އުމުރުން 18 އަހަރުގައި އޭ-ލެވެލްގެ 24 މާއްދާއިން އޭ ފާސް ހޯދި ކުއްޖެއް އޭނާ ނޫނީ ނެތެވެ. ބްރިޓިޝް-ޕާކިސްތާނީ ދަރިކޮޅުގެ މަހުނޫރު ޗީމާގެ މި ކާމިޔާބީގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.
މަހުނޫރަކީ ޔުނައިޓެޑް ކިންގްޑަމްގައި ބަރިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ލާހޫރަށް އުފަން އުސްމާން ޗީމާއާއި ތައްޔަބު ޗީމާގެ ދަރިއެކެވެ. މަހުނޫރުގެ މައިންބަފައިން ވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް 2006 ގައި އިނގިރޭސިވިލާތަށް ބަދަލުވެފައެވެ. މަހުނޫރު އުފަންވެފައި ވަނީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް 2010 ގައި އަލުން ޕާކިސްތާނަށް ބަދަލުވެފައި ފަހުން، 2016 ގައި އަނބުރާ އިނގިރޭސިވިލާތަށް ހިޖުރަކުރިއެވެ.

މަހްނޫރަކީ ކުޑައިރުއްސުރެ އުނގެނުމަށް ލޯބިކުރާ، އާދަޔާ ޚިލާފަށް ހަނދާން ގަދަ ކުއްޖެއްކަން އޭނާ އަމިއްލައަށް ވެސ ފާހަގަކުރެއެވެ. އޭނާގެ ތަޢުލީމީ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައި ވަނީ އޭނާގެ މަންމަގެ ފަރާތުން ކަމަށް މަހްނޫރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. އެންމެ ހަގު އުމުރުން ފެށިގެން މަހްނޫރަކީ އެހެން ކުދިންނާ ތަފާތު ޚާއްޞަ ސިފަތަކެއް ހުރި ކުއްޖެއްކަން އޭނާގެ ވަށައިގެންވާ އެންމެންނަށް ވަނީ ފާހަގަކުރެވިފައެވެ.
މަހްނޫރުގެ އުމުރުން ހަ އަހަރުގައި އޭނާ ވަނީ ހެރީ ޕޮޓަރގެ ހަތް ފޮތް ކިޔައި ނިންމައިފައެވެ. އަދި އުމުރުން 11 އަހަރުގައި އޮކްސްފޯޑް އިނގިރޭސި ބަހުގެ މުޅި ރަދީފު ހިތުދަސްކުރިއެވެ. މިއީ އޭނާގެ ތަފާތުކަން ދައްކުވައިދޭ ކަންތައްތަކުގެ ތެރެއިން ހިމެނޭ ބައެއް ކަންތައްތަކެވެ.
"އަހަރެން ފޮތެއް ކިޔައިލީމާ އޭގައި ހުރި ހުރިހާ މަޢުލޫމާތެއް ސީދާ ބޮލަށް ވަދެއެވެ. ނޯޓު ނަގާކަށް ނުޖެހޭ. އަހަރެންނަށް ހީވަނީ ނޯޓު ނެގުމަކީ ވަގުތު ބޭކާރުކުރުންހެން. އަހަރެންގެ ހަނދާނަކީ ފޮޓޯގްރެފިކް މެމޮރީއެއް ނޫންކަން ކަށަވަރު. އެކަމަކު ވަރަށް ރަނގަޅު ހަނދާނެއް!" މަހުނޫރުގެ މި ބަސްތަކުން ހާމަވަނީ އޭނާގެ ދަސްކުރުމުގެ ޤާބިލުކަމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ.

މަހުނޫރު ހާސިލްކުރި ދުނިޔޭގެ ރެކޯޑުތައް:
- އެކްސްޓެންޑެޑް ޕްރޮޖެކްޓް ކޮލިފިކޭޝަން (އީޕީކިއު) އާއެކު 24 އޭ-ލެވެލް މާއްދާއިން އެއްފަހަރާ ބައިވެރިވެ ފާސްވުން.
- އޭ-ލެވެލްގެ 11 މާއްދާއިން އޭ* އަދި އަށް މާއްދާއިން އޭ ގްރޭޑް ހޯދައިގެން ދުނިޔޭގެ އެންމެ މަތިން އޭ-ލެވެލްގައި ފާސްވުން.
- އޯ-ލެވެލް އަދި އޭ-ލެވެލް މާއްދާތައް އެއްކޮށްލައިގެން އެންމެ ގިނަ އޭ* ގްރޭޑް (ޖުމްލަ 45) ހާސިލުކުރުން.
- އެންމެ ގިނަ މާއްދާތަކުން (24 އޭ-ލެވެލް އަދި 34 އޯ-ލެވެލް: ޖުމްލަ 58 މާއްދާ) ފާސްވުން.
މަހްނޫރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޓެޑް ޓޯކެއް ދިނުމެވެ. އޭނާގެ ޝައުޤުވެރިކަން އެންމެ ބޮޑަށް ހުރީ ހިސާބާއި ސައިންސްގެ މާއްދާތަކަށް ކަމުގައިވިޔަސް، ފިލްމު ދިރާސާކުރުމާއި ފަރަންސޭސި ބަސް ދަސްކުރުމަށްވެސް ޝައުޤުވެރިކަން ފާޅުކުރެއެވެ. މިއީ އޭނާގެ ފުޅާ ދާއިރާގެ ޝައުޤުވެރިކަމުގެ ހެއްކެކެވެ. އޭނާ ދެކެނީ އުނގެނުމުގެ އަސްލު މަޤްޞަދަކީ މަޢުލޫމާތު އުނގެނުމާއި ޢިލްމު އުނގެނުން ކަމާއި، އިމްތިހާނަކީ ހަމައެކަނި އެކަން ސާބިތުކޮށްދޭ ވަސީލަތެއްކަމެވެ.
"އެންމެ ހިތްހަމަޖެހުން ލިބެނީ އެއްޗެއް އުނގެނި ދަސްކުރާ ވަގުތު. އިމްތިހާނުގައި ބައިވެރިވަނީ ހަމައެކަނި ސަނަދު ހޯދުމުގެ ބޭނުމުގައި. އެއީ ދުނިޔެއަށް ސާބިތުކޮށްދޭން ކުރަންޖެހޭ ކަމެއް ގޮތުގައި އަހަރެން ބަލަނީ،" އޭނާ ބުންޏެވެ.
މަހްނޫރުގެ ދިރިއުޅުމުގައި އޭނާގެ މަންމަގެ މަންމަ އަދާކޮށްފައިވާ މުހިންމު ދައުރު އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއެވެ. މަހްނޫރު ބޮޑުވަމުން އައި ދުވަސްވަރު، އޭނާގެ މާމަ އަބަދުވެސް ކިޔައިދޭ ވާހަކައެއް އޮވެއެވެ. އެއީ މަހްނޫރުގެ މަންމައާއި ބޮޑުބޭބެއަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށްޓަކައި، ފަގީރު ސަރަހައްދަކުން ފުރުޞަތުތައް ގިނަ ތަނަކަށް ދިރިއުޅުން ބަދަލުކޮށްލި ވާހަކައެވެ. މި ވާހަކައިން މަހްނޫރަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، އާދައިގެ މީހުންނަށް ވެސް ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އެމީހުންގެ އަމާޒަށް ވާސިލުވެވިދާނެކަމުގެ ޔަޤީންކަމެވެ.

"އަހަރެން ދެކޭގޮތުގައި މިއީ އަހަރެންނަށް ހާސިލުވި ކާމިޔާބީއަށްވުރެ ބޮޑަށް އަހަރެންގެ މައިންބަފައިންގެ ކާމިޔާބީއެއް. އަމިއްލަ ޤައުމާއި، ޢާއިލާ ދޫކޮށް އެހެން ޤައުމަކަށް ކިޔަވަން ބަދަލުވުމަކީ ހަޔާތުގައި އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް އަދި ވެވޭ ބޮޑު ގުރުބާނީއެއް. އެ ފިޔަވަޅު އެމީހުން ނެގީ އެމީހުންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމުގެ ނިޔަތުގައި. އެކަމަށްޓަކައި އަހަރެން ޝުކުރުވެރިވަން،" މަހުނޫރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މަހުނޫރު ތަޢުލީމު ހާސިލުކޮށްފައިވަނީ ލަންޑަންގެ ދެ ސްކޫލެއްގައެވެ. އަދި އެންމެ ފަހު އަހަރު އޭނާ ތަޢުލީމު ހާސިލުކުރީ ގޭގައި މަޑުކޮށްގެންނެވެ. މަހުނޫރަކީ ކިޔެވުމުގެ އިތުރުން ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވާ، އަދި ހަފްތާއަކު އެއްފަހަރު ހޮސްޕިޓަލަކަށް ހިލޭސާބަހަށް މަސައްކަތްކުރަންދާ ހީވާގި ދަރިވަރެކެވެ.

ސްޓީފަން ހޯކިން އަދި އަލްބަޓް އައިންސްޓައިންގެ އައިކިއު އަށްވުރެ މަތިކަމަށް އެނގިފައިވާ މަހްނޫރުގެ މިހާރުގެ އަމާޒަކީ މެޑިސިންގެ ދާއިރާއިން، ހާއްސަކޮށް ނިއުރޯސާޖަރީން ކުރިއެރުން ހޯދުމެވެ. އޭނާއަށް މިހާރު ވަނީ ތަޢުލީމީ ރޮނގުން އެންމެ ޝަރަފުވެރި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވަން ފުރުޞަތު ލިބިފައެވެ. މިއީ އޭނާ ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ.
"އަހަރެންނަށް ވަނީ އޮކްސްފޯޑް ޔުނިވަރސިޓީން ޖާގަ ކަށަވަރުވެފައި. އަހަރެން އޮކްޓޯބަރުގައި އޮކްސްފޯޑަށް ގޮސް މެޑިސިން ކިޔަވަން ފަށާނަން. އަހަރެންނަށް މިނޫން އެހެން އެއްވެސް ޔުނިވާސިޓީއެއްގައި ކިޔެވުން ތަޞައްވުރު ކުރެވިފައެއް ނެތް،" މަހުނޫރު ބުންޏެވެ.
މަހުނޫރުގެ ކާމިޔާބީތަކާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާގެ ބައްޕަ އުސްމާން ޗީމާ ބުނީ އޭނާއަށް މަހުނޫރު އަބަދުވެސް ސިފަކުރެވެނީ "ޕާކިސްތާނުގެ އަންހެން ދަރީ"ގެ ގޮތުގައި ކަމަށާއި، މަހުނޫރަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ޕާކިސްތާނަށް ލިބޭ ކާމިޔާބީއެއް ކަމުގައެވެ.



advertisment