އެކަކުވެސް ހީނުކުރަމާ! އަހުރެން ނުލައި ނުމެ ވާނެޔޭ
އެކަކު ދުނިޔޭގައި ނެތަސް ﷲ ކުޅަދުން ވަންތަޔޭ
އަހުރެނާ އަދި މީނަޔާ އަދި އޭނަޔާ އެކުގައި ނެތަސް
ރަޙްމަތުގެ މާތް ރައްބުއަށް ކުޑަ އުނިކަމެއްވެސް ނާދެޔޭ
މައިންބަފައިން ނެތިގެންދިއައިމާވެސް އެވާއިޙްސާސްތަކަށް
މައިން ބަފައިން ނެތިވެސް އުޅޭނެގޮތެއް އިރާދަ ކުރައްވަޔޭ
ލޮލުގެ އަލިކަން ގެއްލުނީމާ ހީވިޔަސް ގޮތްހުސްވިހެން
ލޮލުގެ ނޫރެއް ހިތުގެ އެތެރޭގައި އިލާހީ ލައްވަޔޭ
ފައިގެބާރެއް ނެތި ނުހިނގި އޮންނަންޖެހޭ ފަދަ ޙާލަތުން،
ފައިގެބާރެއް ދެއަތުގައި ލެއްވުންމެ ކުޅަދުން ވަންތަޔޭ
ވޭތުކުރަމުންދާ ޙަޔާތުގެ ބައިވެރިން ނެތިގެން ދިޔަސް
ވަޭތުކުރި އެ ޙަޔާތަކަށް ވުރެ ފޮނި ޙަޔާތެއް ދެއްވަޔޭ
ބަސްނުމޮށެވޭ ނުކުޅެދޭ ނޫންނަމަ އެއީކުޑަ ކުއްޖަކަށް،
އަތް ފައިންނާ އަދި އިޝާރާތުން، އެދޭގޮތް ބުނެދެޔޭ
ޅަފަތުގައި ހުރިހާދަރީން ނެތިގެންދިއައިމާ ދެރަވެފައި،
އަސަރުގައި ތިއްބާ ފަހުން މާ ހެޔޮ ދަރީންވެސް ދެއްވަޔޭ
ދުނިޔެއަށް ނެތުމުގެތެރެއިން އަޅަމެން ފޮނުއްވި އިލާހަކަށް،
އުނިކަމެއް ދެވިދާނެ މަޚްލޫގެއް ހިލާ ނުމެ ވާނެޔޭ
