Support Us

އެމެރިކާއިން އީރާނަށް ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން މިވަނީ މާބޮޑަށް މައްޗަށް ގޮސްފައެވެ. މިފަހަރު މި މައްސަލަ ހަމައެކަނި ބިރު ދެއްކުމަކުން ނުވަތަ ދިފާޢީ އިންޒާރު ދިނުމަކުން ނިމިގެން ނުދާނެއެވެ. ރައީސް ޓްރަމްޕް އެންމެ ފަހުން އެ ކުރި އިޢުލާނަކީ ދުނިޔެ އެ ނިންމުމަކަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ނިންމުމެކެވެ.

އެމެރިކާގެ މީޑިއާ އޮގަނައިޒޭޝަން "ޑެއިލީ މެއިލް" އިން ބުނާ ގޮތުގައި ރައީސް ޓުރަމްޕް ވަނީ އީރާނަށް ހަމަލާ ދިނުމުގެ "ޓައިމްލައިން" ފައިނަލް ކޮށްފައިވާކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައެވެ. އެ ނޫހުން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ "ހާލަތު ފުރިހަމައަށް ވަޒަންކުރުމަށްފަހު" އަދި އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ސިޔާސަތެއްގެ ތެރެއިންނެވެ.

ޓުރަމްޕްގެ މި ބަޔާނާ ގުޅިގެން މެދުއިރުމަތީގަޔާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބިރުވެރިކަމާއި ރުޅިވެރިކަމުގެ އާ ރާޅު ބާންޏެއް ވަނީ އުފެދިފައެވެ. ޓެލްއަވީވްގެ މުހިއްމު ޢިމާރާތްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް އިޒުރޭލުގެ ބައެއް އަމާޒުތަކަށް އީރާނުން އަންނަނީ މިހާރުވެސް މިސައިލް އަދި ޑްރޯން ހަމަލާތައް ދެމުންނެވެ. އިޒުރޭލުންވެސް ވަނީ ތެހެރާން، ނަތަންޒް، އަދި އިސްފަހާންގެ މުހިންމު އަދި ނާޒުކު ތަންތަނަށް ބޮން އަޅައިފައެވެ. މިފަދަ ހާލަތެއްގައި އެމެރިކާ އަމިއްލައަށް، މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ދުނިޔޭގެ ބޮޑު ސަރަހައްދެއް ހަނގުރާމައިގެ ތެރެއަށް ވެއްޓިދާނެއެވެ.

ޓްރަމްޕާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާއިން މިވަގުތު ޑިޕްލޮމެޓިކް ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. ނަމަވެސް އީރާނުން ނިއުކުލިއަރ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ، ނުވަތަ އިޒުރޭލަށް ހަމަލާދިނުން ހުއްޓާނުލައިފިނަމަ ސީދާ ފިޔަވަޅު އަޅަން ވޮޝިންޓަނުން ފަސްނުޖެހޭނެއެވެ. އަނެއްކޮޅުން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަރަށް ސާފު ބަހުން ވިދާޅުވެފައި ވަނީ "އެމެރިކާއިން އަހުރެމެންގެ ބިމުގައި ފައިއަޅަން މަސައްކަތް ކޮށްފިނަމަ ތެލް އަވީވް އަންދާ އަޅިއަށް ހަދާލާނަމެވެ."

ޙާލަތު މިހާރު ގޮސްފައިވާ ހިސާބުން ކުރިއަށް އޮތް ކޮންމެ ހިނދުކޮޅަކީވެސް އާ މުސީބާތެއްގެ ފެށުމަށް ވެދާނެއެވެ. މި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދާއި ތެލުގެ ބާޒާރާއި ވައިގެ ދަތުރުފަތުރާއި އަދި އދ. ވެސް ވަނީ ތުރުތުރު އަޅައިފައެވެ. އެކަމަކު ޓްރަމްޕްގެ އެންމެ ފަހުގެ ބަޔާނުން ސާބިތުވާ ގޮތުގައި އެމެރިކާއިން ދެން ގަސްތުކުރަނީ ފަސްމަންޒަރު ބަލަން މަޑުން ނޯވެ، އެންމެ ކުރީ ސަފަށް ނުކުމެ އީރާނާ ހަނގުރާމަ ކުރުމަށެވެ.

މި ނިންމުމަކީ ހަމައެކަނި އީރާނާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި، މިއީ އެމެރިކާގެ ބާރު ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ވާސިލްވުމުގެ ގާބިލްކަން އަދިވެސް އެމެރިކާއަށް ލިބިފައިވާކަން ދުނިޔެއަށް ގަބޫލުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޓްރަމްޕު ބުނެފައިވެއެވެ. މިހާރު، ސުވާލަކީ ހަމަލާ ދޭނެތޯ ނުވަތަ ނޫންތޯ އެއް ނޫނެވެ. ހަމައެކަނި ސުވާލަކީ މި ހަމަލާ ދޭނީ ކޮން އިރަކުތޯއެވެ. އަދި މީގެ ނަތީޖާ އަކީ ކޮބައިތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *