ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސެއިން މުހައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ރައީސް ސޯލިހް މިއަދު ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި މަރްހޫމް ހުސެއިން މުހައްމަދުގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލެއްވުމަށާއި ސުވަރުގޭގެ މަތިވެރި ނިއުމަތްތައް މިންވަރުކޮށްދެއްވުމަށާއި އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުއާކުރައްވާ ކަމަށް ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފި pic.twitter.com/AqAllKdU4B
— People's Majlis (@mvpeoplesmajlis) September 6, 2020
ތައުލީމީ، މީޑިއާ އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހުސެއިން މުހައްމަދު، 71، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރީ ޓޮޕް ހޮސްޕިޓަލްގައި އިއްޔެ ރޭ ފަތިހުއެވެ.
ހުސެއިން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސް މަޤާމުތައް އަދާކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.
ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެގޮތުން ޓީ.ވީ. މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީ.ވީ.އެމްގެ އިސްވެރިކަން ނުވަތަ ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކާ ހަމައަށް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހެޅުއްވި ހުސެއިން މުހައްމަދަކީ ބީ.ބީސީ ރޭޑިއޯގެ ޚަބަރު ދިވެހި ބަހަށް ތަރުޖަމާކުރެއްވުމަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ.



advertisment