ދުނިޔޭގެ ކަނޑުތަކަކީ ނާމާންކަމުން ފުރިގެންވާ ތަނެއް ކަމަށް ވިޔަސް މިއީ ހުރިހާ މާހައުލުތަކާއި މަހުލޫގުންނަށް ހިމާޔަތް ދޭ ބިންގާ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ.)ގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީ މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޝައުގީ މިހެން ވިދާޅުވީ އެމް.އެން.ޔޫގައި ބޭއްވި، އެ ޔުނިވާސިޓީން، ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ ސޮލްމެކްސް ޖިއޯސިންތެޓިކްސް އޭޝިއާއާ ގުޅިގެން ބޭއްވި ދުނިޔޭގެ ފެންވަރުގެ، އައްސޭރިތަކާއި ގޮނޑުދޮށްތައް ހިމާޔަތް ކުރުމާ ބެހޭ ސެމިނާއެއް ހުޅުއްވައި ދެއްވަމުންނެވެ.
"އަޅުގަނޑުމެން މި ވަގުތު ވެސް މި ތިބީ ކުރިން ފަޅެއްގެ ގޮތުގައި އޮތް ތަނެއްގައި،" ކެނެޑާގެ ޓޮރޮންޓޯ ޔުނިވާސިޓީން ތައުލީމުގެ ދާއިރާއިން ޕީ.އެޗް.ޑީ ނަންގަވައިފައިވާ އަދި ކުރިން ތައުލީމާއި ފަތުރުވެރިކަމާއި އަދި މަދަނީ އުދުހުމުގެ ދާއިރާތަކުގެ ވަޒީރުކަން ކުރެއްވި ޑރ. ޝައުގީ ވިދާޅުވިއެވެ.
މެލޭޝިއާގެ ސަޕްލައި މެޓާސް ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި މި ސެމިނާ ބޭއްވުމުގެ މަގުސަދަކީ، ބިން ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި އިންފްރާސްޓްރަކްޗަރު ނުރައްކަލަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި އައްސޭރިތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ރާއްޖެ އެންމެ އިސް ރޯލު އަދާކުރާތީ ކަމަށެވެ.

ސެމިނާގައި ވާހަކަ ދެއްކެވި އިވާން ޓާން ފާހަގަ ކުރެއްވީ، ބޮޑުމިނުގައި 298 އަކަކިލޯމީޓަރުގެ ބިން، 1،192 މުރަކަ ޖަޒީރާ ރަށްތަކެއްގައި، 90،000 އަކަކިލޯމީޓަރުގެ ކަނޑު ސަރަހައްދަކަށް 26 އަތޮޅުތަކެއްގެ ގޮތަށް އިންޑިއާ ކަނޑުގައި ފެތުރިފައިވާ ދިވެހި ރާއްޖޭގެ 80 ޕަސެންޓްގެ ބިމަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ މީޓަރެއް މަތީ އުސްމިނުގައި ހުރި ރަށްރަށް ކަމަށެވެ. އަދި ރާއްޖޭގެ 400،000 ލައްކައެއްހާ އާބާދީގެ 40 ޕަސެންޓް ދިރިއުޅެނީ އައްސޭރިފަށާ ގާތްގަނޑަކަށް 100 އެއްހާ މީޓަރު ކައިރީގައެވެ.
ރާއްޖޭގެ އިގުތިސާދުގެ ބިންގާ ކަމަށްވާ ގުދުރަތީ ރަށްތަކާއި ކަނޑުއަޑީގެ ދިރުންތައް ރައްކާތެރިކޮށްދެނީ މުރަކަތަކުގެ ނިޒާމެވެ. މިއީ ކަނޑުއަޑީގެ އާދަޔާ ހިލާފު ދިރުންތަކުގެ ނިޒާމުތަކުގެ މަސްދަރެވެ.
އިވާން ފާހަގަ ކުރެއްވީ 1987 ގައި ތިން މީޓަރުގެ އުސް ރާޅެއް މާލެއަށް ގެއްލުން ދިން ކަމަށެވެ. އަދި 2004 ގައި އިންޑިއާ ކަނޑަށް އައި ސުނާމީގައި 108 ދިވެހިން މަރުވެފައިވާ ކަމަށެވެ.
އޭނާ ފާހަގަ ކުރެއްވީ 1987 އިން 2006 އަދި 2007 އިން 2021 ކަމަށްވާ ދެ ދަހަރުގެ ހަގީގަތްތަކަށް ބަލައިފި ނަމަ އެއިން ކޮންމެ އަހަރަކު ލޮނުގަނޑުން ކުރިމަތިވާ ނުރައްކާތައް 0.7 ޕަސެންޓް ބޮޑު ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ 1992 އާއި 2015 ވަނަ އަހަރާ ދެމެދު ކަނޑުގެ ލޮނުގަނޑު އަހަރަކު ނިސްބަތުން ހަތަރު މިލިމީޓަރު އުފުލެމުން ގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ބޭންކް ރިޕޯޓަށް ބަލައިފި ނަމަ، 2100 ވަނަ އަހަރާ ހަމައަށް 0.5 މިލިމީޓަރާއި 0.9 މިލިމީޓަރާ ދެމެދުގެ އަދަދަކަށް ކަނޑުގެ ލޮނުގަނޑު އުފުލުން އެކަށީގެންވާ ކަމަށެވެ. އެއީ އަހަރަކު ހަ މިލިމީޓަރާއި 12 މިލިމީޓަރާ ދެމެދުގެ އުސްމިނަކަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް އަންދާޒާ ކުރެވިފައިވާތީއެވެ.
ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުންނާއި އިންޖިނިއަރުންނާއި ކަމާ ބެހޭ ދިވެހި ފަންނީ މާހިރުން ބައިވެރިވި ސެމިނާގައި ވަނީ، އައްސޭރިފަށްތައް ހިމާޔަތް ކުރުމަށް އެޅިދާނެ ގުދުރަތީ، އީޖާދީ ފިޔަވަޅުތަކަކީ ކޮބައިކަމަށް ބަލައިލައިފައެވެ.

އެ ގޮތުން ސެމިނާގައި ވާހަކަ ދައްކަމުން އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ މުއައްސަސާ ކަމަށްވާ މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)ގެ ސެލްފް-އެސެމްބްލީ ނުވަތަ މާއްދާ އޭގެ އަމިއްލަ ޒާތުގައި ގުދުރަތީ ގޮތުން ވިލަރެސްވަމުން އަންނަ ގޮތް ތަހުލީލު ކުރާ ލެބޯޓްރީ އުފެއްދި ޕްރޮފެސަރު ސްކައިލާ ޓިބިޓްސް ބުނީ ރާއްޖޭގެ ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ފަރާއި ފަޅާއި އަދި ކަނޑޫފާތައް ގުދުރަތީ ގޮތުން މާހައުލުތަކުގައި އަތުރައިލައިނެ ފަދަ މާއްދާތައް އެކުލެވޭ އާލާތްތަކުން ރާއްޖޭގައި ކުރި ތަހުލީލުތައް ކާމިޔާބު ކަމަށް ދައްކައި ކަމަށެވެ.
"ވެލި އަންނަނީ ކޮން ތަނަކުން ކަމެއް ނޭނގޭ. ނަމަވެސް ބައެއް ފަހަރަށް ތިން މީޓަރު މައްޗަށް ވެސް ވެލި ފުނި އެބަ ޖެހޭ. އަދި އެހެންމެ އެއް މޫސުމުގައި ތުނޑިއެއް އުފެދިފައި އަނެއް މޫސުމުގައި ނެތިގެން ގޮސްފައި އަނެއް މޫސުމަށް އަލުން އެނބުރި ވެސް އެބައާދޭ. މިއީ މާއްދާގައި ހުންނަ ހަކަތަ ގުދުރަތީ ގޮތުން ހަރަކާތް ކުރާ ގޮތާ ގުޅިފައިވާ ކަމެއް،" ރޫހާނީ ބާރާއި މާއްދިއްޔަތާ ހުރި ގުޅުމާ ބެހޭ ގޮތުން ފަލްސަފާއި އަދި ސައިންސްގެ ނަޒަރަކުން ބަލައިލަމުން އޭނާ ބުންޏެވެ.



advertisment

