައްޤީއާ ގުޅުން ހުރި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، މަޝްރޫޢުތަކުގެ ބިންގާ އަޅުއްވައި ބައެއް މަސައްކަތްތައް އިފްތިތާޙުކޮށްދެއްވައިފައެވެ.
މިގޮތުން އަސާސީ ކާނާ އާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް އިމްޕޯޓުކޮށް ގުދަން ކުރެވޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމާއި ބޮންޑަޑް ޒޯން ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ވިޔަފާރި ބަނދަރުގެ ޚިދުމަތް ފުޅާކުރައްވައި، އެ ޚިދުމަތްތައް ވަނީ އިފްތިތާޙުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ވަނީ، ކުޅުދުއްފުށީ ވައިގެ ބަނދަރުގެ ތަރައްޤީއަށް ވެސް މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ކުޅުދުއްފުށީ އެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރާ އާ އިމާރާތުގެ ބިންގާ އިއްޔެ ވަނީ އަޅުއްވައިފައެވެ. ކުޅުދުއްފުށި ސިޓީގައި ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް ބިޒްނަސް ސެންޓަރެއްގެ ބިންގާ އެޅުއްވިއެވެ. އަދި އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ރޭ އިއުލާން ކުރެއްވިއެވެ.
ކުޅުދުއްފުށީ ސިޓީގެ އާބާދީ އާއި ތަރައްޤީއަށް އެކަށޭނަ ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޤްޞަދުގައި، ކުނި އަދި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިއްޔެ ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ރޭސިން އަށް ބޭނުންކުރެވޭ މަގުތައް ހިމެނޭ ގޮތަށް، ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ.
ރޭގެ ޖަލްސާގައި ވަނީ، ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އަލަށް ފަށާ 2000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ދެހާސް ހައުސިން ޔުނިޓުގެ މަޝްރޫޢުގައި 1300 ހައުސިން ޔުނިޓް އިމާރާތްކުރައްވާނީ ކަނޑައެޅިފައިވާ ސަރަޙައްދެއްގައި ކަމަށާއި، ބާކީ 700 ހައުސިން ޔުނިޓު ޚާއްޞަކުރައްވާނީ ގޯތީގައި އިމާރާތްކުރާ އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭ ސޮއިކުރެއްވި ކުޅުދުއްފުށީ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ އިތުރުން، ފުޓުބޯޅަ އާއި ހޭންޑް ބޯލް ކުޅޭ ޑުއަލް ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކްގެ މަސައްކަތް ޑިސެމްބަރު މަހު ފައްޓަވައި، އަންނަ މަހު ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޓޯނަމަންޓަށް އަމާޒުކުރައްވައިގެން ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޤާއިމުކުރައްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



advertisment