Support Us

ދޮންފަނުގެ ފެނާއި ނަރުދަމާއަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ޢަމަލީ މަސައްކަތް ފަށާނަން: ރައީސުލްޖުމްހޫރިއްޔާ

ބ. ދޮންފަނުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ދޮންފަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޙަވާލުވެފައިވާ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން ނުލިބުމުގެ މައްސަލަ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުން ބޭރުން އަދި ރާއްޖެއިން ބޭރުން ނަމަވެސް މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖައްސަވައި ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެމް.ޑަބްލިޔު.އެސް.ސީ އަށް އަންގަވައިފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ އެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި ބާރު ސްޕީޑްގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ދޮންފަނުގައި މިއަދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ، ދޮންފަނު ސްކޫލްގެ ހަ ކްލްކާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދޮންފަނު ބަނދަރު ނެރު ބަދަލުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ.

މި އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދެ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމިގެން އަންނައިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި އެ މަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ބަނދަރުގެ މައްސަލައަށް ހައްލު ލިބި ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ހެދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރުމަށް ނިންމަވާފައިވާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުޓުބޯޅަ ދަނޑު ފުރިހަމަކޮށް، ފުޓްސަލް ދަނޑު ހަދާއިރު ހޭންޑްބޯލް ކުޅެވޭ ގޮތަަށް ދަނޑު ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، މި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ދޮންފަނުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް