Support Us

އުކުޅަހަކީ ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް، ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދޭނަން: ރައީސް

އއ. އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށާއި، ރައްޔިތުން ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށް ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުތަކަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ވަރަށް ގާތުން ބައްލަވައިގެން، ހަލުވި ދުވެލީގައި މަސައްކަތްކޮށް ނިންމަވައިދެއްވާނެ މަޝްރޫޢުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ބައްދަލުކުރެއްވުމުގައި ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުތަކަކީ ރަށަށް ނުހަނު ބޭނުން މަޝްރޫޢުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުކުޅަހުގެ އަދުގެ ހާލަތަށް ބަލާއިރު، މިވަގުތު ރަށަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާޙް ގެންނަވައިފައި ކަމަށާއި، އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރުތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ކަންކަމުގެ އިތުރުން، އުކުޅަހުގެ ޞިއްޙީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރައިފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރައި ދާންވީ، އިސްލާމީ ހަމަތަކާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެކަމަށް ނަޞޭޙަތްތެރިވެވަޑައިގެން، އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް