ބާސްކެޓްބޯޅައިގެ ތަމްރީނުތަކަށް ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން ނިންމައި ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
"މިއެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސް އަށް ޚާއްސަކުރެވިފައިވާ ތަނަކަށެވެ. އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް ތްރީ އޮން ތްރީ ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި، މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ." ބީއެމްއެލްއިން ނެރުނި ބަޔާނެއްގައި ބުންޏެވެ. "ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށެވެ."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ބޭންކެއްގެ ހައިސިއްޔަތުން، "ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުން އަންނަ ކުޅިވަރެއް ކުރިއެރުވުމަށް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް" ކަމަށެވެ.
"މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިޔުން،" ޝަރީފު ވިދާޅުވިއެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި. މި އެއްބަސްވުމާއެކު އަޅުގަނޑުމެންގެ އެތުލީޓުންނަށްވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ،" އަހުމަދު ވިދާޅުވިއެވެ.



advertisment

