ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ފާޅުކަން ބޮޑުކޮށް ޗެނަލް13ގެ ޕްރޮގްރާމެއްގައި ގޮވި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 47 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިދިކޮޅު ޕީ.ޕީ.އެމަށް ތާއީދުކުރާ ޗެނަލް13 އިން ބުރާސްފަތި ދުވަހު މެންދުރު އެކެއް ޖެހިއިރު ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި މީހަކު ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ބުނި މައްސަލަ އާއި އެމީހާގެ އަޑު ކަނޑާނުލާ އެ ޗެނަލުން ޓެލެކާސްޓް ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އެކަން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަންގެ ސަމާލު ކަމަށް އެކަން އައިސްފައިވާ ކަމަށާއި އެކަން ބަލާނެ ކަމަށެވެ.
ޗެނަލް13 ގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެ މީހާ ބުނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް، ވާހަކައަކީ، އިބްރާހިމް މުހައްމަދު ސޯލިހްގެ ގައިގައި (އުނިކޮށްފައި). ދެން އިތުރު ވާހަކައެއް ނެތް އިނގޭތޯ،" އެ މީހާ ބުނެ އެވެ. އަދި އޭނާ ވާހަކަ ދައްކައި ނިމެންދެން މަޑުކުރުމަށްފަހު، ޕްރޮގްރާމްގެ އެންކަރަކަށް އިން އަންހެން ކުއްޖާ ފަސް ސިކުންތެއްހާއިރު ފަހުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވީތީ އެމީހާ އަށް ޝުކުރު އަދާކޮށްފައެވެ. އެ މީހާ ދެއްކި ވާހަކަ ހުއްޓުވަން ވެސް މަސައްކަތެއް ނުކުރެއެވެ. އަދި އެ ވާހަކަ ކުށްވެރިކޮށް ވެސް އެއްޗެއް ނުބުނެ އެވެ. އަދި އެއީ ލައިވް ބްރޯޑްކާސްޓެއްގައި ބުނެވިގެންވާނެ އެއްޗެއް ނޫން ކަމަކަށް ވެސް ނުބުނެއެވެ. އަދި މާފަކަށް ވެސް ނޭދެއެވެ.
ނަމަވެސް، ޗެނަލް13 އިން ފަހުން ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއް ނެރެފައެވެ.



advertisment