Support Us

ތުރުކީން ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްފި

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ޚިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ޙަވާލުކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދެއްކިއެވެ. ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް