Support Us

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް

ދެވަނަ ކުއާޓަރުގައި ބީ.އެމް.އެލްގެ ފައިދާ ބޮޑުކޮށްފި

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ބޮޑުކޮށް ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހޯދައިފިއެވެ.

ބީ.އެމް.އެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 558 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %24ގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅައިބަލާއިރު %12ގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %6 ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދަކީ 21.3 ބިލިއަން ރުފިޔާއެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

މި ނަތީޖާއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް" ކަމަށެވެ.

"މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފައިފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާއެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން،" ޝަރީފު ވިދާޅުވިއެވެ.

ވޭތުވެދިޔަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55ރ.ގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުވެސް މި ކުއާޓާގައި ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށް ކ. ހުރާގައި އޭޓީއެމް ވަނީ ބަހައްޓައިފައެވެ. މިއާއެކު ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވަނީ އޭޓީއެމް ޚިދުމަތް ގާއިމްކޮށްފައެވެ.

އަދި މީގެ އިތުރުން މި ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ވަނީ "އީއެންވީ ޕީއޯއެސް" ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިން ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތެއް ފޯރުކޮށްދެއެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *