Support Us

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވައިފި

އއ. މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ކަން ހާމަކުރެއްވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމަށް މިއަދު ސޮއިކުރެއްވި މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ޕިކްނިކް އައިލެންޑް ތަރައްޤީކުރައްވާނީ، މާފަރު ފަޅުގައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއް ކަމުގައިވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނޭ ކަމަށެވެ.

މި ދަތުރުފުޅުގައި ފެރިދޫގައި ވަނީ މި ނޫންވެސް އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އެއީ ފެރިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އއ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި ޢުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.

އަތޮޅު މަދަރުސާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނޭ ކަމަށެވެ. އެ ގޮތުން ސްކޫލަށް ބޭނުންވާ ބިނާރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށް ވުމާއެކު، ސިއްޙީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ޙައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވައި، އެ ކަމުގައި އުފެދިފައިވާ ޚިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު، ބިން ކަނޑައެޅުނުހާ އަވަހަކަށް، މިސްކިތުގެ މަސައްކަތް ފެށޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފެރިދޫގައި ފައްޓަވާފައި ވީނަމަވެސް، އެ އިމާރާތް އެޅެންދެންވެސް ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ރަށުގައި ޤާއިމުވެ ތިބޭނޭ ތިން ފުލުހުން، މި ހަފުތާގެ ތެރޭގައި ފެރިދޫއަށް ފޮނުއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން ގާތަށް ކުރައްވާ ޒިޔާރަތްތަކުގެ މަޤްޞަދަކީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭ ގޮތަށް ކޮށްދެވޭކަން ޔަޤީންކުރެއްވުން ކަމަށެވެ. އަދި، އަހުމިއްޔަތުކަން ދެއްވަނީ، ވަޢުދުތައް ފުއްދެވުމަށާއި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރެއްވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް