އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖުގައި އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާ ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި ޚާއްސަ ބައިވެރިއެއްކަމުގައި ފާހަގަކުރައްވައި، މިއަދު ފާހަގަކުރަމުންދާ މިނިވަންކަމަކީ އިންޑިއާގެ ރައްޔިތުންގެ ރޫޙާއި ކާމިޔާބީގެ ނިޝާނެއްކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށާއި، މިއީ އެތަށް އަހަރެއްގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއްކަމުގައި، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރަކީ، ދެޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނު އަހަރެވެ.



advertisment