Support Us

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލު އެކުލަވައިލައްވައިފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުޞޫލެކެވެ. އެގޮތުން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުޞޫލު މިއަދު ވަނީ ސަރުކާރު ގެޒެޓުގައި އާންމުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޤާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފައެވެ. އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށް ފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައެވެ.

މިއަދު ގެޒެޓުކުރި މި އުޞޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުޞޫލުތަކާއި މިންގަނޑުތައް ވަނީ ބަޔާން ކޮށްފަވެއެވެ. މި އުޞޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ގޮތަށް، މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެއެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު ދެފުށް ފެންނަ، ޒިންމާދާރު އުޞޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް