އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށެވެ. ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫޢު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ބޮޑުފޮޅުދޫގައި ޤާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށުގައި މިހާރު ހިއްކައިފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާ ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ބޮޑުފޮޅުދޫގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.



advertisment